ހަބަރު

އިގްތިސޯދަށް ގެއްލުން ދިނުން ޖިނާއީ ކުށަކަށް ހަދަނީ

ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ފަދަ އަމަލެއް ހިންގާނަމަ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ދެވޭ ގޮތަށް ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާ ވަނީ އެ ގާނޫނުގެ 611 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފަ އެވެ. އެއީ ރާއްޖޭގެ އިގްތިސޯދަށް ގެއްލުންދޭ މީހުން ކުށްވެރިވާނެ ގޮތަށެވެ.

އިސްލާހުގައިވާ ގޮތުން އިގްތިސޯދަށް ގެއްލުން ދިނުމުގެ މަގުސަދުގައި ތިން އަމަލެއް ކޮށްފިނަމަ އެމީހަކު ކުށްވެރިވާނެ އެވެ. އެގޮތުން ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ މުދަލަށް ނުވަތަ ވަސީލަތަކަށް ގަސްދުގައި ގެއްލުން ދިނުމާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުމާއި އާންމު ހިދުމަތެއް މެދުކަނޑާލުމަކީ ކުށެކެވެ.

މި މާއްދާގައި ހިމެނޭ ކުށްތަކަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ދަރަޖައިގެ ކުށުގެ އަދަބު ބޮޑުކުރަން ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށްތަކަށް މިހާރު ކަނޑައެޅޭ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. އެ އަދަބު ދެ އަހަރަށް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

އިސްލާހު ކުރަން ނިންމާފައިވާ 611 ވަނަ މާއްދާގައި މިހާރު އޮތީ ކުލީ ސިފައިން ހޯދުމުގެ ކުށުގެ ވާހަކަ އެވެ. އެ މާއްދާގައި މުޅިން އެހެން ކުށެއް ހިމަނަން ނިންމާފައިވާއިރު ކުލީ ސިފައިން ހޯދުމުގެ ކުށް ގާނޫނަށް އިތުރު ކުރާ މުޅިން އާ ބާބެއްގައި ވަނީ ހިމަނާފަ އެވެ.

އެ ބާބުގައި ހަތް ކުށެއް ވަނީ ހިމަނާފަ އެވެ. އެއީ ދައުލަތަށް ހިޔާނަތްތެރިވުމުގެ ކުށާއި ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށާއި ކުލީ ސިފައިން ހޯދުމެވެ.