ހަބަރު

އައްޑޫ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 10 މީހުން ވެސް ދޫކޮށްލައިފި

އައްޑޫ ސިޓީ މަރަދޫގައި ޒުވާނަކަށް ވަޅިން ހަމަލާދިން މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުން ވެސް ކޯޓުން މިނިވަންކޮށްފި އެވެ.

މި މަހުގެ ހަވަނަ ދުވަހު ހިނގި އެ މާރާމާރީގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ. މާރާމާރީގައި ޒަހަމްކޮށްލި 22 އަހަރުގެ މުހައްމަދު އީވާންގެ ކަރަށާއި ބުރަކައްޓަށާއި ބޮލަށް ވަނީ ވަޅިން ހަމަލާދީފައިވާއިރު އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެ އެވެ.

އެ މައްސަލާގައި ދެ ދުވަހުގެ މަތިން ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އެ 10 މީހުން ވެސް ހައްޔަރުކުރީ މާރާމާރީގައި ބައިވެރިވި ކަމުގެ ހެކި ހުރުމުންނެވެ. އެމީހުން ހައްޔަރުކުރީ ވެސް ފިލައިގެން އުޅެނިކޮށެވެ.

ނަމަވެސް އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތް ކަމަށް އިއްޔެ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ނިންމާފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ އެންމެން އިއްޔެ މިނިވަންކޮށްފައިވާކަން އަވަސްއަށް ކަށަވަރުކޮށްދެއްވާފަ އެވެ.