ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް އިތުރު ކުރުމަށް ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައެޅި މުއްދަތު ހަމަވެއްޖެ އެވެ. މުއްދަތު ހަމަވިިއިރު ވެސް ހައިކޯޓަށް ފަނޑިޔާރުން އިތުރު ކުރެވިފައެއް ނުވެ އެވެ. ހައިކޯޓްގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.
ހައިކޯޓުގެ ފަނޑިޔާރުން އިތުރު ކުރުމަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެ އިސްލާހުގައިވާ ގޮތުން އަދަދު ހަމަކުރުމަށް ބޭނުންވާ ފަނޑިޔާރުން އިސްލާހު ފާސްކޮށް، ގެޒެޓްކުރެވޭތާ ތިން މަސް ތެރޭގައި އައްޔަންކުރަން ޖެހޭނެ އެވެ.
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެތައް ފަހަރަކު އިއުލާންކޮށްފައިވެ އެވެ. މުއްދަތު ހަމަވިއިރު ފަނޑިޔާރުން އައްޔަން ކުރެވިފައިނުވި ނަމަވެސް އެންމެ ފަހުން އެކަމަށް އިއުލާން ކުރުމުން ކުރިމަތިލެއްވި ބޭފުޅުންނާ މިހާރު ވަނީ އިންޓަވިއުކޮށްފަ އެވެ.
އިސްލާހު ގެނައުމުގެ ކުރިން ގާނޫނުގައިވާ ގޮތުން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހެނު ނަމަވެސް އެ ކޯޓުގައި މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އެއީ ހައިކޯޓުގައި ހަތަރު ފަނޑިޔާރުން އަދި ދެކުނު ގޮފީގައި ތިން ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ހައިކޯޓުގައި ފަނޑިޔާރުން މަދުވެ މައްސަލަތައް މަޑުޖެހިފައިވާތީ ސުޕްރީމް ކޯޓުން މިފަހުން ވަނީ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން ކުރިއަށް އޮތް ތިން މަސް ދުވަހު މާލޭ ހައިކޯޓުގައި މަސައްކަތް ކުރުމަށް އަންގާފަ އެވެ. އެ ތިން ފަނޑިޔާރުން މިހާރު ވަނީ އެގޮތުގެ މަތިން މަސައްކަތް ކުރައްވަން ފައްޓަވާފަ އެވެ.
އެ ބަދަލާއެކު ދެކުނު ގޮފީގެ ޝަރީއަތްތައް ހުއްޓިފައިވާއިރު އުތުރު ގޮފީގެ މަސައްކަތް އަދިވެސް ފެށިފައިނުވެ އެވެ. އެ ގޮއްޕަށް ފަނޑިޔާރުން ވެސް ވަނީ ހަމަނުޖެއްސި އެވެ. ވަރަށް ފަހުން ގޮފިތަކުގެ ފަނޑިޔާރުން ބަދަލުވާ ގޮތަށް ގަވައިދެއް ވެސް ހަދާފައިވެ އެވެ.
އެ ގަވައިދުގައިވާ ގޮތުން ކުރިންސުރެ ހައިކޯޓުގައި މަސައްކަތް ކުރައްވަމުންދާ ފަނޑިޔާރުން ގޮފިތަކަށް ހަމަޖައްސަންވާނީ ވަކި މުއްދަތަކަށް ބަދަލުވާ އުސޫލުންނެވެ. ބަދަލުވާ އުސޫލަކީ ގޮފީގައި ވަކި މުއްދަތަކަށް މަސައްކަތް ކުރެއްވުމަށްފަހު ކުރިން މަސައްކަތް ކުރެއްވި ތަނަށް އެ ފަނޑިޔާރަކު ބަދަލުވުމެވެ. އަމިއްލަ އެދިގެން ފަނޑިޔާރަކަށް މަސައްކަތް ކުރާ ގޮފި ބަދަލު ކުރެވޭނީ އެ ތަނެއްގައި މަސައްކަތް ކުރާތާ މަދުވެގެން އެއް އަހަރުވުމުންނެވެ.