ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ގްރީން ޒޯން، ޖުމްހޫރީ މައިދާނަށް ވަތް މައްސަލައިގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް، އިބޫގެ މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ފައިލްކޮށްފި އެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ޖުމްހޫރީ މައިދާނަށް އިބޫ ވަތް ވަތް މައްސަލައިގައި އިބޫ ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި އެވެ. ޖުމްލަ 12 ދުވަސް ވަންދެން އިބޫ ޖަލުގައި ބޭންދުމަށް ފަހު ދޫކޮށްލި އެވެ.
ފުލުހުން ބުނީ އިބޫގެ މައްޗަށް މައްސަލަ ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީއަށް ފޮނުވި ކަމަށެވެ. އެހެން ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ ނިންމައި އެކަން ފުލުހުންނަށް އެންގުމުން އެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މަޖިލިސް އިދާރާގެ ތެރެއަށް ވަތް މައްސަލައިގައި ވެސް އިބޫގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓްގައި ދައުވާ އުފުލައިފަ އެވެ. އެގޮތުން އިބޫ ހިމެނޭ ގޮތަށް މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އުފުލައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ. އެހެން ނަމަވެސް ޕީޖީއަށް ވެސް އޮޅުންތައް ބޮޑުވެ އެ ދައުވާތައް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.