ހަބަރު

އިހަވަންދޫގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ

Jan 14, 2019

ހއ. އިހަވަންދޫގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މަރުވެފައިވަނީ 19 ދުވަސްވީ އަންހެން ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ މަރުވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ މަރުވެފައި އޮތްކަން އެނގުނީ ހެނދުނު ހޭލިިއިރު ހަރަކާތެއް ނެތުމުންނެވެ. އެ ކުއްޖާ ނިންދެވީ ކުއްޖާގެ މަންމަ އާއި ބައްޕައާ ދެމެދުގަ އެވެ.

ކުއްޖާ ނެގިއިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވެސްވެ އެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އޭނާގެ ބޭރުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. ނަމަވެސް ކުއްޖާ ހުން އައިސްގެން އިއްޔެ ހޮސްޕިޓަލަށް ދެއްކިކަން އެނގިފައިވެ އެވެ.

މަރުވި ކުއްޖާއަކީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ.