ހަބަރު

ވަޅި ޖަހާފައި ފިލަން ދުވި ޒުވާނާ އަތުލައިގަތް ފުލުސް މީހާއަށް ތައުރީފް

Aug 29, 2018
12

މާލޭގައި ރޭ ހިންގި ގްރޫޕް މާރާމާރީގައި ބައިވެރިވުމަށް ފަހު، ފިލަން ދުވި ޒުވާނަކު ފަހައި ދުވެ އޭނާ އަތުލައިގަތް ފުލުހުސް މީހާއަށް ވަރަށް ބޮޑަށް ތައުރީފް ލިބެން ފަށައިފި އެވެ. ރޭ 9:10 އެހާކަންހާއިރު މާފަންނު ސަހަރާ ކައިރީގައި ދެ ގްރޫޕަކުން ހިންގި މާރާމާރީގައި ތިން މީހަކަށް ހަމަލައިދީ ވަަނީ ޒަހަމްކޮށްލައިފަ އެވެ.

އެ މާރާމާރީގައި ބައިވެރިވުމަށް ފަހު، އެކަމުގައި ބޭނުންކުރި ވަޅިއާ އެކު އެ ޒުވާނާ ފިލަން ދުވެފައި ދަނިކޮށް، އެ ވަގުތު އެ ސަރަހައްދުގައި ހުރި ޓްރެފިކް ފުލުސް މީހާ ވަނީ އޭނާ ފަހައި ދުވެ އަތުލައިގެންފަ އެވެ. އެ ސަރަހައްދުގެ ގެ އެއްގެ ބެލްކަނީގައި ހުރި އާންމު މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ފުލުސް މީހާ އެ ޒުވާނާ ހިފަހައްޓަނީ ހަތަރުއަގޯޅިއެއްގެ ކަންމަތިން އެވެ. އެ ވީޑިއޯއިން އެއީ ކޮން ހިސާބެއް ކަމެއް ސާފެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އެއީ މާފަންނު ސަހަރާ ކައިރި ހިސާބެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފިލަން މަސައްކަތް ކުރަމުން ދިޔަ އެ ޒުވާނާގެ ގައިގާ ފުލުސް މީހާ ބައްދައި ވަރަށް މަސައްކަތުން އެ ޒުވާނާ ބިންމައްޗަށް ވައްޓާލަ އެވެ. އަދި އެތަން ފެނި އެ ސަރަހައްދުގައި ހުރި އާންމު މީހަކު ވެސް އައިސް އެ ފުލުސް މީހާއަށް އެހީތެރިވެ އެވެ. ފުލުސް މީހާޔާއި އާންމު މީހާގެ އަތް ފޮޅުވާލުމަށް ފަހު ދުވެ، ފިލަން އެ ޒުވާނާ ވަރަށް ގަދަ ހަދާތަން ފެނެ އެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ހުރި އެހެން އާންމު މީހަކުވެސް އައިސް އެ ޒުވާނާގެ ގައިގާ ބައްދައި ގަތުމުން އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފުލުސް މީހާ އޭނާގެ ގައިގާ ބައްދައިގެން އިރު އެ ކަމަށް ބޭނުން ކުރި ވަޅިވެސް ޒުވާނާގެ އަތުގައި އޮތެވެ. ފުލުސް މީހާ ބައްދައިގެން ވަގުތު އެ ޒުވާނާގެ އަތުން ވަޅި ވަނީ ބިންމައްޗަށް ވެއްޓިފަ އެވެ. ފަހުން ފުލުހުުންގެ ޖިޕެއް އައިސް އެ ޒުވާނާ ހައްޔަރުކޮށްގެން ވަނީ ގެންގޮސްފަ އެވެ. ރޭގެ ހިންގި މާރާމާރީގައި ޒަހަމްވި ތިން ޒުވާނުންނަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުން އެވެ.

އެ ޒުވާނާ ހައްޔަރުކޮށް ކުރާ ވީޑިއޯ ފޭސްބުކްގައި އާންމު ކުރުމާ އެކު، އާންމުންގެ ތެރެއިން އެތައް ބަޔަކު ބުނީ، މިއީ ހަގީގީ ފުލުހުންގެ ކިބައިން ފެންނަން ޖެހޭނެ ސިފައެއް ކަމަށާއި މިއީ ވަރަށް ހިތްވަރު ގަދަ އަމަލެއް ކަމަށެވެ. އަދި އެ ފުލުސް މީހާގެ ހިތްވަރަށް އެތައް ބަޔަކު ގެންދަނީ ތައުރީފް ވެސް ކުރަމުން އެވެ. އަދި އެ ފުލުސް މީހާއަކީ ބަތަލެއްގެ ގޮތުގައި ވެސް އެއް ބަޔަކު
ސިފަ ކުރި އެވެ. ތައުރީފް ލިބެމުން އަންނަނީ އެ ފުލުސް މީހާއަށް އެކަންޏެއް ނޫނެވެ. އެކަމުގައި ފުލުސް މީހާޔަށް އެހީވި އާންމު މީހާގެ ހިތް ވަރަށް ވެސް ތައުރީފް ލިބެ އެވެ. ފޭސްބުކްގައި، ކޮމެންޓް ކުރި މީހަކު ބުނީ، "ދިވެހި ފުލުހުންނާއި އާންމުންގެ ތެރޭގައި ވެސް ތިބެންވީ މާރާމާރީ ހިންގާތަން ފެންނަ އިރު އެކަން ހުއްޓުވަން ކެރޭ މީހުން" ކަމަށެވެ. އާންމުކޮށް މާރާމާރީތައް ހިންގަނީ ބާރުގަދަ ގޭންގްތަކުން ކަމަށްވާއިރު، އެފަދަ ކަމެއް ހިނގާތަން ފެނުނަސް ހުއްޓުވަން އާންމުން ބިރު ގަނެ ޖެހިލުންވެ އެވެ. ސަބަބަކަށް ވަނީ އެ މީހުންގެ ފަރާތުން ފަހުން ލިބިދާނެ ނުރައްކަލަކަށެވެ.

"މިކަހަލަ ހިތްވަރު ގަދަ ކަންކަމަށް ކެރޭ ފުލުސް މީހުން ތިބެންޔާ ގައުމުގެ މައްސަލަތައް ހައްލުވާނެ. އަހަރެން ހިތައް އަރާ ހުރިހާ ފުލުހުން ވެސް މިހެން ވާނެ ނަމައޭ،" އެ ވީޑިއޯ ޝެއާ ކުރަމުން އާންމު މީހަކު ހިޔާލުފާޅުކުރި އެވެ. އެ ވީޑިއޯ މިހާރު ވަނީ 100 އަށް ވުރެ ގިނަ މީހުން ޝެއާކޮށްފަ އެވެ. އަދި 70،000 އާ ގާތްކުރާ އަދަދަކަށް އެ ވީޑިއޯ މީހުން ވަނީ ބަލައިފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ޒުވާނާގެ ތަފްސީލާއި އިތުރު އެހެން މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މިފަހުން މާލޭގައި އަނެއްކާ ވެސް މި ވަނީ މާރާމާރީތައް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް ހިންގި ގްރޫޕް މާރާމާރީއެއްގައި ދެ ކުއްޖަކު ޒަހަމްވެ އެތަނުން އެއްކުއްޖެއްގެ ބޮލަށް ލިބުނު ގެއްލުންތަކަށް އޭޑީކޭގައި އަންނަނީ އަދިވެސް ފަރުވާދެމުން އެވެ. އަދި ހުޅުމާލޭގައި ވެސް މިފަހުން ވަނީ ގިނަ މާރާމާރީތަކެއް ހިނގައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު މާރާމާރީތައް އެބަ ގިނަވާ ކަމަށާއި އެއީ ކޮން ބަޔަކު ކުރާ ކަމެއްކަން އެމަނިކުފާނު އާންމު ކުރަން ނެތިން ކަމަށެވެ.