ދަށު ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން އަމަލު ކުރައްވަން ޖެހޭނެ "ޑްރެސް ކޯޑް"ގެ އުސޫލެއް މިއަދު ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.
ފަނޑިޔާރުން ބޭނުންކުރާ ވަކި ހެދުމެއް ނޫނީ ޑްރެސް ކޯޑެއް މިހާރު ކަނޑައެޅިފައެއް ނުވެ އެވެ. ދަށު ކޯޓުތަކުގެ އެކި ފަނޑިޔާރުން ހެދުން އަޅުއްވަނީ އެކި ގޮތަށެވެ. ނަމަވެސް 2006 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީން ވަނީ ކޯޓުތަކުގެ ހައިބަތު ހިޔާމަތްކުރުމަށް ފަނޑިޔާރުން ކޯޓު ފަޓުލޫނުލާ ގޮތަށް ހަމަޖައްސާފަ އެވެ.
އޭގެ ފަހުން މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތަށް ވަޑައިގަންނަވަނީ ކޯޓު ފަޓުލޫނުގަ އެވެ.
މިއަދު ސުޕްރީމް ކޯޓުން އާ އުސޫލެއް އެކުލަވާލީ، ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ޑްރެސް ކޯޑެއް ބޭނުންކުރުން މުހިންމު ކަމަށް ދެކިގެންނެވެ. އުސޫލުގައިވާ ގޮތުން ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގެ ޑްރެސް ކޯޑަކީ ފިރިހެނުން ކަޅު ކުލައިގެ ކޯޓު ފަޓުލޫނާއި އަންހެނެއް ނަމަ، ކަޅު ކުލައިގެ ކޯޓު ފަޓުލޫނު ނުވަތަ ކަޅުކުލައިގެ ކޯޓާއި ފައިގެ ކުޑަހުޅާ ހަމައަށް ހުންނަ ސާކެޓެވެ.
ފަނޑިޔާރުންނަށް ކޯޓު ފަޓުލޫނު ފޯރުކޮށްދޭނެ ގޮތުގެ އުސޫލު ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ކޯޓު ފަޓުލޫނު ހޯދުމަށްފަހު އެ ފަނޑިޔާރެއް އައްޔަންކޮށްފައިވާ ކޯޓަށް ރަސީދު ހުށަހެޅުމުން ކޮންމެ ދެ އަހަރަކުން އެއް އަހަރު، ގިނަވެގެން ކޯޓު ފަޓުލޫނަކަށް ހަ ހާސް ރުފިޔާގެ މަގުން ފައިސާ ދޭނެ އެވެ.
އެ ފަނޑިޔާރެއްގެ ކޯޓު ފަޓުލޫނު ޑްރައިކްލީންކޮށް ބެލެހެއްޓުމަކީ އެ ފަނޑިޔާރެއްގެ ޒިންމާއެއް ކަމަށް އުސޫލުގައިވެ އެވެ. ކޯޓު ފަޓުލޫނަށް ލިބޭ ގެއްލުމުގެ ބަދަލެއް ނުދޭނެ އެވެ. އުސޫލަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ފަނޑިޔާރުން ވެސް ޑްރެސް ކޯޑަށް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށްވެ އެވެ.
ދަށު ކޯޓުތަކަށް ހާއްސަ ޑްރެސް ކޯޑެއް ކަނޑައެޅި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ހައިކޯޓުގެ ފަނޑިޔާރުންނަށް
މިހާރު ވެސް ހާއްސަ ގައުންއެއް ހުރެ އެވެ. އަދި އުއްތަމަ ފަނޑިޔާރަށް ވަކިން ހާއްސަ ގައުންއެއް ހުރެ އެވެ.