ހަބަރު

މަހުލޫފް ކޯޓުން މިނިވަންކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް، ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ. އޭނާ މިނިވަން ކުރީ އެއްވެސް ޝަރުތެއް ކުރުމެއް ނެތި އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި މާފުށީ ޖަލު ބޭރުގައި މުޒާހަރާ ކުރި މައްސަލާގައި މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ މައްސަލާގައި އޭނާ ޝަރީއަތް ނިމެންދެން ގޭބަންދުކުރީ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެ މައްސަލާގައި މިއަދު ބޭއްވީ ބަންދު ރިވިއު ކުރުމުގެ މަޖިލީހެވެ. ބަންދު ރިވިއުކޮށް ދޭން މަހުލޫފްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުނީ އިއްޔެ އެވެ. މަހުލޫފް ޝަރީިއަތް ނިމެންދެން ބަންދުކުރަން ފުލުހުން ބޭނުންވީ އޭނާ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބުނެ އެވެ.

މިއަދުގެ އަޑުއެހުމުގައި މަހުލޫފްގެ ވަކީލް ނާޒިމް އަބްދުލްސައްތާރު ވިދާޅުވީ، މަހުލޫފް މިހާރު ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މިހާތަނަށް އެ މައްސަލާގެ ހެކިތައް ދައްކާފައިނުވާއިރު މަހުލޫފް ބަންދުކުރި ފަހުން އަމަލުކުރަން ފެށި ޝަރީއަތް ކުރުމުގެ އިޖުރާއަތުގެ ގަވައިދުގެ 13 ވަނަ މާއްދާގައި މައްސަލައިގައި ލިބިފައިވާ އަދި ލިބެންހުރި ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ މީހާގެ ބާރު ނުފޯރުވޭނެ ހެކިތައް ހުރިކަން ނުވަތަ ނޫންކަމާއި މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނާއި ތުހުމަތުކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް މިންވަރު ދައުލަތުން ބުނެދޭން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ނާޝިދު ވިދާޅުވީ ބަންދު ރިވިއުކުރަން މަހުލޫފްގެ ފަރާތުން ހުށަހަޅާފައިވާކަން ކުރިމިނަލް ކޯޓުން އަންގާފައިވާތީ އެކަން ފުލުހުން މެދުވެރިކޮށް ބަލާފައިވާނެ ކަމަށެވެ. މަހުލޫފް ގޭބަންދުގައި ހުރި މުއްދަތުގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިނުވާތީ އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އެހެންވެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ މަހުލޫފް އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށެވެ.

އޭގެއިތުރުން އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އަދި ޝަރީއަތް ކުރިއަށް ދަނީ ޖިނާއީ އިޖުރާއަތުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް މަހުލޫފްގެ ވަކީލް ފާހަގަކުރެއްވި އެވެ. އެހެންވެ ދައުވާ ބާތިލްކޮށް ދިނުމަށް އެދިވަޑައިގަތެވެ.

ނަމަވެސް ގާޒީ ނިންމެވީ އެކަމާ މިއަދު ގޮތެއް ނުނިންމުމަށެވެ. ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދައުވާއާމެދު އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމުމަށް ވަކި އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.