ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަން ކުރާނެ ގޮތްތަކާމެދު އިލްމީ ބަހުސްތަކާއި ހިޔާލުތައް ހުށަހެޅުމަށްފަހު ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސް މިރޭ ނިންމާލައިފި އެވެ.
ދެ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށް ދިޔަ މި ކޮންފަރެންސްއަކީ ސުޕްރީމް ކޯޓާއި ޖުޑީޝަލް އެކެޑެމީ، ޔޫއެންޑީޕީގެ އެހީއާއެކު ބޭއްވި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ވަކީލުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ނޫސްވެރިން ވެސް ބައިވެރިވި އެވެ.
ކޮންފަރެންސް ނިންމުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި ކޮންފަރެންސްގައި ލެކްޗާތައް ދެއްވައި ކަރުދާސްތައް ހުށަހެޅުއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވާފައިވެ އެވެ. ކޮންފެރެންސްގައި ލެކްޗާ ދެއްވީ ޗެކްރިޕަބްލިކްގެ ފަނޑިޔާރެއް ކަމަށްވާ އިވާނާ ރިލިކޯވާ އެވެ.
އޭގެއިތުރުން ޝަރުއީ ނިޒާމް ހަރުދަނާކުރަން މިހާރު ހުރި ގޮންޖެހުންތަކާއި ބޭނުންވާ ހައްލުތަކުގެ އެކި މައުލޫތަކަށް އެކި ބޭފުޅުން ކަރުދާސްތައް ހުށަހެޅުއްވި އެވެ. ކޮންފަރެންސްއަށް ޖުމްލަ 18 ކަރުދާހެއް ހުށަހެޅި އެވެ. ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ހިމެނިވަޑައިގަންނަވަ އެވެެ.
ގާނޫނީ ވަކީލުންގެ ފަރާތުން ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު ވެސް ކަރުދާހެއް ހުށަހެޅުއްވި އެވެ. އޭގެއިތުރުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމާއި ބަންޑާރަ ނައިބުގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ކަރުދާހެއް ހުށަހެޅި އެވެ. ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އާއި ޖުޑީޝަލް އެކެޑެމީގެ ޗާންސެލާ އަހުމަދު މާޖިދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަހުމަދު ނަޒީރު ވެސް ކަރުދާހެއް ހުށަހެޅުއްވި އެވެ.
ކޮންފަރެންސްގައި ހުށަހެޅި ހުރިހާ ކަރުދާހެއް ދިރާސާ ކުރެއްވުމަށްފަހު އޭގައި ފާހަގަކުރެވުނު ކަންކަމާއި ޝަރުއީ ނިޒާމަށް ބޭނުންވާ ހައްލުތައް ހިމަނައިގެން ފެމެލީ ކޯޓުގެ ގާޒީ ހަސަން ސައީދު މިރޭގެ ރަސްމިއްޔާތުގައި ރިޕޯޓެއް ހުށަހެޅުއްވި އެވެ. އެ ރިޕޯޓްގައި ކޮންފަރެންސްގައި ވާހަކަ ދެކެވުނު މައްސަލަތަކާއި ގޮންޖެހުންތަކަށް ގެންނަން ފެންނަ އިސްލާހުތައް ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި މިރޭގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަރާތުން ވަނީ ކޮންފަރެންސްގެ ހުރިހާ ބައިވެރިންނާއި އެ ކޮންފަރެންސްއަށް ސަރުކާރު ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިސްނަގައިގެން ޝަރުއީ ދާއިރާގެ އެކި ފަރާތްތަކާއެކު ބޭއްވި ކޮންފަރެންސް މިރޭ ނިންމާލާފައިވާއިރު ފަނޑިޔާރުންގެ މަހާސިންތާ މާދަމާ އޮންނާނެ އެވެ. ފަނޑިޔާރުންގެ މަހާސިންތާއަކީ ސުޕްރީމް ކޯޓުން ކޮން އަހަރަކު ވެސް ބާއްވަމުން އަންނަ މަހާސިންތާއެކެވެ.