ހަބަރު

ހުކުމަށް ފިލައިގެން އުޅޭތީ ނަޝީދު ފުލުހަށް ހާޒިރުވާން އަންގައިފި

ކުރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް އެމަނިކުފާނު ފިއްލަވައިގެން އުޅުއްވާތީ ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ރައްދުކޮށްފި އެވެ.

ރައީސް ނަޝީދަށް ފުލުހުން ޗިޓް ރައްދުކޮށްފައިވަނީ ޓްވީޓާ މެދުވެރިކޮށެވެ. ފަހުން ގަވައިދަށް ގެނައި ބަދަލުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޗިޓް ފޮނުވޭނެ އެވެ.

ފުލުހުންގެ ޗިޓްގައިވާ ގޮތުން ރައީސް ނަޝީދަށް އަންގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 10:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. ހާޒިރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ޗިޓްގައި ވަނީ ހުކުމް ތަންފީޒުކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ފޮނުވުމުން އެ މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށްޓަކައި ކަމަށެވެ.

މަގުބޫލް އުޒުރެއް ނެތި ޗިޓަށް ހާޒިރުނުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ކަމަށާއި އެ މައްސަލަ ވަކިން ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ފުލުހުން މިއަދު ވަނީ ޓްވީޓާ މެދުވެރިކޮށް ޗިޓް ރައްދުކޮށްފަ އެވެ. ގާސިމަށް ފުލުހަށް ހާޒިރުވާން އެންގީ ވެސް ހަމަ އެ މައްސަލާގަ އެވެ.