ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދު މައްސަލާގައި ސިއްރުން ހެކި ބަސް ނަގަނީ

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ސިއްރުން ހެކި ބަސް ނެގުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް ނިންމީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދައުލަތުން، ޔާމީން ރަޝީދު މަރާލިކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ސިއްރުން ނަގައިދިނުމަށް އެދިފައިވާތީ އެވެ.

ދައުލަތުން ހެކިން ސިއްރު ކުރުމަށް އެދުނުއިރު މައްސަލާގައި ދައުވާ ލިބޭ ހަ މީހުންގެ ވަކީލުން ވަނީ އެކަމާ އިއުތިރާޒްކޮށްފަ އެވެ. އެ ވަކީލުން ފާހަގަކުރި ގޮތުގައި ސިއްރުން ހެކި ބަސް ނެގުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެކެވެ.

އެހެން ވިދާޅުވަނީ ހެކި ބަސް ނަގަން ވާނީ ހެއްކާ ބެހޭ ގާނޫނުގައިވާ އުސޫލާ އެއްގޮތަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާތީ އެވެ. ސިއްރު ހެކީގެ ވާހަކައެއް ޒަމާންވީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ވެސް ކުރިިމިނަލް ކޯޓުން ގިނަ ޝަރީއަތްތަކެއްގައި ސިއްރުން ހެކި ބަސް ނަގާފައިވެ އެވެ. ހައިކޯޓުން ވެސް ބުނެފައިވާ ގޮތުގައި ސިއްރު ހެކި ބަސް ނެގުމަކީ ބޮޑެތި ޖިނާއީ މައްސަލަތަކުގައި ޖާއިޒު ކަމެކެވެ.

ވަކީލުން ވިދާޅުވީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކުގެ ޝަރީއަތް ހިނގަންޖެހޭނީ އެއްވެސް ޝައްކެއް ނުއުފެދޭ ގޮތަށް ކަމަށެވެ. ސިއްރުން ހެކި ބަސް ނެގުމަކީ ހެކިވެރިންގެ ހިތުގައި ދައުވާ ލިބޭ މީހުންނާމެދު އަދާވަތްތެރިކަމެއް ނޫނީ ދެކޮޅުވެރިކަމެއް އޮތް ބައެއްކަން ޔަގީން ނުކުރެވޭނެ ކަމެއް ކަމަށެވެ.

ސިއްރުން ހެކި ބަސް ނެގުން ދިފާއު ކުރައްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބެލުމުން ވެސް ސިއްރުން ހެކި ބަސް ނެގުމަކީ އޮތް ކަމެއްކަން ސާފުވާ ކަމަށެވެ. އެގޮތުން ބަޔާންތައް ހުށަހަޅާއިރު ހަމައެކަނި ކޯޓަށް ލިބޭ ގޮތަށް ހުށަހެޅޭ ގޮތަށް އޮތުމަކީ ސިއްރުން ހެކި ބަސް ނެގޭނެކަން ބަޔާންކޮށްދޭ ކަމެއް ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެމީހުންގެ ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކި ބަސް ސިއްރުން ނަގަން ދެން އޮންނަ އަޑުއެހުމެއްގައި ފަށާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވަނީ ވިދާޅުވެފަ އެވެ.