އެމްޓީސީސީ

މަހާ ޖައްރާފުގެ މުއާމަލާތުގެ އެންމެ ފުނަށް!

Dec 18, 2018
14

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓަކީ ޒަމާނީ ކޮންނަ ބޯޓް މަހާޖައްރާފެވެ. އެ އުޅަނދު އެމްޓީސީސީގެ މިލްކިއްޔާތަށް ގެންނަން 36 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ކުންފުނިން ހަރަދުވި އެވެ. އަދި އެ ބުރަ ނޫފުލިގެން އިތުރު ފައިސާ ހޯދަން ކުންފުނިން ނުއަގުގައި ހިއްސާވެސް ވިއްކަން ޖެހުނެވެ. އެކިފަހަރަށް ދިގު ދަންމަމުން ގޮސް މަހާ ޖައްރާފު، ރާއްޖެ އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގަ އެވެ. މަހާޖައްރާފު ރާއްޖެ އައިއިރު، ހިނގި ބޮޑެތި ހަރަދުތަކާއެކު އެ މުއާމަލާތާ މެދު ބޮޑެތި ތުހުމަތުތައް އޭރު ކުރެވުނެވެ. އޭގެ ތެރެއަށް ކޮރަޕްޝަން ވަދެ، އެ އުޅަނދުގެ އަގު އެތައް ތަނަކުން ބޮޑުވެގެން ދިޔަ ކަމުގެ ތުހުމަތު އޭރު އޮތީ ހަމައެކަނި ދައްކާ ވާހަކައެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް، އެމްޓީސީސީގެ އާ ސީއީއޯ، ހަސަން ޝާހު "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ޔަގީން ކޮށްދެއްވީ މަހާޖައްރާފުގެ އަގަކީ މާކެޓްގައި އެފަދަ އުނޅަދެއް ވިއްކާ އަގުތަކަށް ވުރެ އެތައް އިންސައްތައެއް ބޮޑު އަދަދެއް ހަރަދުކޮށްގެން ކުންފުނިން ގެނައި އުޅަނދެއް ކަމަށެވެ. އެހެން ނަމަވެސް ޝާހު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، އެއީ ކަނޑުގެ ސަރަހައްދު ބޮޑު ބިންހިއްކުމުގެ މަޝްރޫއުތައް ގިނަގިނައިން ހިންގަން ޖެހިފައި އޮންނަ ރާއްޖެއަށް ވަރަށް ވެސް މުހިންމު އެސެޓެކެވެ. އެކަމަކު އެ އުޅަނދުގެ ހަރަދުތައް ވެފައި ވަނީ އެމްޓީސީސީއަށް ބޮޑު ބުރައަކަށެވެ.

ތަފްސީލަށް ވަޑައިގަންނަވަމުން އެމްޑީ، ޝާހު ވިދާޅުވި ގޮތުގައި ފުރަތަމަ މައްސަަލައަކަށްވީ، ކުންފުނިން ރޭވި ތާރީހަށް ވުރެ މާލަހުން މަހާޖައްރާފު ރާއްޖެ ގެނެވެން ދިމާވުމެވެ. އަނެއް ސަބަބަކީ އެ ބޯޓްގައި މަސައްކަތް ކުރާ ބިދޭސީ ކްރޫއިންނަށް ދޭ މުސާރަ ވެސް މާކެޓްގައި އެ ލެވަލްގެ މުވައްޒަފުންނާ ދޭ މުސާރަތަކާ ނުބައްދަލުވުމެވެ.

"މިހާރުން މިހާރަށް ވެސް އެނގޭ ކަމަކީ މަހާޖައްރާފު ބަނދެފައި އޮތީ މާކެޓްގެ އަގަށް ބަލާއިރުގައި ބޮޑު އަގެއްގައި ކަން. ޕްލޭންކޮށް ކެޓްފައިނޭންސް ލޯނެއްގެ ދަށުން މި ޑްރެޖަރު ބަނީ. މިއަށް މިހާރުވެސް ކޮންމެ ކްއާޓާއަކުން 500،000 ޑޮލަރުގެ ރޭޓުން ފައިސާ ވެސް ދައްކަމުން ދަނީ. މި މަހާޖައްރާފު ބަނދެގެން ރާއްޖެ ގެންނަން ތައްޔާރުކުރި ފީސިބިލިޓީ ރިޕޯޓްވެސް އަޅުގަނޑު ބަލައިފިން. އެ ރިޕޯޓްގައި މި މަހާޖައްރާފުއިން ބިން ހިއްކާއިރު ހިއްކާނީ ކިއުބިކް މީޓަރެެއް ކިތައް ޑޮލަރަށް ކަމާއި އަދި ރާއްޖެ އަންނަން ވާއިރަށް ހުރި މަސައްކަތްތައް ކަމަށް ހިމަނާފައިވާ ޕްރޮޖެކްޓްތަކެއް ހުރި އެކަމަކު މަހާޖައްރާފު މިކޮޅަށް އާއިރަކު އެ ޕްރޮޖެކްޓްތަކެއް ނެތް،" ސީއީއޯ ޝާހު ވިދާޅުވި އެވެ.

މަހާޖައްރާފު ބަނީ، ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގަ އެވެ. އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަން އެވެ.

ޝާހު ވިދާޅުވީ އެ އުޅަނދުގެ ހަރަދަށް މިހާރުވެސް ދުވާލެއްގެ މައްޗަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ކުންފުނިން ހަރަދު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ އުޅަނދަށް ކުރާ ހަރަދުވެސް ކުޑަކުރެވެން އެބަ އޮތް ކަމަށެވެ. ޝާހުގެ ވިސްނުމުގައި އެކަން ކުރަން މަހާޖައްރާފަށް ވެސް ބައެއް މޮޑިފިކޭޝަންތައް ގެންނަން ޖެހެ އެވެ. މިހާރު ބޯޓްގެ ކްރޫއިންއަށް އެކޮމޮޑޭޓް ކުރެވޭ ވަރަށް ބޯޓްގައި ޖާގަ ނުހުރުމުގެ ސަބަބުން އެ މީހުންނަށް އެކޮމޮޑޭޝަނާއި ދަތުރުފަތުރުގެ ހަރަދުތަކަށް ބޮޑު އެއްޗެއް ހިނގަ އެވެ. އަދި ގިނަ ބިދޭސީ ކްރޫއިން އޭގައި މަސައްކަތް ކުރަން ޖެހުމަކީ ވެސް
ކުންފުންޏަށް އޮތް ބުރައެކެވެ.

"މިހާރު ބޯޓްގައި ނުހުރޭ އެކޮމޮޑޭޝަނެއް ހުރިހާ މުވައްޒަފުންނަށް ވާވަރަކަށް. ދެން ޕްރޮޖެކްޓެއް ހިންގާއިރު ކައިރި ރަށަކުން އެކޮމޮޑޭޝަން އެބަ ހަމަޖައްސަން ޖެހޭ. އަނެއްކާ އެ މީހުން ދާން ލޯންޗް ހަރަދުވެސް އެބަ ކުރަން ޖެހޭ. އެކަމަކު ބޯޓްގައި އެންމެންނަށް އެކޮމޮޑޭޝަން ހަމަޖެއްސުނީމާ އެވެސް ކުޑަކުރެވޭނެ ހަރަދެއް. ދެން މީގައި މިތިބަ މުވައްޒަފުން ވެސް މިތިބީ މާބޮޑެތި މުސާރައިގައި ނަގާފައި. އެކަން ހަމަޔަކަށް އެޅުވޭނެ މި ޖެނުއަރީގައި ބޭރުގެ ކުންފުންޏާ އެކު މުވައްޒަފުން ނަގަން އޮތް އެއްބަސްވުން ނިމުމަކަށް އައިމާ،" ޝާހު ވިދާޅުވި އެވެ.

އޭނާގެ ވިސްނުމުގައި މަހާޖައްރާފުގެ އޮޕަރޭޝަންތަކުގައި ވީހާ ވެސް ގިނަ ދިވެހިން ގެންގުޅުމެވެ. އަދި އެ އުޅަނދު އޮޕަރޭޓް ކުރުމަށް ދިވެހިން ތަމްރީން ކުރުމަކީ ވެސް އޭނާގެ އަމާޒެކެވެ. ޝާހު ވިދާޅުވި ގޮތުގައި ކުރިއަށް މި އޮތް ޖެނުއަރީ މަހު ބޯޓް ޑޮކަށްލާއިރު ރާއްޖޭގެ މާހައުލަށް ފެތޭނެ ގޮތަށް ބޯޓަށް އިތުރު މޮޑިފިކޭޝަންތައް ގެންނަން ވަނީ
ރާވައިފަ އެވެ. އެގޮތުން ބޯޓްގައި މިހާރު ހުރި ޕަމްޕް އިތުރަށް ބޮޑުކޮށް، ބިންހިއްކުމަށް ފަސޭހަވާނެ ގޮތަށް ކެޕޭސިޓީ އިތުރުކުރާނެ އެވެ.

"ރާއްޖޭގެ ފަރުތަކާ އެއްޗިހި ހުންނަ ގޮތުން، ބޯޓަށް ވެލިބަރުކުރީމާ މިވާ ގޮތަކީ ތިލަތަންތަނުގައި ބޯޓް އެބަ ބީހޭ ގޮތްވޭ. ދެން އަސްލުއެހެންވެ ތަންކޮޅެއް ދުރުގައި އޮވެގެން ބިން ހިއްކަން މިޖެހެނީ. އެހެން ވީމާ އޭގެ ޕަމްޕް ކެޕޭސިޓީ އެބަ ޖެހޭ ބޮޑުކޮށްލަން،" ޝާހު ވިދާޅުވި އެވެ.

އެ ބޯޓްގެ އަގުގެ ގޮތުގައި މިހާރުވެސް އަންނަނީ، ކުއާޓާއަކަށް 500،000 ޑޮލަރު އެމްޓީސީސީއިން ދައްކަމުން އެވެ. ޝާހު ވިދާޅުވީ، މިއަހަރުވެސް މަހާޖައްރާފުން ހިންގަން ހުރި ޕްރޮޖެކްޓްތައް ބައިވަރެވެ. މަހާޖައްރާފުން މިހާރު ވެސް ދަނީ، ކ. ހުރާ ހިއްކުމުގެ މަސައްކަތް ކުރަމުން އެވެ. އަދި ހަތަރު ދުވަހެއް އެ މަސައްކަތް ނިންމާލާ އަމިއްލަ ފަރާތަކުން ފަށާ މަޝްރޫއެއް ކަމަށްވާ، މާލެ އަތޮޅުގެ ފަޅެއް ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ އެވެ. އަދި އެއަށް ފަހު ހއ. މާފިނޮޅުގައި އެއާޕޯޓްގެ މަޝްރޫއަށް މަހާޖައްރާފު މިސްރާބު ޖަހާނެ އެވެ.

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މި އުޅަނދު ރާއްޖެއަށް މުހިންމޭ ހަރުދަނާކޮށް އެ އޮޕަރޭޓް ކުރެވޭނެ ނިޒާމެއްގެ ތެރެއަށް ވަންނާށޭ ޖެހެނީ. އެކަން ކުރާނަން އިންޓާނަލް އޮޑިޓްތައް ބަލާފައި. އަދިވެސް އަޅުގަނޑު ދަންނަވަން ބޭނުން އެއީ ހަމަ ރާއްޖެއަށް ރަނގަޅު އެސެޓެކޭ!،" ޝާހު ވިދާޅުވި އެވެ. ކުރިން ރޭވިފައި އޮތް ގޮތަށް، ރާއްޖޭއިން ބޭރުގެ ބިޔަ ޕްރޮޖެކްޓްތަކަށް ވެސް މަހާ ޖައްރާފު މިސްރާބު ޖެހުމުގެ ވިސްނުން ވެސް އެބަ އޮތެވެ.