ޝަރުއީ ދާއިރާ

ދެކުނު ގޮތްޕަށް ފަނޑިޔާރުން ވަޑައިގަތުން އިންތިޒާމްކޮށްދީފި

ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން މާލޭ ހައިކޯޓުގައި މަސައްކަތް ކުރައްވަން ވަޑައިގެންނެވި ދެކުނު ގޮފީގެ ތިން ފަނޑިޔާރުން އަނބުރާ އައްޑޫއަށް ވަޑައިގަތުމުގެ އިންތިޒާމް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހަމަޖައްސައިފި އެވެ.

އެ ޑިޕާޓްމެންޓްގެ މީޑިއާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ، އިއްޔެގެ ނިޔަކަށް އެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގެންނެވުމުގެ އިންތިޒާމް އެ ޑިޕާޓްމެންޓުން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ނަމަވެސް ފަނޑިޔާރުން ވަޑައިގެންނެވިކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.

ދެކުނު ގޮފީގެ ފަނޑިޔާރުން ތިން މަސް ދުވަސް ވަން ދެން ހައިކޯޓުގައި މަސައްކަތް ކުރައްވަން އެންގެވީ ސުޕްރީމް ކޯޓުގެ އަމުރުގަ އެވެ. އަމުރު ނެރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ކަމުން މިހާރު އޭގެ ފަހުން ގާތްގަނޑަކަށް ފަސް މަސްވީ އެވެ. އެ ފަނޑިޔާރުންނަށް މިހާރު ހައިކޯޓުގައި މަސައްކަތް ނުކުރެއްވޭނެ އެވެ.

އެ ފަނޑިޔާރުން އަލުން ދެކުނު ގޮތްޕަށް ވަޑައިގެންނެވުމުން ބައެއް މައްސަލަތަކުގެ ބެންޗަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހޭނެ އެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާން އެވެ. ފަނޑިޔާރު ސުޖާއު އުސްމާނު މާލެ ވަޑައިގެންނެވިތާ މިހާރު ވަނީ އެތައް ދުވަހެއްވެފަ އެވެ. ފަނޑިޔާރު ސުޖާއު އުސްމާނަށް އިންޒާރުތަކެއް ލިބުމާ ގުޅިގެން މާލެ ވަޑައިގެންނެވި ގޮތަށް އަދި ވެސް ހުންނެވީ މާލޭގަ އެވެ. ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ފަނޑިޔާރުން ނެތުމުން ހައިކޯޓާއި ދެކުނު ގޮފި އަދި އުތުރު ގޮފީގައި ވެސް ޝަރީއަތްތައް ކުރިއަށް ނުދެ އެވެ. ހައިކޯޓުގެ ޝަރީއަތްތައް ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކޯޓުގައި ފަނޑިޔާރުން މަދުވުމެވެ. ގިނަ ޝަރީއަތްތަކެއް ކުރިއަށްދާ ހައިކޯޓުގައި މަސައްކަތް ކުރައްވަނީ އެންމެ ހަތަރު ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހި ދެ ފަނޑިޔާރުން އެ ކޯޓަށް ނެގުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް މިހާތަނަށް އެ ދެ ފަނޑިޔާރުން ނުނެގެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ގާނޫނުގައިވާ އަދަދަށް ފަނޑިޔާރުން އައްޔަން ކުރެވިފައެއް ނުވެ އެވެ. ގާނޫނަށް އިސްލާހު ގެނައީ ވެސް ފަނޑިޔާރުން މަދުވެ އެ ކޯޓުގެ ޝަރީއަތްތައް މަޑު ޖެހިފައިވާތީ އެވެ.