ހަބަރު

ދުވުމުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ ބޭފުޅުން ދޫކޮށްލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ "ޖަޒީރާ ދުވުން" ހުއްޓުވައި ހައްޔަރުކުރި އެމްޑީޕީގެ އިސް ބޭފުޅުން ދޫކޮށްލައިފި އެވެ.

އެމްޑީޕީއިން މިއަދު ހަވީރު ބޭއްވި ދުވުން ހުއްޓުވައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޒާރާއި ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމް އާއި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތި ހައްޔަރުކުރި އެވެ. އެ ހުރިހާ ބޭފުޅުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

"ޖަޒީރާ ދުވުން" އިއުލާންކޮށްފައިވަނިކޮށް ފުލުހުން ވަނީ ޓްރެކް ސަރަހައްދު ބަންދުކޮށްފަ އެވެ. އެ ސަރަހައްދު ބަންދުކުރީ ޔޫތު މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބުނެ އެވެ. އެ ސަރަހައްދުގައި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމާއި އެމަނިކުފާނުގެ ކެމްޕެއިނަކީ ގާނޫނާ ހިލާފު ކެމްޕެއިނެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެ އެވެ. އޭގެ ދަށުން ރައީސް ނަޝީދު ބައިވެރިވަޑައިގެންނެވި އެމްޑީޕީގެ ޕްރައިމަރީ ވެސް ވަނީ ސިވިލް ކޯޓުން އަމުރެއް ނެރެ ހުއްޓުވާފަ އެވެ.