ހަބަރު

ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި

ސުޕްރީމް ކޯޓުން އިސްނަގައިގެން ބާއްވަމުން އަންނަ ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި އެވެ. މިއީ މި މަހާސިންތާ ބާއްވާ ހަތަރު ވަނަ އަހަރެވެ.

މި އަހަރުގެ މަހާސިންތާ ހާއްސަ ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ކުޑަކުދިންގެ އަދުލުގެ ގަވައިދު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންނެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މަހާސިންތާގައި މިއަދު މެންދުރުފަހު ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ އެ ގާނޫނާއި ގަވައިދުތަކާ ގުޅިގެން ކޯޓުތަކުން އަމަލުކުރާ އިޖުރާއީ މައްސަލަތަކާއި އިދާރީ މައްސަލަތައް އަދި އެ އޮފީހަށް ދިމާވާ ދަތިތައް ފާހަގަ ކުރައްވައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.

މަހާސިންތާގައި ހައިކޯޓާއި ސްޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް މަހާސިންތާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ފައިސަލް އާދަމް ވިދާޅުވީ މިއަދުގެ އިތުރުން ދެން މަހާސިންތާ ކުރިއަށް ދާނީ ހޮނިހިރު ދުވަހު ކަމަށެވެ. އެ ދުވަހު ފުލުހުންނަށް ދިމާވާ ދަތިތައް ވެސް ފަނޑިޔާރުންނާ ހިއްސާ ކުރާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޑީޖޭއޭއަށް ކަންތައްތަކެއް ލާޒިމްކުރާ ކަމަށާއި ނަމަވެސް އެ އިންތިޒާމްތައް ހަމަޖެއްސުމަށް އެންމެ ބޮޑު އުނދަގުލަކަށްވެފައިވަނީ ބަޖެޓްގެ ދަތިކަން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކޯޓެއް އިލެކްޓްރޯނިކް ވިއުގާއަކުން ގުޅާލަންޖެހޭކަން ފާހަގަކުރެއްވި އެވެ. އަދިވެސް 87 ކޯޓެއްގައި ވިއުގާގެ ތެރެއަށް ނުވެއްދި އެބަ އޮތެވެ. ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ ކޯޓުތައް ވެސް ވިއުގާއިން ގުޅާލެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ މަހާސިންތާއަކީ އެހެން ހުރި ކަންކަން ހައްލުކޮށް، މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކަން ފައިސަލް ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އިސްނެގުމަށް ކޮންމެ އަހަރު ބާއްވާ ޖުޑީޝަލް އިޔާގެ ދަށުން ފަނޑިޔާރުންގެ މަހާސިންތާގެ އިތުރުން ދާއިރާގެ ބޭފުޅުންގެ ކޮންފަރެންސް ވެސް ބާއްވަ އެވެ. އެގޮތުން މި އަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމާއި މިނިވަންކުރުމާ ގުޅޭ ގޮތުންނެެވެ.

ދަރުބާރުގޭގައި ދެ ދުވަހަށް ކުރިއަށް ދިޔަ ކޮންފަރެންސްގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ވަކީލުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ނޫސްވެރިން ވެސް ބައިވެރިވި އެވެ.