ހަބަރު

ކަނޑުހުޅުދޫގައި ދަރިފުޅު ގޮވައިގެން ބައްޕަ "ފިލި" މައްސަލައެއް ބަލަނީ

ގއ. ކަނޑުހުޅުދޫގައި ބައްޕައަކު، ތިން އަހަރުގެ ދަރިފުޅު އޭނާގެ މަންމައަށް ނޭނގި ރަށުން ބޭރަށް ގެންދިޔަ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ ރަށު ކައުންސިލުންނެވެ.

ކަނޑުހުޅުދޫ ކައުންސިލް މެންބަރަކު މިއަދު "އަވަސް"އަށް ވިދާޅުވި ގޮތުގައި ދަރިފުޅު ގޮވައިގެން އެ ރަށުން ފުރާފައިވަނީ އެހެން ރަށަކަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެ ރަށުގެ އަންހެނަކާ ކައިވެނިކޮށްގެން އުޅޭ މީހެކެވެ.

އެމީހުން މީގެ ދުވަސްކޮޅެއް ކުރިން އުޅުނީ ފިރިހެން މީހާގެ ރަށުގަ ކަމަށާއި ނަމަވެސް ކައިވެނީގައި މައްސަލަ ޖެހިގެން ކަނޑުހުޅުދޫއަށް ދެމަފިރިން ބަދަލުވި ކަމަށް މެންބަރު މައުލޫމާތު ދިނެވެ. މިއަދުގެ ވަގުތެއްގައި ދެމަފިރިން ރަށު ކޯޓަށް ވެސް ދިޔަ ކަމަށް ކައުންސިލް މެންބަރު ބުންޏެވެ.

ކައުންސިލް މެންބަރު ވިދާޅުވީ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އެ ފިރިހެން މީހާ ރަށުން ފޭބީ އޭގެ ފަހުން ކަމަށާއި ދަރިފުޅު ރަށުން ގެންދިޔައީ މަންމައަށް ނާންގާ ކަމަށެވެ. ކައުންސިލަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމީހާ މިހާރު ހުރީ ގދ. ކާޑެއްދޫގައި ކަމަށެވެ.

އެކަމުގެ ސަބަބުން ތިން އަހަރުގެ ކުއްޖާގެ މަންމައަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށް ވެސް ކައުންސިިލް މެންބަރު ވިދާޅުވި އެވެ. ކައުންސިލްގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާތީ އެ ރަށުގައި ތިބި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިއަދު 6:45 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށެވެ.