ސުޕްރީމް ކޯޓު އޮންނާނީ ވަކި ފަރާތަކަށް ބުރަ ނުވެ، ބިރުވެރިކަމެއް ވެެސް ނެތި ކަމަށް އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ ގިނަ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވެސް މި ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތެވެ. މިއީ އުއްތަމަ ފަނޑިޔާރުގެ މަގާމުން ފާއިޒް ވަކިކުރި ފަހުން މިފަދަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުހްތާޒު ފަހުމީ އާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ މީގެ 10 އަހަރު ކުރިން އުފެދުނު ދުވަހަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ތާރީހީ ދުވަހެއް ކަމަށެވެ. އެ ދުވަހަކީ އަދުލު އިންސާފު ގާއިމްކުރުން ވަކި ބާރެއްގެ ގޮތުގައި ހިންގުމަށް ފެށުނު ދުވަސް ކަމަށެވެ. އޭގެ ކުރިން އަދުލުގެ ނިޒާމަކީ ވެރިކަން ހިންގުމުގެ ބާރުގެ ދަށުވެފައި އޮތް ނިޒާމެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
ވަކި ފަރާތަކަށް ބުރަ ނުވެ ވަކި ފަރާތަކުން ދައްކާނެ ބިރަކަށް ޖެހިލުން ނުވެ ސުޕްރީމް ކޯޓުން ހަރުދަނާ ކަމާއެކު ކުރަމުން އައި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ދާނެއުއްތަމަ ފަނޑކިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
"ދިވެހިރާއްޖެ ދެކެފައިވާ ތަފާތު ދުސްތޫރީ މަރުހަލާތަކުގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމަކީ އަބަދުވެސް ވެރިކަން ހިންގުމުގެ ބާރަށް ތަބާވާ އިދާރީ ގޮތުން އެ ބާރުގެ ދަށުން ހިންގާ ނިޒާމެއްގެ ގޮތުގައި، 1980 ވަނަ އަހަރު ހައިކޯޓު އުފެދުނު ނަމަވެސް އެ ކޯޓަށް ވެސް އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ބާރު ލިބިފައެއް ނުވޭ، އެ ކޯޓުގެ ނިންމުންތައް ވެސް ރައިސުލްޖުމްހޫރިއްޔާއަށް އިސްތިއުނާފު ކުރެވުނު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ނިޒާމް އެހެން އޮތް ނަމަވެސް ފަނޑިޔާރުންނަކީ އަބަދުވެސް މިނިވަން މުސްތަގިއްލު ބައެެކެވެ. އެކަން ޖުމްހޫރިއްޔާގެ ތަފާތު ދުސްތޫރުތަކުގައި ބަޔާން ވެސް ކޮށްފައިވާ ކަމަށެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅައި، އަދުލު އިންސާފުގެ ނިޒާމް ވަކި ބާރަކަށް ހެދީ ފެހި ގާނޫނު އަސާސީގަ އެވެ. އެ ގާނޫނު އަސާސީ ފާސްކޮށްފައިވަނީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު އެވެ. ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެއްދީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ މަސައްކަތް ފެށީ އެ މަހުގެ 21 ވަނަ ދުވަހު އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ގައުމެއްގެ ދުސްތޫރީ ހަޔާތުގައި 10 އަހަރަކީ ކުރު މުއްދަތެއް ނަމަވެސް ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކާއި ގާނޫނު އަސާސީގެ ސިފަތައް ހިމާޔަތްކޮށް ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި މުހިންމު ނިންމުންތަކެއް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުންތަކުގެ ޒަރިއްޔާއިން މުހިންމު އުސޫލުތަކެއް އެކަށަ އަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"މިގޮތުން ގާނޫނީ ދައުލަތެއްގެ އެންމެ މުހިންމު ހާސިއްޔަތު ނުވަތަ ސިފަ ކަމުގައިވާ ގާނޫނު އަސާސީގެ ސްޕުރަމަސީގެ މަގުދައު ގާނޫނީ ނިޒާމްގެ ތެރޭގައި ނަގަހައްޓައި މަގުދައުލް ދުސްތޫރިއްޔާ އާއި މަގުދައުލް މަޝްރޫއީ އާއި ނުވަތަ ޕްރިންސިޕަލް އޮފް ލީގަލިޓީގެ ގެރެންޓީ ކުރުމަށްޓަކައި ހުށަހެޅުނު ތަފާތު މަގުދައުތައް ޖުޑިޝަލް ރިވިއުގެ އުސޫލުން ވާނީ ގަޟާއީ ހައްލުތައް ހޯދައިދީފަ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސްޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުން ވެސް ބައިވެރިވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ގާނޫނު ނަގަހައްޓައި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ތަހްޒީބީ މުޖުތަމައުތަކުގެ އާންމު މަގުދައުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެން ވެސް ސުޕްރީމް ކޯޓު ކުރިއަށް ދިޔަ ފަދައިން ކުރިމަގުގައި ވެސް ކަން ހިނގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"ވަކި ފަރާތަކަށް ބުރަ ނުވެ ވަކި ފަރާތަކުން ދައްކާނެ ބިރަކަށް ޖެހިލުން ނުވެ ސުޕްރީމް ކޯޓުން ހަރުދަނާ ކަމާއެކު ކުރަމުން އައި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް 10 އަހަރު ފުރުނުއިރު ކުރިއަށް ލަނޑުދަނޑިތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެގޮތުން ދަށު ކޯޓުތަކަށް މިނިވަންކަމާއެކު ޝަރީއަތްތައް ކުރިއަށް ގެންދެވުމާއި އަދުލު އިންސާފަށް ވާސިލްވުމަށް ފަސޭހަކުރުމާއި ހުކުމް ކުރުމުގެ މަރުހަލާ ދިގު ދެމިގެންދާ ދިޔުން ނިމުމަކަށް ގެނައި ކޭސް މެނޭޖްމެންޓް ރަނގަޅު ކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
"ހަމައެހެންމެ، އަދުލު އިންސާފުގެ ނިޒާމަކީ މާލީ އަދި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމުގައި ވެސް މުސްތަގިއްލު ކަމާއެކު ހަރުދަނާކަމާއެކު ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު އަދި ޟަރޫރައްތެރި ކަމެއް، ކޯޓުތަކުގެ އިދާރީ އޮނިގަނޑު ޒަމާނަށް ފެތެންޖެހޭ، ވީހާވެސް އަގު ހަރަދުކޮށް އެކަމަކު ކޯޓުގެ މަސައްކަތްތައް ގާބިލްކަމާއެކު އަވަސްކަމާއެކު ކުރިއަށް ދެވޭނެ ގޮތް ހޯދަން ޖެހޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރާ ތަނަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމަށްވާތީ އެތަން ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ޖުޑީޝަލް އެޑްމިނިސްޓްރޭޝަކީ ސުޕްރީމް ކޯޓާއި ހައިކޯޓުތަކާއި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ދުވަހުން ދުވަހަށް ބޭނުންވާ އިދާރީ އެހީތެރިކަން އަވަސް ސްޕީޑެއްގައި ފޯރުކޮށްދިނުމުގެ ކެރި ފޯރުކަން ލިބިފައިވާ މުއައްސަސާއަކަށް ހެދުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެއިތުރުން ސުޕްރީމް ކޯޓުގެ ދަށުން ހިނގާ ޖުޑީޝަލް އެކެޑެމީ ހަރުދަނާ ކުރުމުގެ މުހިންމުކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އުއްމީދަކީ ޖުޑީޝަލް އެކެޑެމީ 2015 ވަނަ އަހަރު އުފެއްދި ލަނޑުދަނޑިތައް ހާސިލްވާ ގޮތަށް އެތަން ތަރައްގީ ވެގެން ދިޔުން ކަމަށް ވެސް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި އެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަމެކެވެ. އެކަމަށް ކުރިއަށް އޮތް ތަނުގައި އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އިލްތިމާސްއަކީ ކޯޓުތަކަށް ވެސް އަދި ޝަރުއީ ދާއިރާއަށް ވެސް ތަރައްގީއަށްޓަކައި މުހިންމު މަސައްކަތްތަކެއް އަދާކުރާ މުއައްސަސާއަކަށް ދެއްވަން ޖެހޭ މާލީ ސަޕޯޓް ފުރިހަމަ ގޮތުން ދެއްވުން، ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް ތަރައްގީކޮށް އިތުބާރާއި އިހްތިރާމް ލިބިގެންވާ ނިޒާމަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް ހެދޭނީ ބަޖެޓްގެ ސަޕޯޓް އަޅުގަނޑުމެންނަށް ފުރިހަމައަށް ލިބިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރި އެވެ. އަދި މަސައްކަތް ރަނގަޅު މުވައްޒަފުންގެ އަގު ވެސް ވަޒަންކޮށްފައިވެ އެވެ. ދުވަހުގެ މުނާސަބަތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކޭކެއް ވެސް ފެޅުއްވި އެވެ. އަދި ސުޕްރީމް ކޯޓުގެ 10 އަހަރު ދައްކުވައިދޭ ފޮތަކާއި ކޯޓުގެ އާ ވެބްސައިޓް ވަނީ ލޯންޗުކޮށްފަ އެވެ.