މޯލްޑިވްސް ޕޮލިސް ސާވިސް

"ބަޣާވަތު"ގެ ތުހުމަތަށް ކުޅުދުއްފުށިން ވެސް ފުލުހަކު ހައްޔަރުކޮށްފި

ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތަށް ހދ. ކުޅުދުއްފުށިން ފުލުހެއް ހައްޔަރުކޮށްފި އެވެ. ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީގައި ޕޮލިސް ސްޓޭޝަންގައި ގާއިމުވެ ތިބޭ ފުލުހުންގެ ތެރޭގައި ހިމެނޭ އެސްއޯ ފުލުހެކެވެ. ހައްޔަރު ކުރުމަށް ފަހު އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުން އަތުލާފަ އެވެ. ހައްޔަރު ކޮށްފައިވަނީ އަހުމަދު އާސިމް ހުސެއިން ކިޔާ ފުލުހެކެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރުމަށްފަހު އެވެ. ފާސްކުރީ ކޯޓު އަމުރަކާ ނުލައެވެ. ކުއްލި ހާލަތު އިއުލާނުކޮށްފައި އޮތުމުން ފުލުހުންނަށް އެފަދަ އަމުރަކާއި ނުލައި ވެސް ފާސް ކުރެވޭނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ވެރިރަށް މާލެއަށާއި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކޮންމެ މީހަކު ހުރި ތަނަކަށެވެ.

ހައްޔަރު ކުރި އަހުމަދަކީ އުތުރުގެ މައިރަށް ކުޅުދުއްފުށީ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅުމެއް ފަށާާފައިވާ އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ.

ނަން ހާމަކުރަން ބޭނުން ނުވާ، އެކަމަކު އެ އާއިލާއާ ގުޅުން އޮންނަ މީހަކު ބުނި ގޮތުގައި އޭނާ ވަނީ ދާދިފަހުން ކުށުގެ ތުހުމަތުގައި ތިބި ބަޔަކު ގޮވައިގެން މާލެ ވެސް އައިސްފަ އެވެ. އަދި އެ ދަތުރުގައި މާލޭގެ އޮޕަރޭޝަނަށް ނުކުންނަން އެންގުމުން އެ އޮޕަރޭޝަނަށް ނުކުމެ މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާއެއް ރޫޅާލުމުގައި ބައިވެރިވެފަ އެވެ.

ނަމަވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު އޭނާއަށް ކުރާ ސަބަބެއް ސާފެއް ނުވެ އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހާމަކޮށްފަ އެވެ. އެއީ ފުލުހުންގެ ތެރެއިން ކޮން ބައެއް ކަމެއް ވެސް އަދި މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ރޭ މާލެއިން ހައްޔަރުކުރީ އެސްއޯ ފުލުހުންގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ހުސައިން ސައިފެވެ. ފުލުހުން ބުނި ދެ ފުލުހުންގެ ތެރޭގައި ދެން ހިމެނޭ މީހަކީ ކުޅުދުއްފުށިން ހައްޔަރުކުރި ފުލުސް ކަމަށް ބެލެވެނީ އޭގެ ފަހުން އިތުރު ފުލުހެއް ހައްޔަރުކުރި ކަމަށް އެއްވެސް އަޑެއް ފެތުރިފައި ނުވާތީ އެވެ.

ދެ ފުލުހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން އެސްއޯ ފުލުހެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެއްގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމުގެ އަޑުތައް ފެތުރިފައި އޮވެއެވެ. އެ މީހަކީ ވެސް ކުރީގެ ކޮމާންޑަރު ސައިފްއާ ގާތް ފުލުހެއް ކަމަށް ވެއެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް މިހާރު ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި މަޖިލީހުގެ މެންބަރުން ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދު ހުސައިން ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް އެ ތުހުމަތު ވަނީ ކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ހުންނެވީ ހައްޔަރުގަ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެކެއް ފެބުރުއަރީގެ "ބަޣާވާތަކީ" އިންޑިއާއިން ފަންޑުކޮށްގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން އިދިކޮޅު އިސް ލީޑަރުން އިސްވެ ތިއްބަވައި ހިންގި އަމަލެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތައް ތުހުމަތު ކުރެއެވެ. އަދި އެކެއް ފެބުރުއަރީގެ އަމުރަށް ފަހު އިންޑިއާ ވެސް ރާއްޖެއާމެދު ދުވަހަކު ވެސް ހަރުކަށި ނުވާ ވަރަށް ހަރުކަށި ވެފައި ވެއެވެ.