ހަބަރު

ޔާމީންގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ފްރީޒްކޮށްފަ: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް ޔާމީން ފުލުހަށް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކުރުމަށްފަހު ނެރުނު ނޫސް ބަޔާނުގައި ފުލުހުން ބުނީ، މިހާތަނަށް ހިފަހައްޓާފައިވާ ރައީސް ޔާމީންގެ އެކައުންޓްތަކުން އެމަނިކުފާނުގެ ވެރިކަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ މައްސަލާގެ ތަހުގީގަށް އެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ، އެމަނިކުފާނަށް މިއަދު ތުހުމަތު ކުރެވޭ އެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ހާޒިރުކޮށް ސުވާލުކުރުމުން އެމަނިކުފާނު ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެންނެވުމަށްފަހު ރައީސް ޔާމީން ވިދާޅުވެފައިވަނީ ފުލުހުން އޮޅުން ފިލުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ކައުންޓަކީ އެމަނިކުފާނު މިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް ކެމްޕޭން ފައިސާ ޖަމާކުރަން ގާނޫނުގެ ދަށުން ހަމަޖައްސައި ބޭނުން ކުރެއްވި އެކައުންޓް ކަމަށް ފުލުހުންނަށް ދެންނެވި ކަމަށެވެ. އަދި އެ ޓްރާންސެކްޝަންތަކުގައި އެއްވެސް ނުބައެއް ހުރިކަން ފުލުހުން މިއަދު ނުބުނާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ، އެކަމާ ވެސް ފުލުހުން ސުވާލު ކުރި ކަމަށެވެ. އަދި އެ ފައިސާ އަކީ، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކަށް ވާތީ، އަދި އެކަމުގެ މީގެ ކުރިން އޭސީސީއަށް ބަޔާނެއް ދީފައި ވާތީ އެ މައުލޫމާތު އޭސީސީއިން ސާފުކުރުމަށް އެދުނު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެކައުންޓްތައް ފްރީޒްކޮށްފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އެ ބުނާ އެކައުންޓްގައި މިލިއަންތަކެއް ނޫޅޭނެ. އެއީ ގާތްގަނޑަކަށް 20 އަކަށް މިލިއަނޭ ހުންނާނީ ހަނދާން ވަނީ. އެއްވެސް ބޭފުޅަކު ގަބޫލެއް ނުކުރައްވާނެ މިއީކީ ބޮޑު އަދަދެކޭ ކެމްޕެއިންއަކަށް. އެއަށް ވުރެ ބޮޑަށް ސިޔާސީ ކެމްޕޭނަަކަށް ހަރަދުވާނެ. ފުލުހުންނަކަށް ވެސް ނުބުނެވޭ ގަވާއިދާ ހިލާފަށް ކުރި މުއާމަލާތެއް،" ޔާމީން ވިދާޅުވި އެވެ.