ހަބަރު

އަދީބު ޖަލުގައި 1000 ދުވަސް، އާއިލާގެ އެތައް ކަންބޮޑުވުމެއް

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރިތާ މިއަދު 1000 ދުވަސްވީ އެވެ. މިހާރު ޖަލު ހުކުމް ތަންފީޒުކުރަމުންދާ އަދީބުގެ ބަންދާމެދު އޭނާގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއްހާސް ދުވަސްވެފައިވާތީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްގެން ގެންގުޅެނީ އެކަހެރިކޮށްގެން އެހެން މީހުންނާ ބައްދަލުނުވާ ގޮތަށް ކަމަށެވެ. އެއީ ޓޯޗާގެ އަމަލެއް ކަމަށްވީ ނަމަވެސް އެކަމުގައި ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނުވި ކަމަށެވެ.

"ސިއްހީ ގޮތުން އަދީބަށް ބޮޑެތި ނުރައްކާތަކެއް ހުރި ނަމަވެސް އެއްވެސް ލުޔެއް ނުދިން، އެންމެ ފަހަރަކު ވެސް ގެއަށް ބަދަލު ނުކޮށްދިން، އެމަޖެންސީ ސިއްހީ ހާލަތުގައި ރާއްޖެއިން ބޭރަށް ދާނެ ފުރުސަތެއް ވެސް ނުދިން،" ނަޝްވާ ވިދާޅުވި އެވެ.

އަދީބުގެ ސިއްހީ ހާލު އަދިވެސް ރަނގަޅު ނޫންކަން ނަޝްވާ ފާހަގަކުރެއްވި އެވެ. މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ވެސް ޑޮކްޓަރަށް ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް އާއިލާއިން ބުނެ އެވެ.

އަދީބު މިހާރު ހުންނަނީ ދޫނިދޫގެ ގޮޅިއެއްގަ އެވެ. އާއިލީ ބައްދަލުވުންތައް މިހާރު ދެނީ މަހަކު އެއް ފަހަރު އެވެ. ބައްދަލުވަނީ ބިއްލޫރީ ޕާޓިޝަނެއްގެ ފަހަތުންނެވެ.

ވަކީލު ބައްދަލުވުން ހަމަނުޖެހިގެން ވެސް އަދީބަށް އެތައް ދުވަހަކު އުޅެން ޖެހުނު ކަމަށް ނަޝްވާ ވިދާޅުވި އެވެ. އެންމެފަހުން ކުރިމިނަލް ކޯޓުން ވަނީ އަދީބަށް ވަކީލް ބައްދަލުވުން ދޭން އަމުރު ވެސް ކޮށްފަ އެވެ.

އަދީބަކީ ނައިބު ރައީސްކަން ކުރައްވައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އޭނާއަށް ސްޕެޝަލް ޕްރޮޓެކްޝަން ނުދެ އެވެ. އަދީބު ވެސް ޖަލުގައި ހުންނެވި އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ހައްޔަރުކޮށް ހުކުމް އިއްވާފައިވާއިރު އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް މިހާރު ވެސް ސްޕެޝަލް ޕްރޮޓެކްޝަން ދަނީ ދެމުންނެވެ.

ނަޝްވާ ވިދާޅުވާ ގޮތުގައި އެއީ އަދީބާމެދު ސަރުކާރުން ގެންގުޅޭ ތަފާތު ކުރުމެވެ. މިހާރު އަދީބާމެދު ބޭނުން ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށާއި ނަމަވެސް މި ސަރުކާރު ދެވަނަ ދައުރަކަށް ހޮވިގެން ނުދާނެ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، އަދީބަކީ މިހާތަނަށް ދިމާވި އެންމެ މެންޓަލީ ވަރުގަދަ ބޭފުޅާ ކަމަށާއި މުޅި ދައުލަތުން އަދީބުގެ އަސާސީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ. އެކަމުގައި ބައިވެރިވި އެންމެންނަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.