ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައި ޒުވާނާ މަރުވެއްޖެ އެވެ. ޒުވާނާއަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، ޒަހަމްތަކާއެކު ހޮސްޕިޓަލަށް މިރޭ ގެނައި ޒުވާނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އެކަމުގެ ރިޕޯޓް ލިބުނީ މިރޭ 21:16 ހާއިރު ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ބޮޑެތި ޒަހަމްތަކަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ރ.މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް ނަމަކަށް ކިޔާ 24 އަހަރުގެ ޒުވާނެކެވެ.
އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ލިބިފައިނުވީ ނަމަވެސް އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ޒުވާނާއަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. އޭނާއަށް ހަމަލާދިން ސަރަހައްދަށް ގިނަ އަދަދެއްގެ ލޭ ވެސް ވަނީ އޮހޮރިފަ އެވެ. އޭނާއަށް ހަމަލާދިނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
މިރޭ ޒުވާނެއް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާއިރު، މިދިޔަ ހަފުތާ ކެފޭއެއް ތެރޭގައި އިން ޒުވާނެއްގެ ބޮލަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން އެ ޒުވާނާ ވަނީ މަރުވެފަ އެވެ. އޭގެއިތުރުން ވެސް މާރާމާރީތަކެއް މިދިޔަ ހަފުތާ ތެރޭގައި ހިނގާފައިވެ އެވެ. އަދި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.