ޓޫރިޒަމް

ސައޫދީގެ ބޮޑު ޓްރެވަލް ފެއާއަށް ރާއްޖެ

ސައޫދީ އަރަބިއްޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާން ތައްޔާރު ވެއްޖެ އެވެ.

މަޓާޓޯއިން ބުނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ އަލް ފައިސަލް ޓަވަރު ހޮޓެލްގައި ބާއްވާ އެ ފެއާއަކީ ސައޫދީ އަރަބިއްޔާ އާއި ގަލްފް ކޯޕަރޭޝަން ކައުންސިލް ކަންޓްރީޒް (ޖީސީސީސީ) ގައި ހިމެނޭ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާއެއް ކަމަށެވެ.

މި އަހަރުގެ މާޗް 20 އިން 22 އަށް އޮންނަ އެ ފެއާގައި އިންވެސްޓްމަންޓުގެ ދާއިރާއިންނާއި ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާއިން އެންމެ މަގުބޫލު ކުންފުނިތައް ބައިވެރިވެ މައުލޫމާތު ބައްދަލުކޮށް ކަންކަން ހިއްސާ ކުރާނެ އެވެ.

ސައޫދީ އަރަބިއްޔާގެ ރިޔާދަކީ މެދުއިރުމަތީގެ އެންމެ މުއްސަނދި އެއް ސިޓީ އެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދި 80 ސިޓީގެ ތެރޭގައި ހިމެނޭ ތަނެކެވެ. ސައޫދީއަކީ ބޭރަށް ދަތުރުކުރާ ގިނަ އަދަދެއްގެ ބަޔަކު އުޅޭ ގައުމެކެވެ.

އެ ޖަމިއްޔާއިން 2017 ވަނަ އަހަރު ވެސް އެ ޓްރެވެލް ފެއާގައި ބައިވެރިވި އެވެ. އެފަހަރު ބޮޑު ތަރުހީބެއް ރާއްޖެއަށް ލިބުނުއިރު، މަޓާޓޯއާއެކު ރާއްޖޭގެ 11 ކުންފުންޏެއް ފެއާގައި ބައިވެރިވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސައޫދީއިން މިދިޔަ އަހަރު 23,540 މީހުން ރާއްޖެ އައިސްފައިވެ އެވެ. އަދި މިއީ އޭގެ ކުރީ އަހަރު އައި 19,546 މީހުންނާ އަޅާބަލާއިރު 20.4 ޕަސެންޓް އިތުރުވުމެކެވެ.