ރިޕޯޓް

މި ފަސް އަހަރު: ސުޕްރީމް ކޯޓު އެފުށް މިފުށަށް!

ވާދަވެރިކަން އިންތިހާއަށް އޮތް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، 'ހައިޖާނުތައް' ގިނަ އިންތިހާބެކެވެ. އިންތިހާބު ތަފާތުވެ ކަންކަން ބޮޑުވެގެން ދިޔައީ ސުޕްރީމް ކޯޓުން އަދާކުރި ރޯލުގެ ސަބަބުންނެވެ.

އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ދިޔުމުން އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރި އެވެ. އެކަމުގައި އޭރު ރައުޔު ތަފާތުވީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމެވެ. ނަމަވެސް ފަނޑިޔާރުންގެ އަގުލަބިއްޔަތު ބުރަވީ އިންތިހާބު ބާތިލްކުރަން ކަމަށްވާތީ، އޭގެ ފަހުން އިންތިހާބުގައި އަމަލުކުރަންވީ ގޮތުގެ ވަރުގަދަ ގައިޑްލައިނެއް ވެސް ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ކަނޑައެޅި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރު ބާތިލްކުރުމާއެކު އަލުން އެ ބުރު ބޭއްވުމަށް ހުރިހާ ތައްޔާރީއެއްވެފައިވަނިކޮށް ވެސް އެ ދުވަހު އިންތިހާބު ހުއްޓުވި އެވެ. އިންތިހާބުގެ ފުރަތަމަ ބުރު ދެން ބޭއްވީ ސުޕްރީމް ކޯޓުގެ ގައިޑްލައިންއާ އެއްގޮތަށެވެ. އިންތިހާބު ކާމިޔާބު ކުރެއްވި، ރައީސް އަބްދުﷲ ޔާމީން ވެސް ފަހުން ވަނީ އިންތިހާބުގައި ސުޕްރީމް ކޯޓު އަދާކުރި ރޯލް ފާހަގަކުރައްވާފަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުނީ ސުޕްރީމް ކޯޓުން ނެރުނު ހުކުމްތަކުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެ އެވެ.

އެންމެ ފުރަތަ ދިމާކުރީ ސުޕްރީމް ކޯޓާ

ވެރިކަމަށް ރައީސް ޔާމީން ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް އިސްލާހެއް ވެއްދި އެވެ. އެ އިސްލާހަކީ އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒާއިި މުއުތަސިމް ވަކިކުރުމަށް ޓާގެޓްކޮށް ހުށަހެޅި އިސްލާހެކެވެ. އިސްލާހު ފާސްކޮށް ތަސްދީގުކޮށް އެންމެ ފަހުން އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރީ އެވެ. އެއީ ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ފާއިޒް އޭރު ވިދާޅުވަމުން ގެންދެވި އެވެ. އެކަމަކު އޭރު އެއްވެސް ބަޔަކު އެ އަޑެއް ނޭހި އެވެ.

ދެން އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގެންނެވި އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދެވެ. ފާއިޒް މަގާމުން ދުރުކުރިތާ، މާގިނައިރުތަކެއް ނުވެ އަބްދުﷲ ސައީދު މަގާމުގެ ހުވާ ކުރެއްވިއިރު، ވަކިކުރި މުއުތަސިމް އާއި ފާއިޒްއާ އެބޭފުޅާއާ އަބަދުވެސް ވަރަށް ބޮޑަށް ހިޔާލުތަފާތެވެ. ގިނަ ހުކުމްތަކުގައި ރައުޔު އަބަދުވެސް ހުންނަނީ ތަފާތުކޮށެވެ. ސަރުކާރަށް ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެދެބޭފުޅުން ނަގައި އެއްލައިލީ ގާނޫނަށް ގެނެވުނު ކުޑަކުޑަ ބަދަލަކުން އެވެ. ބޭނުމަކަށް ވެފައި އޮތީ ސުޕްރީމް ކޯޓްގެ ފުލް ކޮންޓްރޯލް ސަރުކާރަށް ނެގުން ކަމަށް އޭރު އިދިކޮޅުގައި އޮތް، އެމްޑީޕީ ދިޔައީ ބުނަމުން އެވެ. ރާއްޖޭގެ އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރާ ކުޅެލުން ވީ ވަރަށް ފަސޭހަކަމަކަށެވެ.

އެއަށް ފަހު ހުރިހާ ހުކުމެއް ސަރުކާރާ އެއްކޮޅަށް

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި އަބްދުﷲ ސައީދު 2014 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވި އެވެ. އެ މުއްދަތަކީ ޖުޑިޝަރީއަށް އެންމެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވި ދުވަސްވަރެވެ. ތާރީހުގައި ވެސް ނެތް ވަރުގެ ފިޔަވަޅުތައް ސުޕްރީމް ކޯޓުން އެ މުއްދަތުގެ ތެރޭގައި އެކި ފަރާތްތަކާމެދު އަޅާފައިވެ އެވެ. ގިނަ މައްސަލަތަކެއްގައި ޝަރީއަތް ހިންގުމެއް ނެތި މައްސަލަތައް ކޯޓުން ބޭރުކޮށްލާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ސާބިތުވި ޓެރަރިޒަމްގެ މައްސަލަތައް އެބޭފުޅުން ސުޕްރީމް ކޯޓްގެ ނިޔާއަކަށް ހުށަހެޅުއްވުމުން މައްސަލަ ބަލައިވެސް ނުލާ އެންމެ މަތީ ކޯޓުން ބޭރުކޮށްލި އެވެ.

ސަރުކާރު ހިންގަން ފަސޭހަވާނެ އެންމެހާ ގޮތްތަކަށް މަގުފަހި ކުރުމަށް ޓަކައި ސުޕްރީމް ކޯޓަށް ގާނޫނު އަސާސީ މާނަކުރެވުނު ގޮތަކަށް ކޮށްގެން ބަންޑާރަ ނައިބު އެދުނު ގޮތަށް ދުސްތޫރީ ގިނަ ހައްލުތަކެއް ސުޕްރީމް ކޯޓުން ހޯދައިދީފައިވެ އެވެ. ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ހިސާބުން، 12 މެންބަރެއްގެ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންގެ އުސޫލެއް ނެރެ، އެބޭފުޅުންގެ ގޮނޑިތައް ގެއްލުވާލި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނޫނީ މިނިސްޓަރެއް އަދި މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓެއް މަޖިލީހުން ނެގިއަސް، އެކަން ތަންފީޒު ވާނީ ސުޕްރީމް ކޯޓުން އާބަސް ބުނެގެން ކަމަށް އެ ކޯޓުން އުސޫލު ކަނޑައަޅައި މަޖިލީހުގެ ފިޔަ ކޮށާލި އެވެ. އަބްދުﷲ ސައީދު އިސްވެ ހުންނަވާ މި ގޮތަށް ނެރުނު ހުކުމްތަކުގެ ސަބަބުން، 12 މެންބަރުންގެ ގޮނޑީގެ މައްސަލަ އޮތީ އަދިވެސް ދުސްތޫރީ ބޮޑު މައްސަލައަކަށްވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވަނީ، 12 މެންބަރުންގެ ގޮނޑިތައް ގެއްލުވާލުމުގެ އެންމެ ބޮޑު މަސައްކަތް ކުރެއްވީ ހުދު އެމަނިކުފާނު ކަމަށެވެ. މި މައްސަލައިން ވެސް ހާމަވި އެއް ކަމަކީ އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކޮށް އެމަނިކުފާނުގެ އަތްޕުޅަށް ބާރުތައް ދިޔަ ހިސާބުން އެންމެ މަތީ ކޯޓްގެ ލަގަން އޮތީ ސަރުކާރުގެ އަތުގައި ކަމެވެ. އެ ފަނޑިޔާރުން ތިއްބެވީ ސަރުކާރުގެ ފުރިހަމަ ބާރުވެރި ކަމުގެ ތެރޭގައި ކަމަށް ޝައްކު ކުރެވެނީ މިކަހަލަ ސަބަބުތައް ހުރީމަ އެވެ.

ބޮޑު އަމުރެއް! ސުޕްރީމް ކޯޓްގެ ދުވަސްދުއްވާލި

ފަސް ފަނޑިޔާރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް އެކެއް ފެބުރުއަރީގައި ގައުމު ގުޑުވާލި އަމުރެއް ނެރުއްވި އެވެ. ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުނު އެ އަމުރުގައި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އަމުރު ތަންފީޒުުކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. ރިޝްވަތުގެ ތުހުމަތާއެކު ދެ ފަނޑިޔާރުން ޖަލަށް ގެންދިޔައިރު ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އެކެއް ފެބުރުއަރީގައި ފަސް ފަނޑިޔާރުން ނެރުއްވި އަމުރުގެ ބޮޑު ބައެއް މިހާރު ބާތިލް ކުރައްވާފަ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދަށް އެކި ދައުވާތައް ކުރަމުން ދިޔައިރު ރައްޔިތުންގެ މަޖިލީހަށް އެ ދެ ބޭފުޅުންނަށް ޓާގެޓްކޮށް އިސްލާހެއް ވެއްދި އެވެ. ފާއިޒާއި މުއުތަސިމް ބޭރުކޮށްލިއިރު ބައްލަވަން ތިއްބެވި ދެ ބޭފުޅުންނަށް އެ ދުވަހާ ކުރިމަތީވި އެވެ. ފާއިޒަށް އެ ދުވަހު ވިދާޅުވީ، އޭރު ނޫނެކޭ ވިދާޅުވި ނަމަ އޭ އެވެ. ޖިނާއީ ދައުވާއެއް ސާބިތުވެ ސުޕްރީމް ކޯޓުން އެ ދައުވާއާ ގުޅޭ ގޮތުން ގޮތެއް ނިންމައި ދުވަހު އޮޓޯއިން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރީ އެވެ. އިސްލާހު ގެނައުމުގެ ކުރިންނަމަ ފަނޑިޔާރަކު ވަކިކުރެވޭނެ ހަމައެކަނި ގޮތަކީ މަޖިލީހުގައި ވޯޓެއް ނެގުމެވެ.

އިސްލާހު ފާސްކުރިތާ ގިނަ ދުވަހެއް ނުވެ އަބްދުﷲ ސައީދާއި އަލީ ހަމީދު ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔަ އެވެ. ޝަރީއަތް ހިންގުމަކާ ނުލާ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ތިން ފަނޑިޔާރުން ނިންމެވީ އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދަަށު ކޯޓުން އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށެވެ. އެހާ ހިސާބުން ދެ ބޭފުޅުންގެ ފަނޑިޔާރުކަން ގެއްލުނީ އެވެ.

އެންމެ ފަސޭހައިން ކުޅެލެވޭ ތަނަކަށް ސުޕްރީމް ކޯޓް

އާ އުއްތަމަ ފަނޑިޔާރަކު އަނެއްކާ ވެސް އައްޔަން ކުރަންޖެހުނީ އެވެ. އަދި އެ ކޯޓްގެ ދެ ފަނޑިޔާރެއްގެ ގޮނޑިވެސް ހުސްވީ އެވެ. އާ އުއްތަމަ ފަނޑިޔާރަކާއި މުޅިން އާ ދެ ފަނޑިޔާރުން ބެންޗަށް ލުމުގެ އިޖުރާއަތު އެހާމެ އަވަހަށް ފެށި އެވެ. ސުޕްރީމް ކޯޓްގެ ބެންޗާ ކުޅެލުމަކީ ވަރަށް ފަސޭހަ އާދައިގެ ކަމަކަށް މަޖިލީހުން އޮތީ ހަދައިފަ އެވެ. ސަރުކާރުގެ ފުރިހަމަ ބާރުވެރިކަމުގައި އޮތް މަޖިލީހުން އެ ކަންކަން ނިންމާލަނީ ހަމަ ހިދުކޮޅެއްގެ ތެރޭގަ އެވެ.

މިފަހަރުވެސް މަންޒަރު ފެނިގެން ދިޔައީ ހަމަ ކުރީ ފަހަރެކޭ އެއްގޮތަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައީސް ޔާމީނަށް ލަފާ ދެއްވީ އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށެވެ. އެ ލަފާއާ އެއްގޮތަށް މަޖިލީހަށް ރައީިސް ފޮނުވުމާއެކު މަޖިލީހުން ނަމަށް ރުހުން ދިނެވެ. އެއާއެކު ރާއްޖޭގައި ސުޕްރީމް ކޯޓު އެކުލަވާލި ފަހުން ތިންވަނަ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ޑރ. އަހުމަދު އަބްދުﷲ ދީދީ ހުވާ ކުރެއްވި އެވެ.

އޭރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ގޮނޑި ވެސް ހުރީ ހުހަށެވެ. އެ މަގާމަށް އައްޔަން ކުރެއްވުމަށް ކޮމިޝަނުން ލަފާ ދެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުލްޣަނީ މުހައްމަދެވެ. އެ ލަފާއާ އެއްގޮތަށް އެ ދެ ބޭފުޅުންގެ ނަން ވެސް ފާސްވެ، މުޅިން އާ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ބެންޗާ ގުޅިވަޑައިގަތީ އެވެ. އެކަމަކު އެ ކޯޓާ މެދު މީހުން ކުރާ އިތުބާރު އާލާ ކުރުމަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. އެންމެ ބޮޑު ހިޔާލުތަފާތުވުން އުފެދިފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލަ ހައްލުވާނެ ފަދަ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓް އޮތީ އަދިވެސް ނުކުޅެދިފަ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިރު، ސުޕްރީމް ކޯޓްގެ ބެންޗުގައި ތިއްބެވި ހަތަރު ފަނޑިޔާރަކު ބެންޗުން ވަކިކޮށްފައިިވާއިރު ސުޕްރީމް ކޯޓު ފަސް އަހަރުގެ ތެރޭގައި އެފުށް މިފުށަށް ވަނީ ޖެހިފަ އެވެ. އިންތިހާބު ބޯމަތިވެފައިވާ އިރު ވިސްނަން ޖެހެނީ މި ހުރިހާ ކަމެއް ކުރިމަތިވީ ކީއްވެ ހެއްޔެވެ؟ އެންމެ ފަސޭހައިން ވަކިކުރެވޭ ބަޔަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންވީ ކީއްވެ ހެއްޔެވެ؟