ހަބަރު

ވަޅިން ހަމަލާ ދިން ލަންކާ މީހާ ހައްޔަރުކޮށްފި

Jan 11, 2019

އދ. އެއްލައިދޫ ރިސޯޓްގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ސްރީލަންކާގެ ރައްޔިތެއް ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

އެ ރިސޯޓްގައި ރޭ 9:50 ހާއިރު މާރާމާރީ ހިނގާފައިވަނީ ލަންކާ ދެ މީހުންގެ މެދުގަ އެވެ. އެ މާރާމާރީގައި އަނިޔާވި 24 އަހަރުގެ މީހާ ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން ހައްޔަރުކުރީ މަރުވި މީހާއަށް ހަމަލާދިން 39 އަހަރުގެ ފިރިހެން މީހާ އެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި އދ. މަހިބަދޫގަ އެވެ.

މަރުވި 24 އަހަރުގެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މާރާމާރީގައި ލިބުނު އަނިޔާއާ ގުޅިގެން އެ ރިސޯޓްގެ މެޑިކަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މާރާމާރީ ހިނގި ލަންކާ ދެ މީހުންނަކީ އެ ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެސް ތިބި ދެ މީހުންނެވެ. މާރާމާރީ ހިނގީ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައެއް ހޫނު ވެގެންނެވެ.

މާރާމާރީގައި ވަޅި ގެންގުޅުނީ އެކަކެވެ. ވަޅިން އޭނާ ހަމަލާދިންއިރު އޭނާއަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ. އެ މާރާމާރީއަށްފަހު އެމީހާ ފިލައިގެން އުޅެނިކޮށް ހިފެހެއްޓީ އެ ރިސޯޓްގެ އެހެން މުވައްޒަފުންނެވެ.