ހަބަރު

މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރު ކުރަނީ

ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މައުމޫން ހަމީދަށް ފުލުސް އޮފީހުން މިއަދު ފޮނުވި ޗިޓްގައި ބުނެފައި ވަނީ، މާދަމާ ރޭ 10:00 ފުލުސް އޮފީހަށް މައުމޫން ހަމީދު ހާޒިރު ކުރަނީ، 13 ފެބުރުއަރީ 2018 ވަނަ ދުވަހު މައުމޫން ހަމީދު މީޑިއާތަކަށް ދެއްވި ޕްރެސްއެއްގައި ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ހޯދާފައިވާ ހެއްކާ ގުޅޭ ގޮތުން މީޑިއާޔަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށެވެ.

ރައީސް މައުމޫންގެ މުވައްޒަފެއްގެ ގެއިން ފެނުނު ކަޅުފޮއްޓެއްގެ ތެރެއިން ފާރިސް އާއި މައުމޫން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވާތީ މައުމޫން ހަމީދު ވަނީ އެއީ އުފައްދާފައިވާ ހެއްކެއް ކަމަށް ތުހުމަތުވާ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ހިނގަމުން އަންނަ އިރު، މައުމޫންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ މައުމޫން ހަމީދެވެ.