ހަބަރު

ހުއްދަ ހޯދައިގެން ވަންނަން ކޯޓު އަމުރެއް ބޭނުމެއް ނުވާނެ: ހައިކޯޓު

އިމާރާތެއް ނުވަތަ ތަނެއްގެ ވެރި ފަރާތް ނުވަތަ ހަވާލުވެ ހުންނަ މީހާގެ ހުއްދަ ހޯދައިގެން އެ ތަނަކަށް ފުލުހުން ވަންނަނަމަ ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނީ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ބަންދުކުރުމަށް ނެރެނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކުރުމުން ކުރި ހުކުމުގަ އެވެ.

އޭނާ ވަނީ ހައްޔަރުކުރަން ފުލުހުން ގެސްޓްހައުސް ތެރެއަށް ވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށްވެފައި އޭނާ ހައްޔަރުކުރުމުގައި އަމަލުކޮށްފައިވާ އިޖުރާއަތް ގޯސް ކަމަށް ބުނެ އިސްތިއުނާފު ނުކުތާއެއް ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާން އިއްވެވި ހުކުމުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 31 ވަނަ މާއްދާ އޮތް ގޮތުން ތަނުގެ ވެރި ފަރާތުގެ ހުއްދަ އޮތްނަމަ ކޯޓު އަމުރެއް ބޭނުންނުވާނެކަން އެނގޭ ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ކުށަކާގުޅޭ ހެކި އަމިއްލަ ތަނެއްގައި ހުރި ކަމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ބެލެވޭނަމަ އަދި އެއީ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހެޅުމަށް ބޭނުންތެރި އެއްޗެއް ކަމަށް ވާނަމަ، އެއެއްޗެއް ހޯދުމަށް އެތަނަކަށް އެތަނުގެ ވެރިފަރާތުގެ ނުވަތަ އެތަނެއްގައި ދިރިއުޅޭ ފަރާތެއް ނުވަތަ އެވަގުތަކު އެތަނެއް ހަވާލުވެގެން ހުރި ފަރާތެއްގެ ރުހުމާ ނުލައި ގާނޫނު ތަންފީޒުކުރާ އިދާރާއަށް ވަދެވޭނީ، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގަން ތިބި ކަމަށް ފުލުހުން ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ގެސްޓްހައުސްއަށް ވަދެފައިވަނީ އެތަނުގެ ވެރި ފަރާތުގެ ހުއްދަ ހޯދައިގެން ކަމަށް ފުލުހުން ބުނެފައިވާއިރު، ތަނުގެ ވެރިފަރާތުގެ ހުއްދަ ލިބިގެން، މިފަދަ ހާލަތެއްގައި އެފަދަ ތަނަކަށް ވަނުމުގައި ކޯޓު އަމުރެއް އޮތުން ލާޒިމު ނުވާނެ ކަމަށެވެ.