ހަބަރު

ޝަރީއަތުގައި ދެއްކި ވާހަކަތަކާ ގުޅިގެން އަދީބުގެ ސެކިއުރިޓީ ވަރުގަދަކޮށްދޭން އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރު މިއަދުި ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްދޭން އާއިލާއިން ފުލުހުން ކިބައިން އެދިއްޖެ އެވެ.

ނާޖައިޒު ފައިދާ ހޯދައިދިނުމުގެ 10 ދައުވާއެއް އަދީބުގެ މައްޗަށް ކޮށްފައިވެ އެވެ. އެއީ އެމްއެމްޕީއާރްސީއަށް އަށް ރަށަކާއި މާލެ އަތޮޅު ދެ ފަޅެއް ދިން މައްސަލާގަ އެވެ. އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން މިއަދު ކުރިއަށް ދިޔައިރު، އަދީބު ވަނީ އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ރައީސް އަބްދުﷲ ޔާމީން ގުޅުވައި ގިނަ ވާހަކަތަކެއް ދައްކަވައި ބޮޑެތި ތުހުމަތެއް ރައީސް ޔާމީނަށް ކުރައްވާފަ އެވެ.

އެ ވާހަކަތައް ދެއްކެވުމަށްފަހު، އަދީބު ވިދާޅުވީ، އެ ހަގީގަތްތައް ހާމަކުރުން އޭނާއަށް އޮތީ މަނާކޮށްފަ ކަމަށެވެ. ޖަލުގައި މިހާރު ވެސް މީހުން މަރުވަމުންދާ ކަމާއި އެފަދަ ކަމެއް އޭނާއަށް ވެސް މެދުވެރިވެދާނެ ކަމަށް ބުނެ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރާލިޔަސް އެ ވާހަކަތައް ދައްކައި ހަގީގަތް ހާމަކުރައްވާނެ ކަމަށް އަދީބު މިއަދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އިންޒާރުތައް އަދީބަށް ދީފައިވާ ކަމަށް ވިދާޅުވެފައިވާތީ އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށް ފުރާނަ ސަލާމަތްކޮށްދިނުމަށް ފުލުހުން ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދީބު މިއަދު ވިދާޅުވީ، ގައުމު ހިންގަން އޭނާއާ ހަވާލުކުރެއްވުމަށްފަހު ރައީސް ޔާމީން ހަވާލުވެޑައިގަތީ ޑޮލަރު ޖަމާކުރުމާއި މާރުކުރުމުގެ މަސައްކަތާ ކަމަށެވެ. އަދީބު ވިދާޅުވީ، ރަށްތައް ކުއްޔަށް ދޫކޮށް ލިބޭ ފައިސާތައް އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެހެން ކުންފުނިތަކަށް ފައިސާތައް ޓްރާންސްފާކޮށް އެ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގެންދަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ކަމަށެވެ.

"އެ ގޭގައި އެ ފައިސާތައް ގުނަނީ، އެ ގޭގެ ކޮޓަރިއެެއްގައި އެ ގޭގައި އުޅޭ ބަންގާޅީއަކާއެކު ފައިސާތައް ގުނުމުގެ މަސައްކަތް ރައީސް ކުރެއްވީ، އެގޮތުގެ މަތިން 80 މިލިއަން ޑޮލަރު އެ ގެއަށް ވެއްދި،" އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިގެން އުޅެނީ 80 މިލިއަން ޑޮލަރު ކަމަށްވާއިރު އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަކީ ލިޔެކިޔުންތަކުން ފެންނަން އޮތް ކަމެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްގެން އުޅޭ ދައުވާތަކަކީ އެ ވައްކަން ފޮރުވުމަށާއި ފައިސާގެ ދަހިވެތިކަމުގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.