ހަބަރު

ގާސިމަށް ވެސް ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުހަށް ހާޒިރުވާން އަންގައި ޗިޓް ޓްވިޓާ މެދުވެރިކޮށް ރައްދުކޮށްފި އެވެ. ޗިޓް ފޮނުވާފައިވަނީ ހުކުމަށް ފިލައިގެން އުޅޭ މައްސަލާގަ އެވެ.

ގާސިމަށް ފުލުހުން ޗިޓް ރައްދުކޮށްފައިވަނީ ޓްވީޓާ މެދުވެރިކޮށެވެ. ފަހުން ގަވައިދަށް ގެނައި ބަދަލުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޗިޓް ފޮނުވޭނެ އެވެ.

ފުލުހުންގެ ޗިޓްގައިވާ ގޮތުން ގާސިމަށް އަންގާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 2:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. ހާޒިރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ޗިޓްގައި ވަނީ ހުކުމް ތަންފީޒުކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ފޮނުވުމުން އެ މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ނައިސް ފިލައިގެން އުޅޭ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށްޓަކައި ކަމަށެވެ.

މަގުބޫލް އުޒުރެއް ނެތި ޗިޓަށް ހާޒިރުނުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ކަމަށާއި އެ މައްސަލަ ވަކިން ތަހުގީގުކޮށް ދައުވާކުރުމަށް ފޮނުވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފުލުހުން މިއަދު ވަނީ ޓްވީޓާ މެދުވެރިކޮށް ޗިޓް ރައްދުކޮށްފަ އެވެ. ރައީސް ނަޝީދު ފުލުހަށް ހާޒިރުވާން އެންގީ ވެސް ހަމަ އެ މައްސަލާގަ އެވެ.

މިހާރު ޖަރުމަންވިލާތުގައި ދިރިއުޅުއްވާ ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވީ ހުކުމް އިއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އެ ހުކުމަށްފަހު އެންމެ ދުވަހަކު ވެސް ގާސިމް ޖަލުގައި ހޭދަކުރައްވާފައެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ރިޝްވަތު ދިނުމުގެ މައްސަލައެއްގަ އެވެ.