ދިވެހި ސިނަމާ

"ގޮށްރާޅު" ރިލީޒްކުރުން ނޮވެމްބަރު 5 ގައި

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ އެކްޝަން ތްރިލާ ފިލްމު "ގޮށްރާޅު"، އަންނަ ނޮވެމްބަރު މަހުގެ ފަހެއްގައި ރިލީޒްކުރަން ނިންމައިފި އެވެ.

މީގެ ކުރިން މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މިދިޔަ އެޕްރީލް މަހު ފަހެއްގަ އެވެ. ނަމަވެސް އޭރު ރާއްޖޭގެ ސިޔާސީ މަޝްރަހު ހުރި ގޮތުން ވަކި ތާރީހެއް ނެތްގޮތަށް ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފަ އެވެ. މި ފިލްމު ރިލީޒްކުރާ ތާރީހު ކަށަވަރުކޮށްދިނީ ފިލްމުގެ ޕްރޮޑިއުސަރު އަހްމަދު އަލީ (މޮގާ) ކުރި ފޭސްބުކް ޕޯސްޓެއްގަ އެވެ.

ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) މި ފިލްމު ފެނިގެންދާނެ އެވެ.

މި ފިލްމު ޑައިރެކްޓުކުރީ "4426" ގެ ޑައިރެކްޝަންގެ މަސައްކަތްކޮށްފައިވާ އަހްމަދު ޝިނާން އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ ކުރީގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރުކުރި މޫމިން ފުއާދު އެވެ.

ޕްރޮޑިއުސަރު އަހްމަދު އަލީ (މޮގާ) ކުރި ފޭސްބުކް ޕޯސްޓް.

"ގޮށްރާޅު" އާއެކު ޑާކްރެއިންގެ ކުރިއަށް ހުރި އެހެން ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީހުވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެގޮތުން އެ ޕްރޮޑަކްޝަނުން ގެނެސްދެން ނިންމާފައިވާ ކޮމެޑީ ފިލްމު "މާމުއި" އާއި ދާދިފަހުން އިއުލާނުކުރި އާ ފިލްމު "ނޮވެމްބަރު" ރިލީޒްކުރާނެ ތާރީހު ވަނީ އިއުލާނުކޮށްފަ އެވެ.

"މާމުއި" ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރު އޭޕްރީލް އެކެއްގަ އެވެ. އަދި ލޯބީގެ ފިލްމު "ނޮވެމްބަރު" ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ އަހަރު ސެޕްޓެމްބަރު ދޭއްގަ އެވެ.