ހަބަރު

މައުމޫންއާ ބައްދަލު ނުކުރެވި ވަކީލުން ކަންބޮޑުވެފައި

ސިއްހީ ހާލުކޮޅު ގޯސްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލު ނުކުރެވުނު ކަމަށް އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ސިއްހީހާލުކޮޅު ގޯސްވީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އޮތް ވަކީލުންގެ ބައްދަލުވުން ވެސް ކަރެކްޝަނަލް ސާވިސްއިން ކެންސަލްކުރި އެވެ. އޭގެފަހުން ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު މިއަދު ހަވީރަށް ވަކީލުންގެ ބައްދަލުވުން ހަމަޖެއްސި އެވެ.

ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ، ބައްދަލުވުމަށް ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް އަންގާފައިވާ ކަމަށެވެ. ވަކި ސަބަބެއް އޭރު ނާންގާ ކަމަށެވެ. ސަބަބު އޮޅުންފިލުވައިދިނުމަށް ފުލުހުން ކިބައިން އެދުމުން ދިހަ މިނެޓް ފަހުން ގުޅާފައި ބުނީ "އިދާރީ ކަންކަން" ހަމަނުޖެހެނީ ކަމަށް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، އެކަށީގެންވާ ސަބަބެއް ނެތި ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވަނީ ރޭ އެމަނިކުފާނުގެ ސިއްހީ ހާލު ކޮޅު އިތުރަށް ގޯސްވެފައިވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވަނީ ރައީސް މައުމޫން އާއިލާއާ ހަވާލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ވަކީލުންގެ ބައްދަލުވުން ކެންސަލްކުރުމަށްފަހު މިއަދު އަނެއްކާވެސް ވަނީ ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.