އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުޅުމާލޭގައި ޑޯޓުޑޯ ކެމްޕެއިން ކުރައްވަނިކޮށް އޭނާއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ މައްސަލާގައި ފުލުހުން ވަކި އެއްޗެއް ނުބުނެ ތިބުމަށްފަހު ދާދިދެންމެ ކުރި ޓްވީޓެއްގައި ފުލުހުން ބުނީ، އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
އެ ހާދިސާ ހިންގުމާއެކު އެމްޑީޕީއިން އެކަން ފުލުހަށް ރިޕޯޓްކުރި އެވެ. އަދި މައްސަލަ ތަހުގީގުކޮށް ދޭން އެދުނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ އިއްޔެ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު އައިސް އެ ސަރަހައްދުގައި ހަމަނުޖެހުން ވަނީ ހިންގާފަ އެވެ. އަދި އިބޫއަށް ހަމަލާދޭން ވެސް އެ މީހުން މަސައްކަތް ކުރި އެވެ. އެ ވަގުތު އިބޫ ވަށާލައި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނީ އިބޫގެ ސެކިއުރިޓީންނާއި އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ ސަޕޯޓަރުންނެވެ.
އިބޫއަށް ހަމަލާދޭން އުޅުން ވަގުތު އެމްޑީޕީ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ތިބި ދެ ފުލުހަކު ވެސް އެ ސަރަހައްދަށް ގެނެސްފަ އެވެ. އަދި ހަމަނުޖެހުން ހިންގަން އުޅުން ވަގުތު ވެސް އެ ދެ ފުލުހުން މާ ބޮޑަކަށް އެކަން ހުއްޓުވަން މަސައްކަތެއް ނުކުރެ އެވެ. އެެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފުލުހުންނަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.