އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ އެއްވުންތަކަށް އެއްބާރުލުންދޭން ފުލުހުގައި އެދެފި

ސަރުކާރު ހިންގާ ޕީޕީއެމުން މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އެއްވުންތަކަށް ފުލުހުންގެ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ ގޮތަށް އިދިކޮޅުގެ އެއްވުންތަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އިދިކޮޅު ޕާޓީތަކުން ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބާއްވާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާއިރު ފުލުހުންގެ އިދާރާއިން އަބަދު ވެސް ހުރަސް އަޅައި ހަރަކާތްތައް ހުއްޓުވަން މަސައްކަތްކުރާ ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ އެއްވުންތަކާ ދޭތެރޭ އެގޮތަށް އަމަލު ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އެފަރާތްތަކުގެ އެއްވުންތަކަށް ފުލުހުންގެ އެހީތެރިކަމާއި ރައްކާތެރިކަން ދޭއިރު އެ އުސޫލުން އިދިކޮޅު ފަރާތްތަކާ ދޭތެރޭ ވެސް އަމަލުކޮށްދިނުމަށް ސިޓީއެއް މެދުވެރިކޮށް މިއަދު އެދިފައިވާނެ ކަމަށެވެ.

"ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބާއްވާ ހަރަކާތްތަކާމެދު ޕޮލިސް ސާވިސްއިން އަމަލުކުރާ އުސޫލުން، މި ޕާޓީ ހިމެނޭ ގޮތުން އިންތިޒާމް ކުރާ ހަރަކާތްތަކުގައި ވެސް އަމަލު ކޮށްދެއްވުމަށް އެދި، އަދި ފުލުހުންގެ މައްޗަށް އައިރުގާނޫނީ އަމުރުތައް ނުކުރުމަށާއި، އެފަދަ އަމުރުތަކަށް ފުލުހުން ތަބާ ނުވުމަށް މިޕާޓީން ގޮވާލާ ވާހަކަ އެ ސިޓީގައި ފާހަގަ ކޮށްފައިވާނެ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެ އެވެ.

އެމްޑީޕީން ބުނީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގަކީ ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާ އަސާސީ ހައްއް ކަމަށް ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނެފައިވާއިރު، އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ފަރާތްތަކަކަށް އެ ހައްގުތައް ދޭންޖެހޭނެ ކަމަށް ވެސް ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން ލާޒިމްކުރާ ކަމަށެވެ.