ރިޕޯޓް

ސްޓިކާ ޖަހާއިރު ފުލުހުން ބަލަނީ ކިހާވަރަކަށް؟

ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ ސައިކަލްތަކުގައި ސްޓިކާ ޖެހުމަކީ ޓްރެފިކް ފުލުހުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. އެންމެ ރަނގަޅަށް ފުލުހުން ބަލަހައްޓާ އެއް ކަމަށް އެކަންވާނެ ވެސް މެއެވެ. ކިރިޔާ ވެސް ޕާކިން ޒޯނުން ސައިކަލް ބޭރުވެފައިހުރިނަމަ ސްޓިކާ ފުލުހުން ހިއްޕާލަ އެވެ.

ފުލުހުން ސައިކަލްގެ މަޑީގައި ޖަހާ ސްޓިކާއަކީ ޖޫރިމަނާއެކެވެ. އެ ޖޫރިމަނާ ދައްކަން ޖެހެނީ ސައިކަލްގެ ވެރި ފަރާތުންނެވެ. އެކަމަކު އެ ޖޫރިމަނާ ފުލުހުން ހަމަ ތިބެފަ ކޮށްލަނީ އެކަން ބަލަންޖެހޭ މިންވަރަށް ބެލުމަށްފަހުތޯ އެއީ އަބަދުވެސް އޮންނަ ސުވާލެކެވެ. ކުށަކީ ހަމައެކަނި ސައިކަލް ޒޯނުން ބޭރުގައި ޕާކް ކުރުންތޯ ވެސް ސުވާލު އުފެދިފައި އޮވެއެވެ.

މި ސުވާލުތައް އިތުރަށް އުފެދެނީ މިފަހުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ހާދިސާތަކުންނެވެ.

އެފަދަ އެއް ހާދިސާއެކެވެ. ރޭގަނޑު ސައިކަލް ޕާކްކުރީ ޕާކިން ޒޯނުގަ އެވެ. އެކަމަކު ހެނދުނުވީއިރު ސައިކަލް ހުރީ ޕޭމަންޓަށް ވެސް އަރާ ގޮތަށް މުޅިން އެހެން ސަރަހައްދެއްގަ އެވެ. ހެނދުނު ހެނދުނާ ފުލުހުން އަވަދިނެތި އުޅުނީ ސްޓިކާ ޖެހުމުގަ އެވެ.

އެކަން ތަޖުރިބާކުރި މީހަކު ބުނި ގޮތުގައި ސައިކަލްތައް ޕާކިން ޒޯނުން ނަގައިގެން ގެންދިޔައީ އެތާ ކައިރީގައި ޝީޓް އަޅަން އުޅުނު ބިދޭސީންތަކެކެވެ. މިއީ މިހާރު ވަރަށް އާންމު ކަމެކެވެ. ޕާކިން ޒޯނުތަކުގައި ހުންނަ ސައިކަލްތައް އުފުއްލާލައިގެން ދުރަށް ޖައްސަ އެވެ. އެކަން ކުރަނީ ކައިރި އިމާރާތްތަކުގައި މަސައްކަތްކުރަން އުޅޭ ބިދޭސީންނެވެ. އެއީ ސައިކަލްގެ ވެރިފަރާތުގެ ހުއްދައާއެކު ކުރާ ކަމެއް ނޫނެވެ.

އެހެން ހާދިސާއެކެވެ. ޕާކިން ޒޯނު އެއްކޮށް ފުރާލާފައިވަނީ ކައިރި އިމާރާތެއް ހެދުމަށް ބޭނުންވާ ދަގަނޑާއި ހިލަ ބަސްތާފަދަ ތަކެތިންނެވެ. ސައިކަލް ޕާކްކުރާ ޖާގައެއް ނެތެވެ. އެ ތަކެތި އެތާ ފުރާލާފައި ހުންނަތާ އެއް މަހަށްވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.

އެކަން ތަޖުރިބާކުރި މީހަކު ބުނި ގޮތުގައި ޕާކިން ޒޯނު ފުރާލާފައިވާ ތަކެއްޗާހެދި ސައިކަލް ޕާކްކުރާނެ ތަނެއް ނެތުމުން ޕާކްކުރަން ޖެހުނީ ޒޯނުން ބޭރުގަ އެވެ. ނަމަވެސް ޒޯނުން ސައިކަލް ބޭރުވެފައި ހުންނާނީ ވަރަށް ކުޑަކޮށެވެ. ހެނދުނުވީއިރު ސައިކަލްގައި ހުރީ ސްޓިކާ ޖަހާފަ އެވެ. އޭރު ވެސް ޕާކިން ޒޯނު ފުރާލާފައިވާ ތަކެތި ހުރިތާ ހުރީ އެވެ.

އެގޮތަށް މަގުމަތީގައި ސާމާނު ބެހެއްޓުމަކީ މަނާ ކަމަކަށްވާއިރު އޭގެ ޝަކުވާ އެތައް ފަހަރަކު ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރި އެވެ. އެކަމަކު އެއަށް ފުލުހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ. ގޯސްވީ ޕާކިން ޒޯނުގައި ތަން ނެތިގެން ޕާކްކޮށްލި ސައިކަލެވެ.

މި ދެ ހާދިސާ ނޫނަސް މިފަދަ އެތައް ހާދިސާތަކެއް ސޯޝަލް މީޑިއާގައި މީހުން ހިއްސާކޮށްފައިވެ އެވެ. މާލޭގައި ވެހިކަލްތައް ތޮއްޖެހި ޕާކްކުރާނެ ތަނެއް ނެތްއިރު ޓްރެފިކް ފުލުހުން ސައިކަލްތަކުގައި ސްޓިކާ ޖެހުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެން ވަނީ ޖެހިފަ އެވެ. އެހެން ހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދާ ހަމައެކަނި ސްޓިކާ ޖެހުމުގައި އުޅުމަކީ އަދި ޒިންމާ އަދާކުރުމެއް ނޫނެވެ.