ހަބަރު

ސުޕްރީމް ކޯޓު އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓު އެއް މަސް ދުވަހުގެ ރިސެސްއަކަށް މިއަދުން ފެށިގެން ހިނގައްޖެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު ރިސެސްގައިވާ މުއްދަތުގައި ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.

ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެއެވެ.

އަހަރަކު އެއް ފަހަރު ސުޕްރީމް ކޯޓު ރިސެސްއަށްދާއިރު، މި އަހަރު ރިސެސްއަށް ގޮސްފައިމިވަނީ މުހިންމު މައްސަލަތަކެއް އެ ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ ޖަލު ހުކުމްއާ ގުޅޭ މައްސަލާގައި އަޑުއެހުންތައް ނިންމާލައި ދެން އޮތީ ހުކުމެވެ.

އޭގެއިތުރުން ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ވެސް ސުޕްރީމް ކޯޓަށް ވަނީ ނަގާފަ އެވެ. އެ މައްސަލަ އަވަސްކޮށް ދިނުމަށް ޕީޕީއެމްގެ މެންބަރުން ވެސް ދަނީ ގޮވާލަމުންނެވެ.