ހަބަރު

އަދީބުގެ ވަކީލުންގެ މައްޗަށް ތުހުމަތުތަކެއްކޮށް ފޯނު ހިފަހައްޓައިފި

އަދީބުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖާއި މަހުފޫޒު ސައީދުގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް، ތިން މަސް ދުވަހަށް ކޯޓު އަމުރެއްގެ ދަށުން ދެ ވަކީލުންގެ ފޯނު ހިފަހައްޓައިފި އެވެ.

މޫސާ ސިރާޖު ވިދާޅުވީ، ތިން ތުހުމަތެއް ދެ ވަކީލުންނަށް ވެސް ފުލުހުންކުރާ ކަމަށާއި ދޮގު ހަބަރެއް ފެތުރުމާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާއަކަށް ސައްހަ ނޫން މައުލޫމާތެއް ދިން ކަމުގެ ތުހުމަތާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ މަސައްކަތަކަށް ހުރަސްއެޅުމުގެ ތުހުމަތެވެ.

ދެ ވަކީލުންނަށް މި ތުހުމަތުކުރަނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރާ ކަމަށް ބުނެ ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި އެ މައުލޫމާތު ވަކީލުންނާ ހިއްސާކުރައްވާފައިވަނީ ފުލުހެކެވެ.

މޫސާ ސިރާޖު ވިދާޅުވީ، އެ މައުލޫމާތު ހިއްސާކުރި ފުލުހުންގެ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ކަމަށާއި، އެކަން ކޮށްފިނަމަ ފުލުހުންނާއި އަދީބުގެ ރައްކާތެރިކަމަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. މުހިންމީ އެއީ ކޮން ފުލުހެއްތޯ ބެލުން ނޫން ކަމަށާއި އަދީބު އަވަހާރަކޮށްލަން ރާވާކަމުގެ މައްސަލަ ތަހުގީގުކުރުން ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

މަހުފޫޒު ވިދާޅުވީ، މައްސަލައެއް ހުށަހަޅާއިރު، އެ މައުލޫމާތެއް ލިބުނު ފަރާތެއް ކޮންމެހެން ހާމަކުރަން ނުޖެހޭ ކަމަށެވެ.

ދޫނިދޫ ގޮޅީގައި އަދީބު އޮންނަވާ ގޮޅި ކަމަށް ބުނާ ގޮޅީގެ ފޮޓޯއެއް އާންމުވި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ފޮޓޯގައި ފެންނަނީ އަދީބު ކަމަށް ވަކީލުން ވިދާޅުވެ އެވެ. ނަމަވެސް ފުލުހުން އެކަން ޔަގީންކޮށް ނުދެ އެވެ. ފޮޓޯ އާންމުވެފައިވަނީ އެކަމުގެ ފަހަތުގައި ފުލުހެއް ހުރެގެން ކަމަށް ބެލެވެ އެވެ.