ހަބަރު

ފަން އައިލެންޑްގެ ރާފުޅިތައް ގެންގޮސްފި

  • ރިސޯޓަށް އެރީ ބަލާ ފާސްކުރުމުގެ އަމުރެއް ދަށުން
  • މުދާ ނުގެންދެވޭނެ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުން
  • ހެކި ހޯދިދާނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވޭ

ކަސްޓަމްސްއިން ފުލުހުންނާއެކު ފަން އައިލެންޑް ރިސޯޓަށް އެރުމަށްފަހު އެ ރިސޯޓްގެ ސްޓޮކްގައި ހުރި ރާފުޅިތައް ފެރީއެއްގައި އެ ރިސޯޓުން ގެންގޮސްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުންނާއި ކަސްޓަމްސްއިން އެ ރިސޯޓަށް އެރި އެވެ. ނަމަވެސް އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ.

ފުލުހުންނާއި ކަސްޓަމްސްއިން މިއަދު ފަން އައިލެންޑަށް އަރާފައިވަނީ ފަސް ދުވަހުގެ މުއްދަތަށް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ. ކަސްޓަމްސް އަދި ފުލުހުން ވިލާގެ ރިސޯޓްތަކަށް އަރާފައިވަނީ ގާނޫނާ ހިލާފަށް އެ ރިސޯޓްތަކަށް ބަނގުރަލާއި އޫރު މަސް އެތެރެކޮށްފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެ ކުންފުނީގެ ވަކީލުން ވަނީ ރިސޯޓްތަކުން އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މުދާ ހިފެހެއްޓުމުގެ އަމުރެއް ނެތި، ރިސޯޓުން އެއްވެސް މުދަލެއް ގެންދާނަމަ އެއީ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށްވާ ފޭރުމުގެ ކުށަށް ވާނެ ކަމަށް ވިލާ ކުންފުނީގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މުދަލާއި ނަފުސު ހިމާޔަތް ކުރުމަކީ ގާނޫނުން ފުރުސަތު ލިބޭ ކަމެއް ކަމަށެވެ. އެހެންވެ، ރިސޯޓުގެ މުދާ ފޭރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ގާނޫނާ ހިލާފު ނުވާނަމަ ކަސްޓަމްސް އާއި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ފަން އައިލެންޑުގެ މެނޭޖްމެންޓުން ބުންޏެވެ. ބަލާ ފާސްކުރުމުގެ އަމުރެއް އޮތުމުން އެކަމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް މުދާ ގެންދަން މަސައްކަތް ކޮށްފިނަމަ ކަމަށް އެޅެން އޮތް ހުރަހެއް އަރާނެ ކަމަށް މެނޭޖްމެންޓުން ބުންޏެވެ.

ނަމަވެސް ކަސްޓަމްސްއިން އެދިގެން ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "ބޮންޑެޑް ވެއާ ހައުސިން ރޯޔަލް އައިލެންޑަށް ދޫކުރި ބަނގުރާ ފަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައާ ގުޅުންހުރި ހެކި ގަރީނާ ހޯދުމަށް" ނެރެފައިވާ އަމުރެއް ކަމަށެވެ.

އެ ރިސޯޓް ސްޓޮކްގައި ހުރި ރާފުޅިތައް ކަސްޓަމްސްއިން ފުލުހުންގެ އެހީގައި ރަށުން ބޭލިއިރު ޖުމްލަ ހަތަރު ޓްރޯލީގެ ބަނގުރާ ބާލާފައިވެ އެވެ. އެ ރާފުޅިތަކާއެކު ރިސޯޓުން ތަހުގީގު ޓީމު ވެސް ވަނީ ފައިބާފަ އެވެ.

ކަސްޓަމްސްއިން ފުލުހުންނާއެކު އޮޕަރޭޝަން ހިންގިއިރު ފަން އައިލެންޑް ރިސޯޓުގައި 177 ގެސްޓުން އެބަ ތިއްބެވެ. އެ ރިސޯޓުގައި ހުރި ހުރިހާ ރާފުޅިއެއް ބާލާފައިވާއިރު އެކަމާ ގުޅޭ ގޮތުން ގެސްޓުން ސުވާލުކުރަމުންދާ ކަމަށް ރިސޯޓުން ބުނެ އެވެ. ވިލާ ހޮޓަލްސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ވިލާ ހިންގާ ހުރިހާ ރިސޯޓެއްގެ ބާތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ ބިރު މިހާރު ހީވެފައިވާ ކަމަށް. އަދި އެހެން ވެއްޖެ ނަމަ، އެ ކުންފުނީގެ ރިސޯޓްތަކުގެ ސޭލްސްއަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ވެސް ފަން އައިލެންޑަށް ކަސްޓަމްސްއިން އެރި އެވެ. އެ ދުވަހު އެ ރިސޯޓްގެ އިތުރުން ރޯޔަލް އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑަށް ވެސް އެރި އެވެ. ނަމަވެސް މިއަދު އިތުރު ރިސޯޓަކަށް ނާރަ އެވެ.