ޝަރީއަތް ނިމެންދެން ބަންދުގައި އެތައް ބަޔަކު ރާއްޖޭގެ ޖަލުތަކުގައި އެބަ ތިއްބެވެ. ޝަރީއަތް ދިގުލައިގެން ގޮސް އެތައް އަހަރުތަކެއް ވަންދެން ހުކުމެއް ނައިސް ޖަލުގައި ހޭދަކުރަން ޖެހޭ މީހުން މަދެއް ނޫނެވެ. މިއީ އެތައް ޒަމާންވީ ހައްލެއް ލިބިފައިނުވާ މައްސަލައެކެވެ. އެގޮތުގައި މީހުން ބަންދުގައި އެތައް ދުވަހެއް ހޭދަކުރާއިރު އަސާސީ ހިދުމަތްތައް ލިބުމުގައި ދަތިތައް އެމީހުންނަށް ހުންނަ ކަމުގެ ޝަކުވާ އަބަދުވެސް ލިބެ އެވެ.
ޖަލުގައި ހުންނަ ކަންބޮޑުވުންތަކާއި ޝަކުވާތައް އަބަދުވެސް މީޑިއާއާ ހަމައަށް ތިލަވަނީ ސިޔާސީ ބޭފުޅުން ޖަލަށް ވަޑައިގެންނެވުމުންނެވެ. އެންމެ ގިނަ ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުވެ ބަންދުކުރީ މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ވިދިގެންނެވެ. އެކަމާ ގުޅިގެން ނުވަ ސިޔާސީ ބޭފުޅެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު އެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. ފެބުރުއަރީ މަހު ހައްޔަރުކުރި އެ ބޭފުޅުން ބަންދުގައި ތިއްބަވާތާ ފަސް މަހަށްވުރެ ގިނަވީ އެވެ.
ފަސް މަހަށްވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަވިއިރު އެ ބޭފުޅުންގެ އާއިލާތަކުން ކަންބޮޑުވާ ކަމެއް އެބަ އޮތެވެ. ހުކުމެއް އެ ބޭފުޅުންނަށް މިހާތަނަށް އައިސްފައިނުވާތީ އެކަހެރި ބައްދަލުވުން ނުލިބޭ މައްސަލަ އެވެ. އެކަހެރި ބައްދަލުވުމުގެ ފުރުސަތަކީ ޖަލުގައި ހުރި ނުވަތަ ޖަލުން ބޭރުގައި ހުރި ގައިދީގެ އަނބިމީހާ ނުވަތަ ފިރިމީހާއާ އެކަހެރިކޮށް ބައްދަލު ކުރުމަށް ދެވޭ ފުރުސަތެކެވެ.
ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބި އެ ބޭފުޅުންނަށް އެކަހެރި ބައްދަލުވުން ނުދެނީ ގަވައިދު އޮތް ގޮތުން އެކަން ކުރަން ނެތީމަ އެވެ. ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބެންޖެހޭ އަސާސީ ހިދްމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެކަހެރި ބައްދަލުވުން ދޭން ޖެހެނީ ހުކުމެއް ތަންފީޒުކުރާ މީހުންނަށް އެކަންޏެވެ.
އެ ގަވައިދުގެ 18 ވަނަ މާއްދާގައި އޮތީ މިހެނެވެ؛ އެކަހެރި ބައްދަލުވުމުގެ ފުރުސަތު ދެންވާނީ ގައިދީ، ހުކުމް ތަންފީޒުކުރަން ޖަލަށް ގެންނަތާ 14 ދުވަސް ހޭދަކުރުމަށްފަހު އޭނާގެ އަހުލާގީ މިންގަނޑަށް ބަލާފަ ކަމަށެވެ. އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު އެއް ފަހަރު ގިނަވެގެން 12 ގަޑިއިރަށް ކަމަށެވެ.
ގަވައިދު މިހެން އޮތުމުން އެކަހެރި ބައްދަލުވުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ލާޒިމެއް ނުކުރެ އެވެ. އެއީ ކިތަންމެ ދުވަހެއް ބަންދުގައި ތިބި ކަމަށްވީ ނަމަހެވެ. މިއީ ދީނީ ގޮތުން އިލްމްވެރިން ވެސް ކަންބޮޑުވާ ކަމެކެވެ.
މިކަމާ ގުޅިގެން އިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވީ، ބަންދުގައި ތިބޭ މީހުންނަށް އެކަހެރި ބައްދަލުވުން ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އާއިލާތައް ރޫޅޭ ގޮތަށް ބަޔަކު ބަންދުގައި ނުބޭތިއްބޭނެ ކަމަށެވެ.
އިޔާޒު ވިދާޅުވީ، ހުކުމް ތަންފީޒު ކުރާ މީހުންނަށް ވެސް އެކަހެރި ބައްދަލުވުން ދެނީ އެމީހުންގެ އާއިލާތަކާ ގުޅުން ކެނޑުނަ ނުދީ އާއިލާތައް ރޫޅުން ހުއްޓުވުމަށް ކަމަށްވާއިރު ހުކުމެއް ނެތް ނަމަވެސް އެތައް ދުވަހެއް ވަންދެން ބަންދުގައި ތިބެން ޖެހޭ މީހުންނަށް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
"އެއީ އަދި ކުށްވެރިވެފައި ތިބޭ މީހުންނެއް ވެސް ނޫން، އެމީހުންނަށް އަނބިންނާ ބައްދަލު ނުވެ، އާއިލާތައް ރޫޅޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް،" ޑރ. އިޔާޒު ވިދާޅުވި އެވެ.
އަނބިންނާ ގުޅުން ކެނޑޭ ގޮތަށް ބަންދުގައި ބެހެއްޓުމަކީ ދީން ވެސް ހިތްވަރު ދޭ ކަމެއް ނޫންކަން އުމަރުގެފާނު އަމަލު ކުރައްވާފައިވާ ގޮތުން ސާފުވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ހަތަރު މަހަށްވުރެ ގިނަ ދުވަސްވަންދެން އަނބިންނާ ބައްދަލު ނުވާ ގޮތަށް ހަނގުރާމާގައި އުމަރުގެފާނު މީހުން ނުގެންގުޅުއްވި އެވެ.
އެހެންކަމުން މިއީ އަލުން ބަލައި ގަވައިދު އިސްލާހުކޮށް، ބަންދުގައި ތިބޭ މީހުންނަށް އެ ފުރުސަތު ދެވޭ ގޮތް ހަދަން މުހިންމު ކަމެއް ކަމަށް މީހުން ދެކެ އެވެ.