ހަބަރު

ފުލުހަށް ހާޒިރުވާ ވީޑިއޯ: ބިރުގެ ކަންފުންފުޅެއް ވެސް ނެތް!

Sep 5, 2018
58

ފުލުހުންގެ މައި އިދާރާ ވެސް ހިމެނޭ ގްރީން ޒޯންގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލު ރަހުމުކުޑަ ގޮތަކަށް މަތރާލި ކަމުގެ ތުހުމަތުވާ ލ. ފޮނަދޫ، ހިޔާ، އުމުރުން 18 އަހަރުގެ ހަމްދޫން ހަމްޒަތު ވަނީ އަމިއްލަ ރޭ ފުލުހަށް ހާޒިރުވެފަ އެވެ.

"މިސް ވާނޭ މައި ބްރޯ"، "ފޭމަސް ވާނެއޭ ބްރޯ"

މިއީ ހަމްޒަތު ފުލުހަށް ހާޒިރުވިއިރު އެކީ ދިޔަ ގްރޫޕް މީހުން ގޮވަމުން ދިޔަ އެއްޗެއްސެވެ. ފުލުހުންގެ އިދާރާ ތެރެއަށް ހަމްޒަތު ވަނީ ހިނިތުންވުމާއެކު އެވެ. އޭނާގެ މޫނު މަތިން ހާސް ކަމެއް ބިރު ކަމެއް މާޔޫސް ކަމެއް ނެތެވެ. ވަށާލާފައި ތިބި މީހުން އޭނާ ފުލުހުންގެ އިދާރާއަށް ވެއްދީ "ރަސްކަލެއް" ފަދަ ގޮތަކަށެވެ.

މިއީ ޒުވާން ކުއްޖެއްގެ ފުރާނަ ދިޔަ ސީރިއަސް މައްސަލައެއްގައި ކަންތައް ހިނގައި ދާ ގޮތެވެ. ފުލުހުންނާމެދު އެމީހުންގެ ބިރެއް، ހާސް ކަމެއް ނެތް މި ވީޑިއޯއިން ވަރަށް ސާފެވެ. ކުށް ކުރުމުން ވަނީ މަޝްހޫރުކަން އެމީހުންނަށް އެ އޮތީ ވިސްނަފަ އެވެ. ކުށަށް އަދަބު ނުލިބި ވަރަށް އަވަހަށް މިނިވަން ވާނެކަން ވެސް އެމީހުންނަށް ޔަގީނެވެ.

މި ޔަގީންކަން އެމީހުންނަށް ލިބެންޏާ ލިބޭނީ ފުލުހުންނާއި ކޯޓުތަކުގެ ކިބައިންނެވެ. އެ މުއައްސަސާތަކުގެ އަމަލުތައް ހުންނަ ގޮތުންނެވެ. މީގެކުރިން ކަންކަން ހިނގާފައިވާ ގޮތްތަކުންނެވެ.

މާރާމާރީގައި ޒުވާނުން މަރާލާ އަދަދު މިވީ އަހަރުތަކުގައި އެތައް ގުނައެއް އިތުރުވެފައިވާއިރު މިހާތަނަށް އެއިން އެއްވެސް މަރަކަށް އިންސާފެއް ލިބިފައެއް ނުވެ އެވެ. ބޮލަށް ވަޅި ޖަހައި މަރާލި ނަދީމާއި އޮޅުމެއްގެ ތެރެއިން މަރާލި އަނަސްގެ އާއިލާއިން ތިބީ އެ ހިތާމާގަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ދިގުލަމުން ދިގުލަމުން ދަނީ އެވެ.

ނަދީމް މަރާލި މައްސަލާގައި ތުހުމަތުވާ މީހުން ވެސް އެތިބީ ދޫވެފަ އެވެ. ހައްޔަރުކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެމީހުން މިނިވަންކަމާއެކު މަގުތަކުގައި އުޅޭ މަންޒަރު އާންމު މީހުންނަށް ފެނެ އެވެ. އެ ބިރުވެރިކަން އާންމު ރައްޔިތުންގެ އޮވެ އެވެ.

ކޮންމެ މާރާމާރީއަކާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ހިނގާ ކަމަށް ބުނި ނަމަވެސް ފުލުހުންގެ މަސައްކަތުން ދުވަހަކު ވެސް ސިލްސިލާ މާރާމާރީތައް ނުހުއްޓޭކަން އެއީ ހަގީގަތެވެ. މާރާމާރީތައް ހުއްޓެނީ މައްސަލައެއް އެ ޖެހެނީ ގޭންގްތަކުން އަމިއްލައަށް ބޭނުން ވެގެން އެކަމެއް ހުއްޓާލުމުންނެވެ. މިހެން ވަނީ ކީއްވެތޯ އާންމުން ސުވާލު އުފައްދާނެ އެވެ. ގޭންގްތައް ކުރިމަތީގައި ފުލުހުންގެ ބާރު ކުޑަ ވަނީ ކީއްވެގެންތޯ އާންމު ކަންބޮޑުވުމާއެކު އަހާނެ އެވެ.