ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް ބާއްވާ ސިޔާސީ އެއްވުންތަކަށް މިހާރު ވެސް ވަރަށް ބޮޑަށް ދޫދެމުންދާ ކަމަށާއިި ނަމަވެސް މާދަމާ ހަވީރު އިދިކޮޅު ޕާޓީތަކުން ބާއްވަން އުޅޭ އެއްވުމަށް ފުލުހުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ބުނެފި އެވެ.
ނޫސްވެރިން ގެންގޮސް، ބަޔާނެއް އިއްވުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ވެސް އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ލިބިގެންވާ ހައްގާއި އިހްތިޔާރުތައް އެންމެ ފުރިހަމަ ސިފައެއްގައި ދިނުމަށް ފުލުހުން މިހާރު ވެސް މަސައްކަތް ކުރާ ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުމެން އިންޓަވީން ނުކުރާ ހާލަތްތައް މިހާރު ވެސް އެބަ އާދޭ، އެއްވެ އުޅުމުގެ ކަންކަމުގަ ވަރަށް ބޮޑަށް ރިލީޒް ކުރެވިގެން ހިނގަމުން މިދަނީ، ވަރަށް ބޮޑަށް ދޫދެވިގެން ހިނގަމުންދާ ކަންކަމެއް އެބަ އާދޭ، އެހެންނަމަވެސް ކުއްލި ނުރައްކަލުގެ މި ހާލަތުގަ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުތަކާއި އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ދެވެން ނޯންނާނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ 31 ވަނަ މާއްދާ ކަމަށްވާ ހަޅުތާލުކުރުމުގެ ހައްގާއި ގާނޫނު އަސާސީގެ 32 ވަނަ މާއްދާ ކަމަށްވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ވަނީ ހިފަހައްޓާފަ އެވެ.
އެއްވުންތަކަށް ގިނަ މީހުން ނެރުމަށާއި ބައިވެރިކުރުމަށް މިހާރު ވެސް ބަޔަކު ގޮވާލަމުންދާތީ އެކަން ޝިފާން ކުށްވެރި ކުރެއްވި އެވެ. އަދި މާދަމާގެ އެއްވެމުމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ޝިފާން އިލްތިމާސްކުރެއްވި އެވެ. ގާނޫނާ ހިލާފަށް އަމަލުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ފުލުހުން ނުދޭނެ ކަމަށާއި ގާނޫނާއި ގަވައިދުތަކާ ހިލާފު ކަންކަމުގައި ރައްޔިތުން ބައިވެރިކުރުވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އިންޓެލިޖެންސްއަށް ލިބޭ މައުލޫމާތަށް ބަލާއިރު މާލެ އާއި އަތޮޅުތަކުގެ ތެރެ ހަލަބޮލިކުރުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ޔަގީންވެފަ ކަމަށް ޝިފާން ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގައި ދެ ގެއެއްގައި ރޯކޮށްފައިވުމާއި ރޭ ސްޓެލްކޯގެ ސަބް ސްޓޭޝަނެއްގައި ރޯކޮށްލިކަން ޝިފާން ފާހަގަކުރެއްވި އެވެ. އެ ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެކުރިން ވެސް ފުލުހުންނާއި ސިފައިން ވަނީ މާދަމާގެ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މާދަމާ އޮތީ ބޮޑު އެއްވުމެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެކަން އިންތިޒާމް ކުރާ ޕާޓީތަކުން ބުނެފައިވާ ގޮތުގައި މާދަމާ އޮތީ ބޮޑު އެއްވުމެއް ނޫނެވެ. އެ އެއްވުން އޮތީ އަދި ފަހުން ކަމަށާއި އެ އެއްވުމަށް އެއްބާރުލުން ދިނުމަށް ފުލުހުން ކިބައިން އެފދިފައިވެސް ވާނެ ކަމަށް އެ ޕާޓީތަކުން ވަނީ ބުނެފަ އެވެ.