ވިޔަފާރި

އުރީދޫ އޭޖީއެމްގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމަ އަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސް އިން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައި މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާ އަށް ހާޒިރުވެވަޑައިގެން ބައިވެރިވެލެއްވޭނެ އެވެ.

ނަމަވެސް އެ ކުންފުނީގެ އޭޖީއެމް ބާއްވާ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އުރީދޫން ބުނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 15 ފެބްރުއަރީ 2019 ވާ ހުކުރު ދުވަސް ނިމުމުގެ ކުރިން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރާނެ ކަމާއި، އަދި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރެވޭނެ ވާހަކަ އެންމެހައި ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ހިއްސާވާ އުރީދޫން ވަނީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 88 ޕަސެންޓް ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމާފަ އެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ ބޯޑުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަަކަށް 3.22ރ. ނުވަތަ އުރީދޫ މޯލްޑިވްސް ގުރޫޕުގެ 88 ޕަސެންޓް ސާފު ފައިދާ ބެހުމަށް ހިއްސާދާރުންނަށް ލަފާ ދިނުމަށް އިއްޔެ ބާއްވާފައިވާ ބޯޑު ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރުން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ، އަދި ޖަލްސާއާ ގުޅޭ އެހެނިހެން ލިޔުންތައް އަންނަ ފެބްރުއަރީ 15 އިގެ ނިޔަލަށް ވެބްސައިޓުގައި އާންމުކޮށް ޝާއިއުކުރާނެ ކަމަށެވެ

ދިވެހި ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމުގެ ގޮތުން އުރީދޫން ހިއްސާ ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. ހިއްސާ ވިއްކަން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވަނީ ލިބިފަ އެވެ. މިއީ ދޫކުރި ހިއްސާގެ 9.5 ޕަސެންޓެވެ. ހިއްސާއެއް ވިއްކީ 30 ރުފިޔާގެ ގެ ރޭޓުނެވެ. ފުރަތަމަ ވިއްކަން ހުޅުވައިލީ ހިއްސާގެ 15 ޕަސެންޓް ކަމަށްވާ 22,170,060 ހިއްސާ އެވެ. އަދި ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށް ވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހައިފިނަމަ ގިނަވެގެން 40 ޕަސެންޓް (59,120,160 އާންމު ހިއްސާ) ގަނެވޭ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިޔަ އެވެ.