ފުލުހުން ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތިގެ މައްސަލަ އެ އޮފީހުން ފައިލްކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަމީތާއި އިންތިއަށް ދައުވާނުކުރަން ނިންމާފައިވާ ކަމަށާއި އެ ނިންމުން ނިންމީ އެ މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ ކަމަށެވެ.
އަމީތާއި އިންތިގެ މައްސަލަ ފުލުހުން އެ ދެ މެންބަރުން އެކި ފަހަރު މަތިން ފުލުހަށް ހާޒިރުކޮށްގެން ތަހުގީގު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މާލޭ މަގުތައްމަތީ މުޒާހަރާ ކުރަން ހިތްވަރު ދެއްވުމާއި މުޒާހަރާއަށް ނުކުންނަން ގޮވާލެއްވި ކަމަށް ބުނެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތި އާއި އަމީތު ރާއްޖޭގެ ހުރިހާ ރަށްތަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރުމަށް ހިިތްވަރުދެއްވާފައިވެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް މައްސަލަ ވެސް ވަނީ ދައުވާނުކޮށް ފައިލްކޮށްފަ އެވެ.
މައްސަލަ ފައިލްކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ތިން ބޭފުޅުންގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. މިހާތަނަށް އެ ބޭފުޅުންގެ ޕާސްޕޯޓް ދޫކުރި ކަމެއް އެނގިފައެއް ނުވެ އެވެ.