ހަބަރު

ރެކޯޑެއް! 223.5 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހުނު

މިއަދު މާލެއަށް 223.5 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިރޭ "އަވަސް"އަށް މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 11:45 ން ފެށިގެން ހަވީރު 5:15 އާ ހަމައަށް 223.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. އެއީ ރިކޯޑް އަދަދެކެވެ.

މާލެއަށް ވެހުނު ބޯ ވާރޭއަކާއެކު މުޅި މާލޭގައި ފެން ބޮޑުވި އެވެ. ވާރޭ ހުއްޓާލިތާ ވެސް އެތައް ގަޑިއިރެއްވެގެން ދިޔައިރު ވެސް ބައެއް ސަރަހައްދުތަކުން ފެން ނުހިނދެ އެވެ. ހާއްސަކޮށް މާފަންނު ކޮޅުގައި ފެން ބޮޑެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި 160 ގޭގައަކުން ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވެ އެވެ. އެ އާއިލާތަކަށް ދޭން ޖެހޭ އެހީތެރިކަން ދިނުމުގައި ސަރުކާރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކަލާފާނު ސްކޫލްގައި ވަނީ ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރެއް ވަގުތީ ގާއިމްކޮށްފަ އެވެ. އެ ސަރަހައްދުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

ދެން ބޯކޮށް ވާރޭ ނުވެހޭނެ: މެޓް

މިރޭ އަދި މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނި ގޮތުގައި މިރޭ އަދި ކޮންމެ ވެސް ވަރަކަށް މާލެ ސަރަހައްދަށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ. ނަމަވެސް އެހާ ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް މައުލޫމާތު ދިނެވެ.