ހައިކޯޓް

އަދާލަތު ގާއިމްވުމުން ނުފުދޭ، ފެނި އިހްސާސް ވާން ޖެހޭނެ: ހައިކޯޓު

އަދާލަތު ގާއިމްވުމުން ހަމައެކަނި ނުފެދޭ ކަމަށާއި އަދާލަތު ގާއިމްވާކަން އިހްސާސް ކުރެވި ފެންނަން ޖެހޭނެ ކަމަށް ހައިކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވުމުން އެ މައްސަލާގައި ހިންގި އިސްތިއުނާފު ޝަރީއަތުގެ ހުކުމްގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރުން ކަމަށްވާ ހަސަން އަލީ އާއި އަލީ ސަމީރާއި އަބްދުﷲ ހަމީދު ބެއްލެވި މައްސަލާގެ ހުކުމްގައިވާ ގޮތުން ކޯޓުތަކުން މައްސަލަ ބެލުމުގައި އަމަލުކުރާ ގޮތް އިންސާފުވެރިކަން ދެނެގަންނާނީ މައުޟޫއީ މިންގަނޑަކުންނެވެ. އެ މިންގަނޑަކީ މައްސަލައިގެ ހަސްމުން ވެސް ހިމެނޭ ގޮތުން އަދި އާންމު ފަރުދުންގެ ނަޒަރުގައި ވެސް ޝަރީއަތް ހިންގިފައިވަނީ އިންސާފުންކަން ކަށަވަރުވެފައި އޮތުން ކަމަށެވެ.

"...މިހެންވެ އިންސާފުން ޝަރީއަތް ހިންގިކަމާމެދު ސުވާލު އުފެދޭނެ އަދި އެކަމުގައި ހުރަހަކަށްވެދާނެ އެއްވެސް ކަމެއް ނުވަތަ ޝައްކެއް އޮވެއްޖެނަމަ އެކަމަކުން ދުރުވުމަކީ އަދާލަތު ގާއިމުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމާއި 'ހަމައެކަނި އަދާލަތު ގާއިމުވުމުން ނުފުދޭކަމާއި އަދާލަތު ގާއިމުވާކަން އިހްސާސްވުމާއެކު އެކަންފެންނަންވާނެ،' ކަމީ ޝަރީއަތް ކުރުމުގައި ގާއިމުވެ އަދި އެއަށް އަމަލުކުރަމުން އަންނަ އެއް މަސްދަރު،" ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ އެ މިންގަނޑުން ޝަރީއަތް ހިންގުމަކީ ފަނޑިޔާރުންގެ މަސައްކަތުގައި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ބުރަވެ މައުޟޫއީ މިންގަނޑަކުން ޝަރީއަތް ކުރުމުގެ އިޖުރާއާތުތައް ހިންގުމުގެ އިތުރަށް މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމުގެ މައްޗަށް ބަލައި އަދުލު އިންސާފުގެ އެންމެހައި ހަމަތަކާއި އުސޫލުތައް ދެމެހެއްޓޭނެ ގޮތެއްގެ މައްޗަށް މައްސަލަ ހިންގުންކަން ކަމަށެވެ.

ހައިކޯޓުން އެހެން ގޮތަށް ބުނެފައިވަނީ ރައީސް މައުމޫންގެ ޝަރީއަތް އަވަސް އަރުވާލައިގެން އެކަށީގެންވާ ފުރުސަތުތާއި ވަސީލަތްތައް ފޯރުކޮށްނުދީ ކުރިއަށް ގެންގޮސްފައިވާތީ އެވެ. ރޯދަ މަހުގެ ރޭގަނޑު މޫސުން ވެސް ގޯސްކޮށް އޮތްވާ ދިގު އަޑުއެހުންތަކެއް ކުރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އެވެ. ހެކި ބަސް ނެގުން ފަދަ މުހިންމު އަޑުއެހުންތަކުގައި ރައީސް މައުމޫންގެ ވަކީލެއް ވެސް ނެތެވެ. ރައީސް މައުމޫންގެ ވަކީލުން މައްސަލައިން ތަނާޒަލްވުމުން އާ ވަކީލުން ހޯދަން ވެސް ދިނީ ކުޑަ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގައި ދިފާއީ ހެކި ހުށަހަޅަން ވެސް އެންގި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބަންދުގައި ހުންނެވި ރައީސް މައުމޫނަށް އެ ވަގުތުކޮޅުގައި ނުކުރެއްވުނެވެ. ނަމަވެސް އަޑުއެހުންތައް އެއްވެސް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންގޮސް ހުލާސާ ބަޔާން އިއްވިތާ 15 ވަރަކަށް މިނެޓް ފަހުން ހުކުމް ވެސް އިއްވި އެވެ.

ހައިކޯޓުން ވަނީ އެ އިޖުރާއަތްތައް އެގޮތަށް ކުރިއަށް ގެންދިޔުން ގޯސް ކަމަށް ކަނޑައަޅައި ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.