ހަބަރު

މައުމޫން ހަމީދު ފުލުހުންނަށް "އެއްލަކިން" އެއްބާރުލުން ދީފި

ގިނަ ފަހަރު ފުލުހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އެއްފަހަރު މަތިން ތަހުގީގު ނިމޭ ގޮތަށް މަޝްހޫރު ވަކީލް މައުމޫން ހަމީދު ފުލުހުންނަށް އެއްބާރުލުން ދެއްވައިފި އެވެ. އޭނާ ވިދާޅުވީ، ފުލުހުންނަށް އެއްބާރުލުން ދިނީ "އެއްލަކިން" ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ގާނޫނީ ވަކީލްކަން ވެސް ކުރައްވާ މައުމޫން ހަމީދުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. މައުމޫން ހަމީދު ވަނީ ހެއްކަކާ ގުޅޭ ދޮގު މައުލޫމާތު ދެއްވާފަ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

އެ މައްސަލާގައި ފުލުހަށް ހާޒިރުވާން މައުމޫން ހަމީދަށް އެންގީ ރޭގެ ވަގުތަށެވެ. ނަމަވެސް މައުމޫން ހަމީދު ވަނީ އޭގެ 12 ގަޑިއިރު ކުރިން ފުލުހަށް ހާޒިރުވެފަ އެވެ. އެއީ ރޭގަނޑު ފުލުހަށް ހާޒިރުވެ ވަގުތުތައް ހޭދަކުރަން ބޭނުން ނުވާތީ އެވެ. އޭނާ ވަނީ އިއްޔެ ފުލުހުންގެ އިދާރާގައި ތިން ގަޑިއިރު ހޭދަކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ތަހުގީގު ހިންގުމަށް ފުލުހުންނަށް ތައްޔާރު ނުވެވުމުން އޭނާއަށް އެންގީ މިއަދު ހާޒިރުވުމަށެވެ.

މިއަދު ފުލުހުން ވަނީ މައުމޫން ހަމީދުގެ ބަޔާން ނަގާފަ އެވެ. އޭގެ އިތުރުން އޭނާގެ އަޑުގެ ސާންޕަލް ވެސް ނަގާފައިވެ އެވެ. ކޯޓު އަމުރެއް ނެތި ސާމްޕަލް ނެގުމަށް މައުމޫން ހަމީދު އެއްބަސްވެވަޑައިގެންނެވީ ފުލުހުންގެ ތަހުގީގަށް "އެއްލަކިން" އެއްބާރުލުން ދޭން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އޭނާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދީފައިވަނީ މިއަދު ވެސް އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ މިންވަރަށެވެ.

މި މައްސަލާގައި މައުމޫން ހަމީދުގެ މައްޗަށް ޖިނާއީ ތިން ތުހުމަތެއް ކުރެ އެވެ. އެއީ ހެކި ފޮރުވަން އުޅުމާއި ގާނޫނީ ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އަޅަން އުޅުމާއި ކުށެއް ކުރަން އުޅުމާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމެވެ.