ހަބަރު

މިފަހަރު އިމްރާން ޖަލަށް ވަޑައިގެންނެވީ މިނިސްޓަރުގެ ގޮތުގައި

މީގެ ތިން އަހަރު ކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދޫނިދޫ ޖަލަށް ގެންދިޔައީ ކުށްވެރިއެއްގެ ގޮތުގަ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން ބިޑި އަޅުވައިގެންނެވެ. ނަމަވެސް މަންޒަރު މިއަދު އެއްކޮށް ވަނީ ބަދަލުވެފަ އެވެ.

އިމްރާން މިއަދު ދޫނިދޫ ޖަލަށް ވަޑައިގެންނެވީ، ފުލުހުންގެ މުއައްސަސާގެ ބެލެނިވެރި ވުޒާރާ، ހޯމް މިނިސްޓްރީގެ މިނިސްޓަރުގެ ހައިސިއްޔަތުންނެވެ. ފުލުހުންގެ އިސްވެރިން މިއަދު ތިއްބެވީ ޖަލުން އިމްރާންއަށް މަރުހަބާ ދަންނަވާށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ހޯމް މިނިސްޓަރު އިމްރާން މިއަދު ދޫނިދޫ ޖަލަށް ވަޑައިގެން ޖަލުގެ ހާލަތު ވަނީ ބައްލަވާލައްވާފަ އެވެ. އޭނާ ވަނީ ދޫނިދޫ ޖަލުގަ އާއި މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފަ އެވެ.

ޖަލުގެ ހާލަތު ބައްލަވާލައްވަން އިމްރާން ވަޑައިގެންނެވިއިރު މީގެކުރިން ވަނީ ފުލުހުންގެ އިސްވެރިންނާ ބައްދަލު ވެސް ކުރައްވާފަ އެވެ. ހޯމް މިނިސްޓްރީއަށް މަސައްކަތަށް ނުކުމެވަޑައިގެން ދާއިރާގެ އެކި ބޭފުޅުންނާ ވެސް އިމްރާން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

ރޭ އިމްރާން ވިދާޅުވީ ހޯމް މިނިސްޓަރުކަމާ ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައި އޮތް ވަރު އިތިރަށް ސާފުވެއްޖެ ކަމަށާއި، ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި، ދެފުއްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމަށާއި، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވާނެ ކަމަށެވެ.

މޭޑޭގައި ކުރި ބޮޑު މުޒާހަރާއާ ގުޅިގެން އިމްރާންއަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވެ އެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ހުކުމް ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު އިމްރާންގެ މައްސަލަ ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގައި ނިންމާލާފަ އެވެ.

ހުކުމް ރިވިއުކުރަން ހުށަހަޅާފައިވާތީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް، އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އެކަމަކު އަދިވެސް އެއީ ޝަރުއީ ހުކުމެއް އޮތް ގާނޫނީ ގޮތުން ކުށްވެރިއެކެވެ. ހުކުމް ބާތިލެއް ނުކުރެ އެވެ. އެހެންވެ އިމްރާންއަށް މިނިސްޓަރުކަން ކުރެވިދާނެކަމާމެދު ބައެއް މީހުން ގެންދަނީ ސުވާލު ވެސް އުފައްދަމުންނެވެ.

ގާނޫނު އަސާސީގައި މިނިސްޓަރުންގެ ޝަރުތުތައް ވަރަށް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. އެގޮތުން ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގައި ދެ ހާލަތެއް މެދުވެރިވެފައިވާ މީހަކަށް މިނިސްޓަރުކަން ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސާބިތު ދަރަންޏެއް އޮތުން ނުވަތަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ އެވެ.