އިގްތިސޯދު

ރާއްޖޭގައި ލޯނު ދެއްކޭނެ ފެންވަރު އެބަހުރިތަ؟

މި އަހަރު ރާއްޖޭގެ ބަޖެޓުގެ ޖުމްލައަކީ 30 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނެފައިވަނީ 23 ބިލިއަން ރުފިޔާ އެވެ. މި ވަރުގެ ބަޖެޓަކުން ރާއްޖޭގެ ބޮޑެތި މަޝްރޫއުތައް ހިންގޭނެ ހެއްޔެވެ؟ ސަރުކާރުގެ ހަރަދުރައް ފޫބައްދައިގެން މަސައްކަތްތައް ކުރެވޭނެ ހެއްޔެވެ؟ ޖަވާބަކީ ހަމައެކަނި ބަޖެޓަށް ބަރޯސާ ވެގެން ކަންކަން ކުރަން އުޅުމަކީ މޮޔަ ކަމެކޭއެވެ.

ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ މިހާ ހިސާބުން މި ޖެހެނީ ލޯނާ ދިމާލަށް ދާށެވެ. ދަރަންޏަށް ނަގާށެވެ. ގައުމެއްގެ ބޭންކަކުން ނޫނީ، ދުނިޔޭގެ މާލީ އިދާރާއެއްގެ ދޮރޯށީގައި ޓަކިދީގެން ނަމަވެސް ލޯނެއް ހޯދާށެވެ. ހުރިހާ ގައުމަކުން ވެސް ކަންކުރަނީ މި ގޮތަށެވެ. މި ގޮތަށް ލޯނު ނަގަން ފެށުމާއެކު، މައްސަލަތައް ކުރިމަތިވެ އެވެ. ގައުމު ދަރަނީ އެވެ. އެ ދަރަނި ބޮޑު ވަނީ އެވެ. ރާއްޖޭގައި ލޯނު ނެގުމާއި ދެއްކުމުގެ ފެންވަރު އެބަހުރި ހެއްޔެވެ؟

"މައްސަލައަކީ ލޯނު ނެގުމެއް ނޫން، މައްސަލައަކީ ދަރަނި ދެއްކުމުގެ ފެންވަރު. ދަރަންޏަށް ނަގާއިރު ޖެހޭ ދަރި ދެއްކުމުގެ ގާބިލްކަން ހުރިކަން ވެސް ޔަގީން ވާން،" މާލީ ދާއިރާއެއްގައި ކުރިން މަސައްކަތް ކުރެއްވި ރާއްޖޭގެ އިސް ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ދަރަނީގެ ބަހުސަށް ފަށާއިރު، ފުރަތަމަ ސުވާލަކީ މިހާރު ރާއްޖޭގެ ދަރަނި ހުރީ ކިހާވަރެއްގައި ހެއްޔެވެ؟ އެންމެ ބޮޑު ޝަކުވާއަކީ ދަރަނި ބޮޑު ވުމެވެ. މިއީ މައްސަލައެއް ހެއްޔެވެ؟

ދަރަނި ނަގާނެ، ތަރައްގީ ވާނީ ނަގައިގެން!

ރާއްޖޭގެ ދަަރަނީގެ މައްސަލާގައި އަބަދު ވެސް ދުނިޔޭގެ މާލީ އިދާރާތަކުން ކަންބޮޑުވެފަ އެވެ. ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 55 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ 29 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. ދަރަނީގެ އެންމެ ކައިރި ތާރީހުތަކަށް ބަލާއިރު، ނިމިދިޔަ ފަސް އަހަރު އެކަނި ނެގި ލޯނު ތަކާއި ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތަކުގެ އަގު އުޅެނީ 57 ބިލިއަން ރުފިޔާގަ އެވެ. އެއީ ފިނޭންސް މިނިސްޓްރީގެ ހިސާބެވެ.

މީގެތެރޭގައި 24 ފަރާތަކަށް ދޫކުރި ސޮވެރިން ގެރެންޓީ ވެސް ހިމެނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު، ޗައިނާ އިން ނެގި ދަރަނި ވަނީ 1.4 ބިލިއަން ޑޮލަރުގަ އެވެ. މީގެ މާނައަކީ ރާއްޖޭގެ ދަރަނީގެ 38 ޕަސެންޓު އޮތީ ޗައިނާގެ އަތުގަ އެވެ.

ދެން، އޮތީ ގައުމުގެ ހިންގަން އަލަށް ހަވާލުވި އާ ސަރުކާރުގެ ވާހަކަ އެވެ. މި ސަރުކާރަށް ވެސް ދަރަންޏާ ނުލައި ތަރައްގީ ގެނެވޭނެ އެއްވެސް ގޮތެއް ނުހޯދޭނެ އެވެ. އިގްތިސޯދީ ނަޒަރުގައިވެސް އެކަން ވާނީ ހަމަ އެ އެގޮތަށެވެ. އެހެންނޫނީ ޖެހޭނީ "ބާޓާ ސިސްޓަމަ" ށް ތަންތަން ދޭށެވެ. އެއްޗެއް ދީފައި އެއްޗެއް ހޯދާށެވެ. ފަޅު ރަށެއް ދިނިއްޔާ، އެއާޕޯޓެއް އަޅައިދޭ ގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މަޝްރޫއުތަކުގެ ބޮޑުބައިގައި ލޯނާއި ހިލޭ އެހީއާއެކު "ބެސްޓް ފްރެންޑް" އަކީ ޗައިނާ އެވެ. އެހެންވެ، ގިނަ ދަރަނި އޮތީ އެ ގައުމަށެވެ. އާ ސަރުކާރުން މިހާރު ފެންނަ ފެނުމަށް "ބެސްޓް ބަޑީ" އަކީ އިންޑިއާ އެވެ. އެހެންވެ، ޔަގީނާ ގާތަށް އެނގޭ ކަމަކީ މި ފަހަރު ދަރަނި އަންނާނީ އިންޑިއާ ކަނޑުން ކަމެވެ.

އެކަން ޔަގީން ވަނީ އާ ސަރުކާރުގެ ރައީސްގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިޔާއަށް ވަޑައިގެން ސޮއިކުރެއްވި އެއްބަސްވުންތަކުންނެވެ. އިންޑިޔާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ އެއް ދޭން ނިންމާފަ އެވެ.

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އަމީރު އެ ކްރެޑިޓް ފެސިލިޓީގެ އިތުރު ތަފުސީލް ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި އެ އެހީގެ ތެރޭގައި ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭ 200 މިލިއަން ޑޮލަރުގެ އިތުރުން އިންޑިޔާ އިން ދޭ 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.

މި ފެސިލިޓީގައި ހިމެނޭ، އިންޑިއަން އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ދޫކުރާ 800 މިލިއަން ޑޮލަރުގެ އިންޓްރެސްޓަކީ 1.5 ޕަސެންޓެވެ. މީގެ އިތުރުން 400 މިލިއަން ޑޮލަރު ވަނީ ކަރެންސީ ސްވެޕްގެ ގޮތުގައި ދޭން ވެސް ނިންމާފަ އެވެ. ނަމަވެސް މި ކަރަންސީ ސްވެޕް އާއި ފެސިލިޓީ އަނބުރާ ދައްކަން ޖެހޭ މުއްދަތު އަދިވެސް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

މިއީ ކްރެޑިޓް ފެސިލިޓީއެކޭ، މިއީ ލޯނެއް ނޫނޭ ބުނެވިދާނެ އެވެ. ނަމަވެސް މި ވެސް ހަމަވާނީ ދަރަންޏަކަށެވެ. އާހިރުގައި މި ވެސް ގުނާނީ ދަރަނީގެ ގޮތުގަ އެވެ. މީގެ ކުޑަ މިސާލަކީ، 2009 ވަނަ އަހަރު އިންޑިޔާ އިން ދިވެހި ސަރުކާރަށް ދިން ބަޖެޓް ސަޕޯޓެވެ. އެ ފަހަރު ދިން 110 މިލިއަން ޑޮލަރު ވަނީ އަނބުރާ ދައްކާފަ އެވެ. މީގެ ބުރަ އޭރުގެ ރިޒާވަށް ވެސް ކުރި އެވެ. އެހެންވީއިރު މި ހުރިހާ އެއްޗެއް ވެސް ވާނީ ހަމަ ލޯނަށެވެ. ލޯނު ނަގައިގެން ނޫނީ ކަމެއް ނުވެސް ވާނެ އެވެ.

ދަރަނި މަތިވުމަކީ ކަންބޮޑުވުމެއް!

ދަރަނި އިތުރުވާނެ އެވެ. ނަމަވެސް ދަރަނި ހުންނަން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގަ އެވެ. އެހެންނޫނަމަ، މީގެ ނުބައި އަސަރު މުޅި ގައުމަށާއި އިގްތިސޯދަށް ކުރާނެ އެވެ. ހާއްސަކޮށް ދަރަނީގެ ގޮތުގައި ހޯދާ ފައިސާ ޖެހެނީ އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރާށެވެ.

މިސާލަކަށް ލޯނު ނަގަން ޖެހޭނީ އިގްތިސޯދީ މަންފާ އިތުރުވާނެ ކަންކަން ކުރާށެވެ. މި ގޮތަށް ބޭރުން ދޭ މާލީ އެހީގެ ބޭނުން ކޮށްގެން ރިކަރެންޓް ހަރަދު ހަމަޖެއްސުމަކީ އިގްތިސޯދީ ގޮތުން ނުބައި އަސަރެއް ކުރާނެ ކަމެކެވެ. އެ ފައިސާ މި ފަދަ ކަންކަމަށް ބޭނުން ކުރާނަމަ އެއީ ކަނޑުގައި ރޮނގެއް އެޅުން ކަހަލަ ކަމަކަށް ނޫނީ ނުވާނެ އެވެ.

ދަރަނި މަތިވަމުންދާކަމުގެ ބިރުވެރި "ރަނގަބީލު" އަބަދު ވެސް ދުނިޔޭގެ މާލީ އިދާރާތަކާއި ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ދިޔައީ ޖަހަމުންނެވެ.

މަރުކަޒީ ބޭންކުގެ 2017 ވަނަ އަހަރުގެރިޕޯޓް.pdfi) ގައިވާ ގޮތުން އެ އަހަރު ނިމުނުއިރު، ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 1.4 ބިލިއަން ޑޮލަރުގަ އެވެ. ގައުމީ އުފެއްދުންތަކުގެ ނިސްބަތުން ދަރަނި ހުރީ 2016 ވަނަ އަހަރު 20 ޕަސެންޓުގަ އެވެ. ނަމަވެސް 2017 ގައި މި އަދަދު ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަހާލާނަމަ ބޮލަކަށް ގާތްގަނޑަކަށް 30،000ރ. ގެ ދެރުމެކެވެ.

ދަރަނި ބޮޑުވުމުގެ ޝަކުވާ 2016 ވަނަ އަހަރު ވޯލްޑް ބޭންކުން ނެރު ރިޕޯޓެއްގައި ވެސް ވެއެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އަހަރުން އަހަރަށް ދިވެހި ދައުލަތުގެ ދަރަނި ދަނީ ބޮޑުވަމުންނެވެ. ދަރަނި އިތުރުވާ މިންވަރަށް ބަލާއިރު 2020 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި 120 ޕަސެންޓަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. އޭރުން ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު 140،000ރ. އަށް ވުރެ މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ދަރަނި މަތިވާނަމަ ވާނީ ކިހިނެއް؟

ދަރަނި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިގްތިސޯދަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެ އެވެ. އެއް މައްސަލައަކީ އިންފްލޭޝަންގެ ބިރެވެ. އަނެއް ކަމަކީ ބޭރުގެ މާލީ އިދާރާތަކުން ދޭ މާލީ އެހީތައް ލިބުން ދަތިވުމެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި ގައުމަކަށް ހަދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެން ދާނެ އެވެ. މިކަން އެނގޭނީ ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންއިންނެވެ. ރާއްޖޭގެ ފުރަތަމަ ކްރެޑިޓް ރޭޓިން ވަނީ 2016 ވަނަ އަހަރު ނެރެފަ އެވެ. މޫޑީސް އިންވެސްޓްމަންޓް ސާވިސް އިން ނެރުނު މި ރޭޓިންގައި ރާއްޖެ އަށް ލިބުނީ "ބީ-2" ރޭޓިން އެވެ. މި ރޭޓިންގައި ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް އިގްތިސޯދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިގްތިސޯދު ފުޅާކޮށް ސިނާއަތްތައް އިތުރުކުރުމުގެ މުހިންމުކަން މޫޑީސް އިން ފާހަގަ ކުރިއެވެ.

ރާއްޖެ ކްރެޑިޓް ރޭޓިން ނެރުމަކީ ގިނަ ގޮތްގޮތުން ފައިދާހުރި ކަމެކެވެ. އެހެންވެ ސަރުކާރުން ވަނީ ޕިޗާ ހަވާލު ކޮށްގެން ވެސް ރާއްޖެ ރޭޓްކޮށްފަ އެވެ. ކްރެޑިޓް ރޭޓިންއަކީ އިންވެސްޓްމަންޓަކާއި އެކަށޭނަ ފައިނޭންޝަލް އަގު ދެނެ ގަތުމަށް ބޭނުން ކުރާ މިންގަނޑެކެވެ. އަދި މި ފަދަ ރޭޓިންއެއް ނެތުމުން މާލީ ދާއިރާ ތަރައްގީ ކުރުމަށާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް މީގެ ކުރިން ހުރަސް އެޅިފައިވެ އެވެ.

ސޮވެރިން ކްރެޑިޓް ރޭޓިންއަކީ އިންވެސްޓް ކުރުމާއި ވިޔަފާރި ކުރުމުގައި ގައުމެއްގައި އޮތް ގޮން ޖެހުންތަކާއި ރިސްކް ދެނެގަތުމަށް އެއް ކުރެވޭ މުހިންމު މައުލޫމާތު ތަކެވެ. މި ރޭޓިންގައި ރާއްޖެ ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ނެރުނު ރޭޓިން ގައި ދަރަނީގެ ކަންބޮޑުވުން މޫޑީސް އިން ފާހަގަކޮށްފައި ވެއެވެ.

އެސްޑީއެފް: ދަރަނީގެ ޔަގީން

ދަރަނި މަތިވުމުގެ ޝަކުވާ ކުރާއިރު ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދޭނީ ކިހިނެއް ހެއްޔެވެ؟ ދަރަނީގެ ޔަގީންކަން ދިނުމުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަފާތު އުސޫލުތައް ގާއިމްކޮށްފައި ހުރެ އެވެ. މިގޮތުން ދަރަނި މެނޭޖް ކުރުމުގެ ގާބިލްކަން މަތިކުރުމަށް އެކަމަށް ހާއްސަ ފަންޑުތައް ގާއިމް ކުރެ އެވެ. އަދި އެ ފަންޑުން އިންވެސްޓް ކޮށްގެން ފަންޑު ފުޅާކުރާ ގައުމުތައް ގިނަ އެވެ. އެކަމަށްޓަަކައި ރާއްޖޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދާފައިވަނީ 2017 ވަނަ އަހަރު އެވެ. ސޮވްރިން ފަންޑަކީ ކުއްލި ހާލަތު ކުރިމަތިވެދާނެ ކަމަށްޓަކައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގްތިސޯދަށް އަތުވެދާނެ ލޮޅުމަކުން ފޫބެއްދުމަށް އެކުލަވާލާފައިވާ ފަންޑެކެވެ.

ރާއްޖޭގެ މި މި ފަންޑަށް ޖަމާ ކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނައުމުން ލިބޭ ފައިސާ އެވެ. އެގޮތުން މި އަހަރު އެ ފަންޑަށް ޓްރާންސްފާ ކުރުމަށް ބަޖެޓްގައި ޖަހާފައިވަނީ 705.6 މިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެސްޑީއެފް ފަންޑުގައި ހުރީ 100 މިލިއަން ޑޮލަރު ކަމަށްވެ އެވެ. ނަމަވެސް މި ފަންޑުގެ މައުލޫމާތު މިފަހުން ހާމައެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ ހަފުތާގެ މާލީ ހިސާބު ތަކުގައި ވެސް މި ފަންޑުގެ މައުލޫމާތު ހިމަނާފައެއް ނެތެވެ. އެންމެ ފަހުން މި ފަންޑު އަޕްޑޭޓެއް އޮތީ ޑިސެމްބަރު މަހާހަމަ އަށެވެ. މި ފަންޑަކީ ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރުން ގާނޫނަކުން ހިމާޔަތް ދޭންޖެހޭ އެއްޗެކެވެ.

މި ފަންޑު ހިމާޔަތް ކުރަން ގާނޫނެއް ބޭނުން ވަނީ ކީއްވެގެން ހެއްޔެވެ؟ މި ފަންޑަކީ މަރުކަޒީ ބޭންކުގެ ރިޒާވްއާ ތަފާތުކޮށް ވަކިކަމަށް ހާއްސަކޮށް ފައިސާ ރައްކާ ކުރާ ފަންޑެކެވެ. ނަމަވެސް މިހާރު މި ފަންޑު އޮތް ގޮތުން ފިނޭންސް މިނިސްޓަރަކަށް ހުންނަ ބޭފުޅަކު ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ބޭނުން ކުރެވިދާނެ އެވެ. އެހެންވެއްޖެނަމަ، މި ފަންޑު އުފެއްދުމުގެ އަސްލު މަގުސަދު ގެއްލުމުގެ ބިރު އޮންނާނެ އެވެ. އެހެންކަމުން މި ފަންޑަށް ގާނޫނީ ހިމާޔަތް މިހާރުން މިހާރަށް ބޭނުންވެ އެވެ.

ގައުމު ތަރައްގީ ކުރަން، ލޯނު ނެގުމަކީ މައްސަލައެއް ނޫނެވެ. ލޯނުން ނަމަވެސް ތަރައްގީ ގެންނަންވީ އެވެ. އެކަމަކު ލޯނު ނަގާއިރު ލޯނު ދެއްކޭނެ ގާބިލްކަން ހުރި މިންވަރު ދެނެގަންނަން ޖެހެ އެވެ. ލޯނު ނެގުން ވެސް އޮންނަން ޖެހެނީ ވަކި ހައްދެއްގެ ތެރޭގަ އެވެ. އަދި ހަމަމިއާއެކު، ލޯނު ދެއްކޭނެކަމުގެ ޔަގީންކަން ދިނުމަކީ މިހާރުން މިހާރަށް މުހިންމު ކަމެކެވެ.