ހަބަރު

މާލެތެރެއަށް ކުނި އެޅި 17 މީހަކު ޖޫރިމަނާ ކޮށްފި

ގަވާއިދާ ހިލާފަށް މާލެ ތެރެއަށް ތަކުރާރުކޮށް ކުނި އެޅި 17 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.

މި 17 މީހުންނަކީ މާލެތެރެ ސާފުކޮށް ބޭއްވުމަށް ތިމާވެށި ފުލުހުން އުފެއްދައި އެ ފުލުހުންގެ ހިދުމަތް ފެށުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ފުލުހުންގެ އިދާރާއާ ދެމެދު މިދިޔަ މާޗް މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޖޫރިމަނާ ކުރި މީހުންނެވެ.

ތިމާވެށި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށައިގަތުމަށް އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްޓިން ކޮމިޝަނާ އަބްދުﷲ ނަވާޒް ވިދާޅުވީ، ނަސޭހަތް ދީގެންވެސް މާލެތެރެ ހަޑިވާގޮތަށް ކުނި އެޅުން ނުހުއްޓި 17 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ޖޫރިމަނާ ކޮށްފައިވަނީ ކިހާ އަދަދަކުން ކަމެއް ވިދާޅެއް ނުވެ އެވެ.

ނަވާޒް ވިދާޅުވީ، ތިމާވެށި ފުލުހުންގެ މަގްސަދަކީ އެއްވެސް ހާލެއްގައި މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފައިސާ ހޯދުން ނޫން ކަމަށެވެ. އެހެންކަމުން ފުރަތަމަ އިސްކުރަނީ ކޮންމެ މީހަކަށް ވެސް ނަސޭހަތް ދިނުމުގެ އުސޫލު ކަމަށާއި ޖޫރިމަނާ ކުރަނީ އިސްލާހު ނުވެގެން ކަމަށެވެ.

ތިމާވެށި ފުލުހުންގެ މަސައްކަތުގެ ދަށުން މިހާތަނަށް މާލޭގެ 77 ތަނެއް ސާފުކޮށްފައިވާ ކަމަށް ނަވާޒް ވިދާޅުވި އެވެ. އަދި އެކި ސަރަހައްދުތައް ބަލައި 46 ފަރާތަކަށް ނަސޭހަތް ދީފައިވާކަމަށާއި، 23 ތަނެއްގައި ކުނި ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެކަން ކުރި ބަޔަކު ނޭނގޭތީ އެއްވެސް ބަޔަކަށް ފިޔަވަޅު ނާޅައި އެތަންތަން ވެސް ސާފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޖުރިމަނާ ކުރާ މީހުންނަށް އެމީހަކު ޖުރިމަނާ ކުރާ ކަމެއްގެ ތަފްސީލާއި ޖޫރިމަނާ ކުރާ އަދަދު ހިމެނޭހެން ސްލިޕެއް ދޭނެ އެވެ. އެ ސްލިޕްގައި ކަނޑައަޅާ އަދަދު ނުދައްކައިފިނަމަ މީރާއިން އެ ފައިސާއަށް ދައުވާކުރެވޭ ގޮތަށް ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން ގަވާއިދާ ހިލާފަށް މާލެތެރެއަށް ތަކުރާރުކޮށް ކުނި އަޅާ ފަރާތްތައް 300 ރުފިޔާއާއި 100،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.