ހަބަރު

ފީނަން ފޭބި ޒުވާނަކު މަރުވެއްޖެ

ފީނަށް ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. އޭނާ ފީނަން ފޭބީ ބ. އެމްބޫދޫ ކައިރީގައި އޮންނަށް ރަންގަލި ފަރަށެވެ.

މަރުވެފައިވަނީ ބ. ތުޅާދޫ ފޮނިލުބޯގެ ޔާފިއު ހުސެއިން، 20 އެވެ.

އެމްއެންޑީއެފްއިން ދެންމެ ބުނީ، ޔާފިއުގެ ހަށިގަނޑު ފެނިފައިވަނީ 30 މީޓަރު އަޑިން ކަމަށެވެ.

ޔާފިއު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 3:47 ހާއިރު އެވެ. ރިޕޯޓް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ދިޔައީ ކުރަމުންނެވެ.

އޭނާ ހޯދުމުގެ މަސައްކަތުގައި ފިނޮޅު ރިސޯޓުގެ ތިން ޑައިވަރުން، ކޮކޯ ޕާލްސްގެ އެއް ޑައިވަރަކާއި ވައްކަރު ރިސޯޓްގެ ޑައިވަރުން ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭނާ ހަށިގަނޑު ފެނުނީ ވައްކަރު ރިސޯޓްގެ ޑައިވަރުންނަށެވެ.

ހަށިގަނޑު ތުޅާދޫއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.