މޯލްޑިވިއަން

ޓިކެޓްގެ އަގުތަކަށް އެނގުންވާ ވަރުގެ ހެޔޮ ބަދަލު އަންނާނެ: މޯލްޑިވިއަން

އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން، އެނގުންވާ ވަރުގެ ހެޔޮ ބަދަލެއް ޓިކެޓްގެ އަގުތަކަށް ގެންނާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފި އެވެ.

އެ އެއާލައިންގެ އާ އެމްޑީ، މުހައްމަދު ރިޒްވީ، "އަވަސް"އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އަގުތައް ކުޑަކުރުމަކީ ކުރެވެން އޮތް ކަމެއް ކަމަށާއި ކުންފުންޏަށް ގެއްލުން ނުވާނެ ގޮތަށް ޓިކެޓްގެ އަގުތައް ކުޑަކުރެވެން އެބަ އޮތް ކަމަށް ހެދި ދިރާސާއިން ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ހުރި ވަރު ބޮޑުކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ އަގުތައް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ޕްރޮޕޯސަލް މިހާރު ފިނޭންސް މިނިސްޓްރީ އަށާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާކޮށްފައި ވާނެ ކަަމަށް ރިޒްވީ ވިދާޅުވި އެވެ.

"ޓިކެޓް އަގުހެޔޮ ކުރެވޭނެ. އެއީ ކުރެވޭނެ ކަމެއް. އެއީ ނުކުރެވޭނެ ކަމެއް ނޫން. އެކަމަކު އެކަން ކުރީމާ މިކޮޅަށް ވެސް [މޯލްޑިވިއަން]އަށް ވެސް ލިބިހުރި އެއްޗެއް މަދުވާނެ. އެކަމަކު ސަސްޓެއިން ކުރެވޭނެ ލެވަލްއެއްގައި ބޮޑު ތަނުން ހަމަ އަޅުގަނޑުމެންނަށް ޓިކެޓްގެ އަގުތައް ހެޔޮ ކުރެވޭނެ. ކުރީގެ މި ހުރީ ވަރަށް އަގު ބޮޑުކޮށް. މިހާރު 3،000 ރުފިޔާއިން މަތީގައި މި ހުރީ އެވްރެޖްކޮށް ފެއާތައް. އަގު ބަދަލުކޮށްލުމާ އެކު އަޅުގަނޑުމެންނަށް ވޮލިއުމް އިތުރުވާނެ ކަމަށް މި ބަލަނީ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓިކެޓް އަގު ހެޔޮ ކުރުމުން މިހާރު ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރެވެ އެވެ. އެހެންކަމުން ޓިކެޓް އަގުހެޔޮކޮށްގެން ގެއްލޭ އާމްދަނީ އެގޮތުން ރިކަވާކުރެވޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ. ޖެޓްފިއުލްގެ އަގަކީ ކުންފުންޏަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫންކަން ފާހަގަ ކުރައްވަމުން ރިޒްވީ ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ބޮޑުވެގެން ދިޔަ ނަމަވެސް، އެއް ބޭންޑެއްގައި އަގުތައް ހިފެހެއްޓުމަށް މޯލްޑިވިއަން އިން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ރިޒްވީ ވިދާޅުވީ ރަންވޭއިން ޖާގަ ނުލިބިގެން ފްލައިޓް ނުޖެއްސި ގިނައިރު ވައިގެ ތެރޭގައި އޮތުމަކީ ތެލުގެ ހަރަދު މޯލްޑިވިއަންއަށް ބޮޑުވެގެންދާ ކަމެކެވެ. އެހެން ކަމުން، ތެލުގެ ހަރަދު ކުޑަކުރުމަށް، މޯލްޑިވިއަންގެ ފްލައިޓްތަކަށް ރަންވޭއިން ޖާގަ ދިނުމުގައި އިސްކަން ދިނުމަށް ކަންތައްތަކެއް ރޭވުމަށް އެދިފައިވާ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އެހެންގައުމުތަކުގައި އެފަދަ ކަންކަން ގައުމީ އެއާލައިންއަށް ކޮށްދޭ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

"ކޮމާޝަލްކޮށް އަޅުގަނޑުމެން އޮޕަރޭޝަންތަކެއް ކުރި ނަމަވެސް، ގައުމީ ހިދުމަތެއް ފޯރުކޮށްދިނުމަކީ ވެސް މި އެއާލައިންއިން ކޮށްދޭ ހިދުމަތެއް. އެހެންވީމާ މި އެއާލައިންއާ ދޭތެރޭގައި ވެސް އެބަ ޖެހޭ ގައުމީ ވިސްނުމަކުން ބެލެން. މިސާލަކަށް، އަޅުގަނޑުމެންގެ ބޯޓްތައް ރަންވޭއިން ޖާގަ ނުލިބި މަތީގައި އެބަ އެތައް އިރަކު އޮންނަން އެބަ ޖެހޭ. އެއީ ހަމަ އަނދައިގެން ދާ ތެޔޮ. އެހެން ވީމާ އަޅުގަނޑުމެން އެދިގެން މި އުޅެނީ މޯލްޑިވިއަންގެ ފްލައިޓްތަކަށް ހިދުމަތް ދިނުމުގެ ޕޮލިސީއެއް ގެންގުޅެން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓިކެޓް އަގުތައް ކުޑަކުރުމަށް ސަރުކާރުން ވަކި އެއްޗެއް ފައިނަލްކޮށް އެންގުމާ އެކު އެކަން ތަންފީޒު ކުރަން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އަގުތައް ތިރިކުރަން އެއާލައިން މި އޮތީ ތައްޔާރަށް. ހަމަ ސަރުކާރުން އަންގާލީ އަޅުގަނޑުމެން އެކަމަށް ކުރަން ޖެހޭ ޕްރޮސެސް ފަށައިގަންނާނަން،" ރިޒްވީ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއްޔެ ވިދާޅުވި ގޮތުގައި ޓިކެޓްގެ އަގުތައް ހެޔޮކޮށް ދެ ދުވަހެއްގެ ތެރޭގައި އާ އަގުތައް އިއުލާން ކުރާނެ އެވެ. ޓްރާސްޕޯޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ހުރި އަގުތަކަށް ވުރެ 25-30 ޕަސެންޓް ޓިކެޓްގެ އަގު ހެޔޮވެގެން ދާނެ އެވެ. އެހެން ކަމުން މިހާރު 3،500 އަށް ހުރި ޓިކެޓްގެ އަގުތައް، 2،400-2000 ރުފިޔާއާ ދެމެދުގެ އަގުތަކަށް ކުޑަވެގެން ދާނެ އެވެ.

އެމްޑީ ރިޒްވީ އިތުރަށް ވިދާޅުވި ގޮތުގައި، އަގު ހެޔޮކޮށް ޓިކެޓް ހޯދުމަށް ދިވެހިންގެ ދަތުރުފަތުރުގެ އާދައަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުރާލާ ޓިކެޓް ނެގުން ފަދަ އާދަތައް ގެންގުޅެން ޖެހެ އެވެ. ދަތުރުކުރުމުގެ އާދަ ބަދަލުކޮށްގެން ވެސް، އަމިއްލަ ޒިންމާ އަދާކުރުމުގެ މުހިންމުކަން ބޮޑުކަން ވެސް ރިޒްވީ ފާހަގަ ކުރެއްވި އެވެ.

"އެމަޖެންސީއެއް އައިސްގެން ނޫނީ ދުރާލާ ޓިކެޓް ނަގައި ދަތުރު ޕްލޭން ކުރުން މުހިންމު. އެއީ ވީހާ ވެސް ހެޔޮ އަގުގައި ޓިކެޓް ހޯދަން ފަރުދީ ޒިންމާ އަދާކުުރުމުގެ ގޮތުން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" ރިޒްވީ ވިދާޅުވި އެވެ.