ރިޕޯޓް

ރިލުވާނު ގެއްލުނުތާ 4 އަހަރު: އިންސާފު ދުރުގައި، މާފެއް ނެތް!

އޭނާގެ ހަރަކާތެއް އެންމެ ފަހުން ފެނުނު ދުވަހުގެ ނާމާން ކަމަށް ހަތަރު އަހަރުވީ އެވެ. އާއިލާއަށް ހިތްދަތިކަމާއި ކެކުޅުމުގައި ދުވަސްތައް ހޭދަކުރާތާ ހަތަރު އަހަރުވީ އެވެ. ދަރިފުޅު އަންނާނެ ކަމުގެ އިންތިޒާރުގައި މަންމައެއް އިންނަތާ މިއަދަށް ހަތަރު އަހަރެވެ. މިނިވަން ނޫހުގެ ޒުވާން ނޫސްވެރިއެއް ކަމަށްވާ އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވީތާ މިއަދަށް ހަތަރު އަހަރު ފުރުނީ އެވެ. ރިލްވާން އެންމެ ފަހުން ފެނިފައިވަނީ 8 އޯގަސްޓް 2014 ގަ އެވެ.

ހަތަރު އަހަރު ވެގެން ދިޔައިރު ރިލްވާންއާ ވީގޮތާ ކައިރިއަށް ވެސް ފުލުހުންނަށް ދެވިފައެއް ނުވެ އެވެ. އަދިވެސް ރިލްވާންއަށް ވީގޮތެއް، ވީ ކޮންތާކު ކަމެއް ސާފެއް ނުވެ އެވެ. ނުހޯދެ އެވެ. އެ ޖަރީމާގެ އަޑީގައި ތިބި ބައެއް ނޭނގެ އެވެ. ޝައްކު ކުރެވޭ ބައެއް ތިބި ނަމަވެސް، އިހުމާލުތައް ބޮޑުވެ އެ މީހުން ވަނީ ދައުވާއިން މިހާރު ސަލާމަތްވެ ސާފުވެފަ އެވެ.

އެތައް ބަޔަކު ދިރިއުޅޭ ކުޑަކުޑަ ރަށަކުން ދިވެއްސަކު ވަގަށް ނަގާ ފޮރުވައި ގެއްލުވާލާފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ހަތަރު އަހަރުވީއިރު ވެސް ފުލުހުންނަށް ނުލިބުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެކެވެ. ގާބިލްކަން އިންތިހާއަށް ފުލުހުންގެ އިދާރާއަށް ލިބިފައިވާއިރު ބޮޑެތި އެތައް ޖިނާއީ މައްސަލަތަކެއްގެ ފުނަށް ގޮސް ކުށްވެރިންނަށް އަދަބު ދިނުމުގައި ފުލުހުންނަކީ ފެއިލިއާއެއް ނޫނެވެ. އެކަމަކު އެ ފުލުހުންގެ މުއައްސަސާއަށް ރިލްވާންއަށް ވީގޮތާ ކައިރިއަށް ވެސް ނުދެވުމަކީ އިހުމާލެއް ކަމަށް ބުނެވޭނެ ޖާގަ ނުހަނު ބޮޑެވެ.

މައްސަލާގެ ތަހުގީގު ފުރަތަމަ ކުރެވުނު ފުލުހުންގެ ފަރާތުން އިހުމާލުވެފައިވާ ކަމަށް އާއިލާ އާއި މިނިވަން ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވަމުންނެވެ. އެކަމަކު އަބަދުވެސް ފުލުހުން ދޭ ރައްދަކީ އެއީ ދޮގެއް ކަމަށެވެ. މައްސަލަ ފުރިހަމައަށް ތަހުގީގު ކުރަމުންދާ ކަމެވެ. އެކަމަކު މިހާރު ވަނީ ފުލުހުންގެ އިހުމާލު އޮތްކަން ސާބިތުވެފަ އެވެ. ކުރިމިނަލް ކޯޓުން ވަނީ ތަހުގީގެއްގައި ކޮންމެހެން ދޫކޮށްގެން ނުވާނެ އާންމު އުސޫލުތައް ރިލްވާންގެ މައްސަލާގައި ދޫކޮށްލާފައިވާ ކަމަށް ހުކުމްކޮށްފަ އެވެ.

ރިލްވާންގެ ގެއްލުވާލި ދުވަސްވަރު ފުލުހުންގެ ބޮޑު އިހުމާލުތަކެއްވެފައިވުމަކީ މިހާރު އެކަމުގެ ހަގީގަތް ހޯދަން ފުލުހުން ކިތަންމެ ބޭނުންވި ނަމަވެސް ބޮޑު ހުރަހަކަށްވާނެ އެވެ. ހެކިތައް ގެއްލި، ތުހުމަތުވާ މީހުން ވެސް މިހާރު ތިބީ ސަލާމަތްވެގެންނެވެ. މައްސަލާގައި ކިރިޔާ ދައުވާ ކުރެވޭވަރުވީ ދެ މީހުންނަށް ވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހޯދިފައިނުވުމުން އެ މީހުން ވެސް ވަނީ މައްސަލައިން ސަލާމަތްވެފަ އެވެ. އެމީހުން ސަލާމަތްވި ހުކުމުގައިވާ ފުލުހުންގެ އިހުމާލުތަކަކީ ހައިރާންކަން ގެނުވާ ވަރުގެ ބޮޑެތި އިހުމާލުތަކެވެ.

ހުކުމުގައި ފުލުހުންގެ އިހުމާލު ސާފު!

ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގިނަ އިހުމާލުތަކެއް ހުރިކަން މައްސަލަ ބެއްލެވި ގާޒީ އާދަމް އާރިފްގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ހިމެނޭ ރަތް ކާރަކީ ދައުވާ ލިބުނު ގ. ހިލްޓަން، އާލިފް ރައޫފްގެ ކާރު ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން ޔަގީންކޮށްދޭ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށެވެ. މައްސަލާގެ ތަހުގީގަށް އެ ކާރުގެ ރަޖިސްޓްރީ ފަދަ ފަސޭހައިން ލިބޭ ލިޔުމެއް ވެސް ހޯދާފައިނުވާ ކަމަށެވެ.

ރިލްވާންގެ މަންމަ އައިމިނަތު އީސާގެ ޑީއެންއޭ ފެނުނު އިސްތަށި އޮތް ރަތް ކާރަކީ އާލިފްގެ ކާރެއް ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވީ ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ތަހުގީގު ބަޔާނަށް އިންކާރުކޮށްފަ އެވެ. އެހެންވެ އެ ކާރަކީ އާލިފްގެ ކާރު ކަމަށް ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ.

ރިލްވާން ގެއްލުވާލި ރޭ ނޫރައްދީން އުޅުނީ އޭނާ އެކީގަ ކަމަށް ބުނެ ހެކި ބަސް ދިން މީހާ ވަނީ އެ ކާރު އެ ރޭ ދައުވާ ލިބުނު ދެވަނަ މީހާ ކަމަށްވާ ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރުއްދީން ނުދުއްވާ ކަމަށް ބުނެފަ އެވެ. އަދި އެ ކާރު އޮތީ ޕާކްކޮށްފަ ކަމަށާއި އެ ސަރަަހައްދުގައި ސީސީޓީވީ ހުންނައިރު ކާރު އޮންނަ ސަރަހައްދު ކެމެރާއަށް އަރާނެ ކަމަށެވެ. އެހެންވެ އެ ފުޓޭޖް ބެލުމަށް ތަހުގީގުގައި އޭނާ ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. އާލިފް ވެސް ވަނީ ތަހުގީގުގައި އެ ފްޓޭޖް ބެލުމަށް އެދިފަ އެވެ. ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ރިލްވާން ގެއްލުވާލި ރޭ ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ މަންޒަރު ފެނުނު އާއިލާއަކުން އެކަން ވަގުތުން ރިޕޯޓްކުރިކަން މައްސަލާގައި ހުށަހެޅި ހަތް ސިއްރު ހެކިންގެ ހެކި ބަހުން ސާފުވާ ކަމާއި ނަމަވެސް ފުލުހުން އެ ސަރަހައްދަށް އައީ އެތައް އިރެއްވީ ފަހުންކަން އެނގޭ އޮންނަ ކަމަށް ވެސް ހުކުމްގައިވެ އެވެ. ގަދަކަމުން އެ ރޭ ކާރަށް އެރުވީ ރިލްވާން ކަމަށް ބެލުމުގެ ފުރުސަތު އޮތް ނަމަވެސް ހެކި ބަސް ދިން އެއްވެސް މީހަކަށް އެއީ ރިލްވާންކަން ސާފުކޮށް ބުނަން ނޭނގޭ ކަމަށާއި އެމީހުންނަށް އެ ސަރަހައްދުން އާލިފާއި ނޫރައްދީން ވެސް ފެނިފައިނުވާ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ސިއްރުން ހެކި ބަސް ދިން މީހުންނަކީ ރިލްވާން ދިރިއުޅޭ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އެ ސަރަހައްދަށް ވަޅިއެއް ވެއްޓިފައި އޮތްވާ ވެސް އެމީހުންނަށް ފެނިފައިވެ އެވެ. އެ ވަޅި ފުލުހުން ގެންގޮސް ފްރެންސިކާ ހަވާލު ވެސް ކުރި ކަމަށް މައްސަލާގެ ސީންއަށް ދިޔަ ފުލުހަކު ހެކި ބަސް ދެމުން ބުނެފައިވެ އެވެ. ނަމަވެސް އެ ވަޅިން އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

ހުކުމުގައި ބުނީ، އެ ވަޅީގެ ފްރެންސިކް ރިޕޯޓެއް ހެދި ކަމެއް ނުވަތަ ވަޅިން އެއްވެސް ނަތީޖާއެއް ނުލިބުނު ކަމެއް ވެސް މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކުން ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން މައްސަލާގައި ސިއްރުން ހެކި ބަސް ދިން މީހުންގެ ތަހުގީގު ބަޔާން ނެގިއިރު އެމީހުންނަށް ރިލްވާންގެ ފޮޓޯ އާއި ދައުވާ ލިބޭ މީހުންގެ ފޮޓޯ ދައްކައިގެން އެމީހުން ދެނެގަންނަން އެނގޭތޯ ސާފުކުރުން ފަދަ ތަހުގީގުގައި ކުރާ ވަރަށް އަސާސީ ކަންކަން ވެސް ފުލުހުން ކޮށްފައިނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.

މިކަންކަމުން އެނގިގެން ދަނީ ރިލްވާންގެ ގެއްލުވާލުން ފަދަ އެތައް ބަޔަކު ބައިވެރިވެގެން ހިނގާފައިވާ ނުރައްކާތެރި މައްސަލައެއްގައި ފުލުހުން އެކަށީގެންވާ މިންވަރަށް ތަހުގީގު ހިންގާފައިނުވާކަން ކަމަށް ވެސް ކުރިމިނަލް ކޯޓުގެ ހިންގުމާ މީގެކުރިން ހަވާލުވެ ހުންނެވި ގާޒީ އާރިފްގެ ހުކުމުގައިވެ އެވެ.

ދައުވާ ކޯޓަށް ހުށަހެޅުމުގައި ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީހުގެ އިހުމާލުތަކެއް ހުރިކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ. އެގޮތުން ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައިނުވުމަކީ ޕީޖީގެ އިހުމާލެއްކަން ފާހަގަކޮށްފައިވެ އެވެ. ހުކުމުގައި ބުނީ، ޗެއިން އޮފް ކަސްޓަޑީއަކީ ދައުވާ ލިބޭ ފަރާތުން ސުވާލު އުފެއްދުމުން ހުށަހަޅަންޖެހޭ އެއްޗެއް ނޫން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 83 ވަނަ މާއްދާގައިވާ އުސޫލުން އެނގޭ ކަމަކީ ޗެއިން އޮފް ކަސްޓަޑީއަކީ ފޮރެންސިކް ރިޕޯޓާއެކު ހުށަހަޅަންޖެހޭ އެއްޗެއް ކަމަށެވެ. އެއީ ރިޕޯޓްގެ ސައްހަކަން ކަށަވަރުވެ އެ ރިޕޯޓަކީ އިޖުރާއަތުތަކާއެކު ހަދާފައިވާ ރިޕޯޓެއްކަން އެނގިގެން ދާނެ ކަމެއް ކަމަށެވެ.

މި މައްސަލާގައި ޕީޖީގެ ފަރާތުން ޗެއިން އޮފް ކަސްޓަޑީ ހުށަހަޅާފައިވަނީ ޝަރީއަތް ފެށިގެން ކުރިއަށް ދަނިކޮށެވެ. އެ ސިޓީއެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭގެ ވާހަކަ ޕީޖީގެ ވަކީލް ފާހަގަކުރައްވާފައެއް ނުވެ އެވެ. އެހެންވެ އެ ހުށަހަޅާފައިވާކަން ވެސް ދައުވާ ލިބޭ ފަރާތްތަކަށް ނޭނގެ އެވެ. ޕީޖީގެ ވަކީލް ޗެއިން އޮފް ކަސްޓަޑީގެ ވާހަކަ ދެއްކެވީ ހުލާސާ ބަޔާން އިއްވަމުންނެވެ.

މި މައްސަލާގައި އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ އާލިފްގެ ރަތް ކާރުން ފެނުނު އިސްތަށިން ފެނުނު ޑީއެންއޭ އެވެ. އެ އިސްތަށިން ފެނުނު މައިޓްރޯކޮންޑަލް ޑީއެންއޭ، ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވެ އެވެ. ޑީއެންއޭ ޓެސްޓްތައް ހަދާފައިވަނީ ތައިލޭންޑްގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމުންނެވެ. އެ ރިޕޯޓްގެ އަސްލަކަށް ބަަލައިގެން ދިވެހި ފުލުހުންގެ އޮފިސަރެއް ވެސް ރިޕޯޓް ތައްޔާރުކުރި އެވެ. އޭނާ މައްސަލާގައި ހެކި ބަސް ވެސް ދިނެވެ.

އޭނާ ހެކި ބަސް ދެމުން ބުނެފައިވަނީ އިޓްރޯކޮންޑަލް ޑީއެންއޭއަކީ މަންމަގެ ފަރާތުން އަންނަ އެއްޗެއް ކަމަށާއި އެ ދިމާވާނީ އެއް ބަނޑު މީހުންނާއި އެއް ބަނޑު އަންހެނުންގެ އަންހެން ދަރިންނާ ކަމަށެވެ. އެހެންވެ، ރިލްވާންގެ އެއްބަނޑު ހަތަރު ދައްތަ އާއި ހަތަރު ބޭބެގެ ހެކި ބަސް ނަގާފައިވެ އެވެ. އެ އެންމެންގެ ހެކި ބަހުން ވެސް އާލިފްގެ ކާރަށް އެއިން އެކަކު ވެސް ނާރާކަން ކަށަވަރުވާ ކަމަށާއި އެމީހުންގެ އިސްތަށި އެ ކާރަށް ދިޔުމުގެ ފުރުސަތު ނެތްކަން ވެސް އެނގޭ ކަމަށެވެ. އެހެންވެ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެއީ އެމީހުންގެ އިސްތައްޓެއް ނޫން ކަމަށް ޝަރީއަތަށް ކަނޑައެޅޭނެ ކަމަށް ހުކުމުގައި ބުންޏެވެ.

ހުކުމުގައި ބުނީ، އެ އިސްތަށިން ފެނުނު ޑީއެންއޭ ދިމާވާނެ ކަމަށް ބެލެވޭ އެންމެން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ބުނާއިރު ރިލްވާންގެ މަންމަގެ އެއްބަނޑު އަންހެނުން ތިބި ކަމެއް ނުވަތަ ނެތް ކަމެއް އަދި ރިލްވާންގެ އެއްބަނޑު ދައްތަމެންގެ އަންހެން ދަރިން ތިބި ކަމެއް ނުވަތަ ނެތް ކަމުގެ މައުލޫމާތެއް ވެސް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެމީހުންނަކީ ވެސް އެ ޑީއެންއޭ ދިމާވާނެ ބައެއްކަން ހުކުމުގައި ފާހަގަކުރި އެވެ. ރިލްވާންގެ މަންމަ އާއި އެއްބަނޑު މީހުންގެ ހެކި ބަސް ނެގުމުގެ މަގުސަދު އެހެންވެ ހާސިލްވެފައިނުވާ ކަމަށެވެ.

ރިލްވާންއަށް ވީގޮތެއް ހޯދާ!

ރިލްވާންއަށް ވީ ގޮތުގެ ހަގީގަތް ހޯދުމަކީ ހަތަރު އަހަރު ކުރިން ވެސް މިއަދު އޭނާގެ އާއިލާއިން އެދޭ އެދުމެވެ. މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްކަން ގަބޫލުކޮށް އަލުން އެ މައްސަލާގައި މިނިވަން ތަހުގީގެއްކޮށް ތުހުމަތުވާ މީހުންނަށް ދައުވާކުރުމަކީ އާއިލާއިން އެދޭ ގޮތެވެ.

ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރިލްވާންގެ ވާހަކަ އަންނައިރު އެކަމުގައި ބޮޑު ތުހުމަތެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ކުރެވެ އެވެ. އެކަމަކު އޭނާ ވަނީ އެކަމުގެ ހަގީގަތް އެނގޭނަމަ ފާޅުގައި ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލާގެ ތަހުގީގަށް ރައީސް އަބްދުﷲ ޔާމީން ނުފޫޒު ފޯރުއްވި ކަމަށް ވިދާޅުވެ ބޯޅަ އަނެއް ކޯޓަށް ފޮނުވާލާފަ އެވެ.

ނަމަވެސް ރައީސް ވެސް ވަނީ އެ އިލްޒާމް ދޮގު ކުރައްވާފަ އެވެ. އަދި ރިލްވާން ފެންނާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރިލްވާންއަށް ވީގޮތެއް ހޯދުމަށް ކަމަށް މިނިސްޓަރު މުހައްމަދު ޝައިނީ ވެސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ވެސް ރިލްވާންއަށް ވީގޮތެއް ހޯދާނެ ކަމަށް ބުނާއިރު އިދިކޮޅުގެ ސަރުކާރެއް ގާއިމުވެއްޖެނަމަ ރިލްވާންގެ މައްސަލާގައި އަލުން މިނިވަން ތަހުގީގެއްކޮށް ޖަވާބުދާރީކުރުވަން ޖެހުނު ކޮންމެ މީހެއް ޖަވާބުދާރީ ކުރުވާނެ ކަމަށް ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ބޭފުޅުންގެ ވާހަކަތައް އެހެން ހުރިއިރު ހަގީގަތަކީ ރިލްވާންއަށް އިންސާފު ލިބުން ލަސްވެއްޖެ ކަމެވެ. އޭނާއަށް ވީގޮތް ނުހޯދޭއިރު އިންސާފު ލިބެން ވެސް ގާތް ވެސް ނުވެ އެވެ. އިންސާފެއް ނެތެވެ. އޮތީ ބޮޑު އިހުމާލެވެ.